Wednesday, March 12, 2008

ނ. އަތޮޅު ހޮސްޕިޓަލްގައި އަލަށް ޢިމާރާތް ކުރެވޭ ބައިގެ މަސައްކަތް ނިމެނީ


މަނަދޫގައި ހުންނަ ނ. އަތޮޅުހޮސްޕިޓަލްގައި އަލަށް އިމާރާތްކުރެވެމުންދާ ބައިގެ މަސައްކަތް ނިމި ކައިރި މުސްތަޤްބަލެއްގައި މިތަނުގެ ޚިދުމަތް ދެވެންފެށޭނެވަރު ވާނެކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ. ކުރީގެ ސިއްޙީ މަރުކަޒުގެ ހުޅަނގުން އޮތް ބިމުގައި ޢިމާރާތްކުރެވޭ ބައިގައި ރިސެޕްޝަނަކާއި، ލެބޯޓްރީ އަކާއި، ބަލިމީހުން ބެލުމަށް 3 ކޮޓަރި އާއި އަދި އޯ.ޕީ.ޑީގެ ޚިދުމަތް އިންތިޒާމްކުރެވިފައި ވެއެވެ. މިޢިމާރާތް ހުޅުވުމުން ހޮސްޕިޓަލުން ފަރުވާހޯދާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް މިބްލޮގުން އުއްމީދުކުރަމެވެ. މިހާރު ނ. އަތޮޅު ހޮސްޕިޓަލްގައި 5 ޑޮކްޓަރުން ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ. މީގެތެރޭގައި 3 ސީނިއަރ މެޑިކަލް އޮފިސަރަކާއި އަންހެނުނަށް ޚާއްޞަ ގައިނީ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ނ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ މިވަގުތު ހުންނެވީ ޗުއްޓީއެއްގައި އިންޑިއާގައެވެ. ނ. އަތޮޅު ސިއްޙީމަރުކަޒުގެ ނަމުން މަޝްހޫރުވެފައިވާ މިހޮސްޕިޓަލް ނ. އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވީ 18 ސެޕްޓެމްބަރ 2004 ގައެވެ.

No comments: