Sunday, March 16, 2008

މަގޭ ރިޕޯޓް: ދަރިންނަކީ މައިންބަފައިންގެ ސާހިބުންނެވެ

އަލިފު-ސީނު

މައިންބަފައިންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެވިފައިވާ ބައެކެވެ. ﷲ އާއި ރަސޫލާއަށް ކިޔަމަންކަން އަދާކުރުމަށްފަހު ދެން ދީނުގައި އަންގަވަނީ މައިން ބަފައިންނަށް ކިޔަމަންވުމަށެވެ. މިކަމުންވެސް އެނގެނީ މައިންބަފައިންނަކީ ކިހާމާތް ބައެއްކަމެވެ. ދަރިން އަބަދުވެސް މައިންބަފައިންނަށް ކިޔަމަން ވާންޖެހޭނެއެވެ. ހަމައެފަދައިން މައިންބަފައިންވެސް ވާންޖެހޭނީ ދަރިންނަށް ހެޔޮގޮތް ބުނެދީ ފުރިހަމަ ތަރުބިއްޔަތެއް ދޭ ބަޔަކަށެވެ. މިއީ ދުނިޔެ ފެށުނީއްސުރެވެސް މިކަން ހިނގަމުން އަންނަ ގޮތެވެ.

އެހެންނަމަވެސް ހިތާމައާއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއަދު މަނަދޫ ފަސްގަނޑުން މިކަން އެންމެ އެދެވޭ ގޮތުގައި ފެންނަމުން ނުދާތީއެވެ. ޒަމާނުއްސުރެ މަނަދޫގައި އޮތް މިރީތި އާދަ މިއަދު ވަނީ އެކޮޅުކޮޅުން ޖެހިފައެވެ. ދަރިންނަކީ މައިންބަފައިންނަށް ގޮތް ކިޔައިދީ އަމުރު ކުރަންތިބޭ މީހުންނެވެ. މައިންބަފައިން ހަދަންޖެހޭނީ ދަރިން ބުނާގޮތެކެވެ. ދަރިން ކިރިޔާވެސް ނުރުހޭފަދަ ގޮތަކަށް ކަމެއް ކޮށްފިނަމަ އެދެން ގެއަށް ''ގިޔާމަތް'' ލައިގަތީއެވެ. ޢުމުރު ދުވަހު ބައްޕަ އަތްފައި ކޮށައިގެން ހޯދާފައިވާ ހުރިއްޔާ ހުރިހާ މުދަލެއް ތަޅާ ސުންނާފަތި ކޮށްލަންވެސް ދަރިން ފަހަކަށް ނުޖެހޭނެއެވެ. ކުރާނީ ކިއްތޯއެވެ. މިއީ މިއަދު މަނަދޫ ފަސްގަނޑުން ފެންނަ ޤަބޫލުކުރަން ދަތި ނަމަވެސް ޙަޤީޤަތެވެ. އާއިލާ ތެރޭގައި ''ރަންދަރިން'' ގެ ގޮތުގައި ބޮޑުކުރާ ކުދިންގެ ހާލު އަދި މާބޮޑެވެ. ދަރިއަކު ގޯސްކަމެއް ކުރިއަސް މާބޮޑު ކަމަކަށް ނުވެއެވެ. ކުރާ ބޮޑެތި ކުށްތައްވެސް ގިނަފަހަރަށް ސިއްރު ކުރަނީ ހަމަ މައިން ބަފައިންނެވެ. މިކަމުގެ ސަބަބުން ދަރިންނަށް ގޯސް މަގުން ދިއުމަށް އިތުރު ހިތްވަރެއް ލިބެއެވެ.

އަޅެފަހެ މިއީ ކޮންފަދަ ލޯތްބެއްތޯއެވެ. އަޅުގަނޑުމެން މިއަށް ކިޔަންވީ ކަނުލޯތްބެވެ. ކަނުލޯބި ދީގެން ބަލާބޮޑު ކުރަމުންދާ ކިތަންމެ ރަންދަރިންނެއް މަނަދޫގައި އެބަތިއްބެވެ. ނަތީޖާ އަކަށްވަނީ ދަރިން ފިޔަފަޅާ ހަރުވުމުން ބަލާބޮޑުކުރި މައިންބަފައިންގެ މައްޗަށް އަމުރު ހިންގުމެވެ. ވިހިތިރީސް އަހަރު ވަންދެން ދެލޮލުގެ ކޮއި ފަދައިން ބަލާބޮޑުކުރީމާ މިއަށްވުރެ ރަނގަޅު އިނާމެއް ދޭން ނުފެނުނީ ބާއެވެ

No comments: