Tuesday, April 8, 2008

ކިޔުންތެރިންގެ ސަމާލުކަމަށް


މަނަދޫ ލައިވް ވެބްސައިޓް އިފްތިތާޙް ކުރުމާއެކު މި ބްލޮގް މިހިސާބުން ކުރިއަށް ގެންދިއުން ހުއްޓާލި ވާހަކަ ދަންނަވަމެވެ.
------------------------------------------------------------

މަނަދޫލައިވް.ކޮމް އިފްތިތާޙް ކުރުމާއެކު މަނަދޫލައިވް.ބްލޮގްސްޕޮޓް.ކޮމް މިހިސާބުން ކުރިއަށް ގެންދިއުން ހުއްޓާލި ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަނަދޫ ލައިވްގެ ފެށުމަކީ މި ބްލޮގު ކަމަށްވެފައި ކިޔުންތެރިން މި ބްލޮގަށް ދެއްވި ތަރުހީބަށް ޝުކުރު ދަންނަވަމެވެ. ﷲ ގެ ވާގިފުޅާއެކު ރާއްޖެ އިސްލާމްވި ދުވަހު މަނަދޫ ލައިވް ވަނީ މަނަދޫގެ ފުރަތަމަ އޮފިޝަލް ވެބްސައިޓްގެ ގޮތުގައި ދުނިޔެއަށް ނޭވާލާފައެވެ. އެކަމަށްޓަކައި އުފާކޮށް ﷲ އަށް ޙަމްދުކޮށް ޝުރުދަންނަވަމެވެ. – އެޑިޓަރ
http://www.manadhoolive.com/

Monday, April 7, 2008

ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ހަމަޖެއްސެވި 19 ރަށުގެ ތެރޭގައި މަނަދޫ އާއި ކެނދިކުޅުދޫ ހިމެނިއްޖެ



އަތޮޅުތެރޭގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެދަށުން 2.5 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން މިއަހަރު 19 ރަށެއްގައި ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި މަނަދޫ އާއި ކެނދިކުޅުދޫ ހިމެނިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓްގައި ހިމެނިގެން މިއަހަރު ކަރަންޓުގެ ޚިދުމަތް ތަރައްޤީކުރާ 19 ރަށް ބަހާލެވިފައިވަނީ 3 ބަޔަކަށެވެ. މަނަދޫ އާއި ކެނދިކުޅުދޫ މިދެރަށް ހިމެނެނީ މިމަޝްރޫޢުގެ ފުރަތަމަ ބައިގައިއެވެ

ރާއްޖޭގެ އުތުރުގެ ދެ އަތޮޅެއްގެ ޕޮލިސް ސްޓޭޝަން ހިންގުން މަނަދޫ ދެޒުވާނަކާއި ޙަވާލުކުރެވިއްޖެ



ރާއްޖޭގެ އުތުރު 2 އަތޮޅެއްގައި ހުރި މޯލްޑިވްސް ޕޮލިސް ސާރވިސްގެ 2 ޕޮލިސް ސްޓޭޝަނެއް ވަޤުތީ ގޮތުން ހިންގެވުމާއި މަނަދޫގެ ޒުވާން ދެ ބޭފުޅަކާއި ޙަވާލުކުރެވިއްޖެ ކަމުގައި އެމްއެލްއަށް މަޢުލޫމާތު ލިބިއްޖެއެވެ. އެގޮތުން ރ. އަތޮޅު ޕޮލިސް ސްޓޭޝަން ހިންގެވުމާއި ޙަވާލުހުންނެވީ މަނަދޫ ލަވްސައިޑް ލާންސްކޯޕްރަލް މުޙައްމަދު ޝިފާޢު އެވެ. އަދިހަމަ އެހެންމެ ނ. އަތޮޅު ޕޮލިސް ސްޓޭޝަން ވަގުތީ ގޮތުން ހިންގެވުމާއި ޙަވާލުވެ ހުންނެވީ މަނަދޫ ފިތުރޯނުގެ ކޯޕްރަލް އަޙްމަދު އާތިފް އެވެ. ސަރުކާރުގެ ނުހަނު މަތީ މުއައްސާއެއްގެ އިދާރާއެއް ހިންގާ ބެލެހެއްޓުން މިއީ ހަލަބޮލި މިޒަމާނުގައި މަނަދޫގެ ދެ ޒުވާނުންނަށް ލިބިގެންދިޔަ މަތިވެރި ޝަރަފަކާއި ފަޚުރެއްކަމަށް އެމްއެލް ދެކެމެވެ. އަދި މިކަމަށްޓަކައި އޭގެ ދެ ޒުވާނުންނަށް މަރުޙަބާ ދަންނަވާ އިޚްލާސްތެރިކަމާއެކު ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމަކީ އެމްއެލް އެދޭ ވަރަށްބޮޑު އެދުމެއްވެސް މެއެވެ. މިކަމުން ދޭހަވެގެންދަނީ މަނަދޫގެ ލޮބުވެތި ދަރިން މިއަދު މިޤައުމަށް ޚިދުމަތްކުރުމުގައި ކުރީސަފުގައި ވަރަށް ސާބިތުކަމާއިއެކު ތިބިކަމެވެ

ނ. އަތޮޅު މަދަރުސާގައި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަނީ



ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބަތުގައި ނ. އަތޮޅު މަދަރުސާއިން ދީނީ ނަސޭޙަތް ދެއްވުމުގެ ޕްރޮގްރާމެއް ހިންގަވާގޮތަށް ނިންމަވައިފިއެވެ. އެގޮތުން މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 7 އޭޕްރީލް 2008 ދުވަހުގެރޭ (މިރޭ) 9:00 ގައި ގްރޭޑް 8 ން މަތީގެ ކްލާސްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންގެ އިތުރުން އަޑުއެއްސެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ. އަދި 8 އޭޕްރީލް 2008 ދުވަހުގެ ހެދުނު 9:00 ގައި ދީނީ ނަސޭޙަތް ދެއްވާނީ ގްރޭޑް 7 ން ދަށުގެ ކްލާސްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކަމަށް އަތޮޅު މަދަރުސާއިން މަޢުލޫމާތު ދެއްވައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބަތުގައި ބޭއްވޭ ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމްގައި މަނަދޫގެ ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތުމަކީ އަތޮޅުމަދަރުސާގެ ވަރަށްބޮޑު އެދުމެކެވެ



އަތޮޅު ޚަބަރު: މުހައްމަދު ނަޝީދު (އަންނި) ނ. އަތޮޅުގައި ކެމްޕެއިން ކުރައްވައިފި




އެމްޑީޕީގެ ޕްރައިމަރީޒްގައި ވާދަކުރައްވާ މުޙައްމަދު ނަޝީދު (އަންނި) ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ކެމްޕެއިން ކުރައްވައިފިއެވެ. މިދަތުރުފުޅުގައި މާފަރު، ލަންދޫ، ވެލިދޫ، މިލަދޫ އަދި ކުޑަފަރީއަށް ޒިޔާރަތް ކުރެއްވިކަމަށް ޚަބަރު ލިބިފައިވެއެވެ. މުޙައްމަދު ނަޝީދުގެ މިދަތުރުފުޅުގައި އެރަށްރަށުގައި ތިއްބެވި އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވައި ޚިޔާލުބަދަލުކޮށް ލައްވާފައިވެއެވެ. ނ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ނ. އަތޮޅުގައި މިހާރު އެމްޑީޕީއަށް ތާއީދުކުރާ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށާއި އަދި އިސްލާހަށް ލޯބިކުރާ ގިނަ ރައްޔިތުންތަކެއް ނ. އަތޮޅުގައި މިހާރު އެބަ ތިއްބެވި ކަމަށެވެ

Sunday, April 6, 2008

އަތޮޅު އޮފީހުގައި ބޭނުންކުރާ ލޯންޗް ތިލަފުއްޓަށް އެހެލައިފި




އަތޮޅުއޮފީހުގައި ބޭނުންކުރާ ލޯންޗް ތިލަފުއްޓަށް އެހެލައިފިއެވެ. ''ރަންދުނި''ގެ ނަމުން ނަން ދެވިފައިވާ މި ލޯންޗް ތިލަފުއްޓަށް އެހެލީ މަރާމާތައް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން ލޯންޗްގައި މިހާރު ބޭނުންކުރަމުން އަންނަ ޕެޓްރޯލް ޓޭންކުން ލީކުވާތީ ޓޭންކް ބަދަލުކުރުމާއި، އަންޑަރ ކޯޓެއް ލުމަށް ވަނީ ނިންމާފައެވެ. މި ލޯންޗް ތިލަފުށީގައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްވާނެކަމަށް ޚަބަރުތައް ބުނެއެވެ

ނ. އަތޮޅު އޮފީހުގެ ފަރާތުން ނީލަމެއް ބާއްވައިފި

ނ. އަތޮޅުއޮފީހުގައި ބޭނުންކޮށްފައި ހުރި ބައެއް މުދާ ނީލަންކިޔުން އިއްޔެ ބާއްވައިފިއެވެ. މި ނީލަމުގައި ބައިވެރިކޮށްފައިވާ މުދަލުގެ ތެރޭގައި އިލެކްޓްރޯނިކްސް ބައެއް ސާމާނާއި ފަންކާ އާއި ދަވާދާއި މިހެންގޮސް ވަރަށްގިނަ ސާމާނު އެކުލެވިގެންވެއެވެ. ބޭނުން ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިގެން މިބޭއްވި ނީލަމުގައި މަނަދޫގައި ގިނަ ފަރާތްތަކުން ބައިވެރިވެ އެދެވޭ ތަރުހީބެއް ނީލަމަށް ލިބުނުކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިފައިވެއެވެ. ނީލަން ކިޔުން އޮތީ ފަސްމީރު ޢިމާރާތުގައެވެ