Thursday, March 13, 2008

މަގޭ ރިޕޯޓް: މަނަދޫއަށް ޒުވާން ތަޢުލީމީ ވެރިން ބޭނުންވޭ

ކޮންމެ ތަނެއްވެސް ކުރިއަރާ ތަރައްޤީވެގެންދާނީ އެބައެއްގެ މަސައްކަތުންނެވެ. އެބައެއްގެ ވެރިންގެ ދުރުވިސްނުމާއި ތޫނުފިލިކަން އަދި ރައްޔިތުންގެ މެދުގައި ގެންގުޅޭ ހަމަހަމަކަމުގެ ސަބަބުންނެވެ. މަނަދޫ ރައްޔިތުންނަކީ ސުލުހައަށްލޯބިކުރާ ސުލުހަވެރި ރައްޔިތެކެވެ. މަނަދޫގެ ތަރައްޤީއާއި ކުރިއެރުންތަށް މިހިސާބަށް އައުމުގައި މިހާތަނަށް މަނަދޫގެ ވެރިކަން ކުރެއްވި ހުރިހާ ވެރިންގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތެވެ. އެބޭފުޅުން މަނަދޫއަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރަމެވެ. އަދި މިހާރު ވެރިކަމުގައި ތިއްބެވި ވެރިންނަށްވެސް އެބޭފުޅުންނަށްވެސް ޙައްޤު ޝުކުރު ދަންނަވަމެވެ

މަނަދޫގައި މިހާރު ތިން ވެރިން އެބަތިއްބެވިއެވެ. މި ތިންބޭފުޅުންނަކީވެސް މިޒަމާނުގެ ތަޢުލީމް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެއްނޫނެވެ. އެހެންނަމަވެސް މި ތިން ވެރިންނަކީވެސް ވެރިކަމުގެ ކޯސް ފުރިހަމަކުރައްވާ ފާސްވެފައިވާ ބޭފުޅުންނެވެ. ތިން ކަތީބުންނަކީވެސް އެކިފަހަރުމަތިން ސަރުކާރުގައި މަސައްކަތްކުރައްވާ ޚިދުމަތްތަކުގެ މުއްދަތު އެއްކުރުމުން ޕެންޝަން ލިބިވަޑައިގަންނަވާނެ ބޭފުޅުންނެވެ. ނޫނީ ޕެންޝަނަރުންނެވެ. މި ބޭފުޅުންގެ ބަދަލުގައި ޒަމާނީ ތަޢުލީމް ލިބިގެންތިބި ޒުވާނުން މަނަދޫގެ ވެރިކަމަށް އަންނަން ވެއްޖެއެވެ. ވެރިކަމަށް ގެންނަން ވެއްޖެއެވެ. ރަށުގެ ކަންތައްތައް ރަނގަޅުކޮށް ތަރައްޤީ ކުރުމަށް އެދޭނަމަ ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އުފުލާން ޖެހޭނެއެވެ. ޤައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ނާހާ ޤައުމަށް ތިމާއަށް ކޮށްދެވެނީ ކޮންކަމޭތޯ ބަލާށޭ ބުނާގޮތަށް ކޮންމެ މީހަކުވެސް ކޮންމެ ޒުވާނަކުވެސް ތިމާގެ އުފަން ރަށަށް ކޮށްދެވުނީ ކޮންކަމެއްތޯ އަމިއްލަ ނަފުސާ ސުވާލުކުރައްވާށެވެ. ޖީސީއީ އޯލެވެލް އާއި އޭލެވެލް އާއި ޑިގްރީ ހަދާފައިވާ މަނަދޫ ޒުވާނުން މަނަދޫމަތިން ހަނދާނެއް ނުހުރެއެވެ. ވަގުތީ ޓީޗަރުންނާއި ބީރައްޓެހި ރަށްރަށުގެ ޓީޗަރުންނާއި ހެޑްމާސްޓަރުން ލައިގެން މަނަދޫގައި ހުންނަ އަތޮޅު މަދަރުސާ ހިންގާއިރު އެކަމަށް ފާޑުކިޔަން އަޅުގަނޑުމެންނަށް އޮތީ ކޮން ހައްގެއްތޯއެވެ. އެ މަދަރުސާއިން ކިޔަވައިގެން ނިކުމެ އެ މަދަރުސާ ގައި މަސައްކަތްކޮށް މަނަދޫއަށްޓަކައި ޚިދުމަތްކުރައްވާ ޓީޗަރުންގެ ވާހަކަ ދައްކަން އަޅުގަނޑުމެން މިތިބީ އެމަދަރުސާމަތިން ހަނދާން ނައްތާލާފައެވެ. މަނަދޫގެ ވެރިކަމުގެ ކަންތައްތައްވެސް ހުރީ އެހެންނެވެ. ރަށުގައި ކަންތައްތައް ނުވާ ވާހަކަ ދައްކާހިތް ވެއެވެ. ރައްޔިތުންނަށް މަސައްކަތު ގޮވާލުމުން އިޖްތިމާޢީ ގޮތުން ނިކުމެ މަސައްކަތްކުރާހާ ހިތްވަރެއް އަޅުގަނޑުމެންގެ ނެތެވެ

ރަށުގައި ތިބެނީ މަދު ރައްޔިތުންކޮޅެކެވެ. ކާންބޯން މަސައްކަތްކޮށްފައި ރަށް ނަގަހައްޓާ ރަށް ކުރިއަރުވަންވެސް ޖެހެނީ އެމީހުންނަށެވެ. ދެން ތިބީ ވެރިންނެވެ. ރާއްޖޭގައި ވެރިއަކަށް މަޔަކަށް ބަފަޔަކަށް އިހުތިރާމު ކުރާމީހާ އެއީ ކަޓު މީހެއްކަމަށް ޒުވާނުންނަށް ހީވެއެވެ. ގަޓު ހުންނަނީ މައިންބަފައިންގެ ކުރިމަތީގައިވެސް ތަރަތަރަޖަހާ، ވެރިންގެ ކުރިމަތީގައިވެސް ހަޅޭއްލެވޭ މީހުންގެ ކަމަށް މިއުޅެނީ ހީވެގެންނެވެ. މިހާރު ވެރިކަމުގައި ތިބެން ޖެހެނީ އެގޮތަށް ހަޅޭއްލަވާ މީހުންގެ އަޑުތައްވެސް އެހުމުގެ ގާބިލުކަން ހުންނަ ކެތްތެރި މީހުންނެވެ. އެ ކެތްތެރިކަން ހުރި ޒުވާނުން ބޭނުންވެއެވެ. ރާއްޖޭގައި ހެދެމުންދާ ގާނޫނު އަސާސީގެ ދަށުން ރަށްރަށުގެ ވެރިންވެސް އިންތިޚާބު ކުރެވޭނެއެވެ. އެކަމަށް ކުރިމަތިލާ މިހާރު ތިބި ތަޢުލީމީ ގޮތުން ޒަމާނާ ނުގުޅޭ ދުވަސްވީ ވެރިންގެ ބަދަލުގައި ޒުވާންވެރިއަކަށްވުމުގެ ޝައުޤު ޒުވާނުންގެ ކިބައިގައި ނެތްނަމަ އުފައްދައިގެންވެސް، ހިތްވަރުނެތްނަމަ ހިތްވަރު ގެނެސްގެންވެސް ޒުވާން ވެރިން މަނަދޫއަށް ގެންނަން ވެއްޖެއެވެ. މިހެން ދަންނަވާއިރުވެސް މަނަދޫ ރކ ކޮމެޓީއަށް ކުރިމަތިލާނެ ޒުވާނުން ނުވާކަމާއި ސަރުކާރުގެ މުސާރައަށްވުރެ ބޮޑު މުސާރަ އެހެން ގޮތްގޮތުން ލިބޭތީ ރައްޔިތުންނަށާއި މަނަދޫގެ ތަރައްޤީއަށް ޚިދުމަތްކުރަން ރަށު އޮފީހަށާއި އަތޮޅު އޮފީހަށް ވަންނާނެ ރަނގަޅު ފެންވަރުގެ ޒުވާނުންވަނީ ވަރަށް މަދުންކަން ދަންނަވަންޖެހެއެވެ. ސްކޫލްގެ ޕީޓީއޭގެ މަގާމުތަކަށްވެސް ކުރިމަތިލާނެ ޒުވާން ބެލެނިވެރިން ނުވާކަމާއި ރަށުގެ ކަންތައްތަކުގައި އިސްނަގައިގެން އުޅޭނެ އާ މޫނުތައް ނުފެންނަކަން ހިތާމައާއެކު ފާހަގަކޮށް މިކަންކަން ރަނގަޅު ކުރުމަށް ގޮވާލަމެވެ

No comments: