Thursday, March 13, 2008

މަގޭރިޕޯޓް: މަނަދޫގެ ޅަ ދަރިންގެ މުސްތަގުބަލާމެދު ވިސްނަންވެއްޖެ

ލިޔުނީ: އަލިފު- ސީނު
(cyber.cop@live.com)

ރަށެއްވިޔަސް އަތޮޅެއްވިޔަސް ނުވަތަ ޤައުމެއްވިޔަސް އެތަނެއް ތަރައްޤީ ކުރުމުގެ އެންމެ އިސްދައުރެއް އަދާކުރަނީ އެތަނެއްގެ ޒުވާނުންނެވެ. އަޅުގަނޑު ވަރަށް ގިނައިން އަޑުއަހާ ޖުމުލައެއް ދަންނަވާލާނަމެވެ. " މިއަދުގެ ކިޔަވާ ކުދިންނަކީ މާދަމާގެ ޒުވާނުންނެވެ." މިއަދުގެ ކިޔަވާ ކުދިންނަކީ މާދަމާ މިގައުމު ބިނާކުރަންތިބި ކުދިންނެވެ. އެހެންކަމަށްވާނަމަ މަނަދޫގައި މިއަދު ކިޔަވަމުންދާ ކުދިންނަކީ މާދަމާ މަނަދޫ ތަރައްޤީ ކުރަންތިބި ކުދިންނޫންތޯއެވެ؟ މިހިސާބުން ސުވާލުމާކު ތަކެއް އެބަ ކުރިމަތިވެއެވެ. ތަނެއް ތަރައްގީ ކުރަނީ ޢިލުމާއި ފިކުރާއި ޚިޔާލާއި އަދި އަޚްލާޤު ގުޅިގެންނެވެ. ސުވާލަކީ މިއަދު މަނަދޫގައި އުޅޭ ކިޔަވާކުދިން ނަށް ލިބެމުންދާ ތަޢުލީމާއި ތަރުބިއްޔަތުގެ އެހީގަ އެފަދަބުރަ އަދި މުހިންމު މަސްޢޫލިއްޔަތެއް އެކުދިންނަށް އުފުލޭނެތޯއެވެ؟ ދަރިންނަށް ލިބެމުންދަނީ އެންމެ އެދެވޭ ތަޢުލީމާއި ތަރުބިއްޔަތުތޯއެވެ؟

މަނަދޫގައި ހުންނަ އަތޮޅު މަދަރުސާގައި ޖީސީއީ އޯލެވެލް ހަދަން ފެށިތާ މިހާރު 8 އަހަރު ވެއްޖެއެވެ. 8 އަހަރު ފާއިތުވެދިޔައިރު އަދިވެސް އަމިއްލަ ފަސްގަނޑުގައި ތިބެގެން މަނަދޫ ދަރިންނަށް ތަޢުލީމް ސާނަވީއަށް ކިޔެވުމުގެ ފުރުސަތެއް ނުލިބެއެވެ. ނުވިތާކަށް އޯލެވެލް އިމްތިހާނުގައި އެދެވޭ ނަތީޖާއެއްވެސް ލިބިފައެއްނެތެވެ. އިހައްދުވަހަކު އޯލެވެލް ހަދަންފެށި ކެނދިކުޅުދޫގައި މިހާރު އެގެންދަނީ މަތީ ސާނަވީ ކިޔަވައިދެމުންނެވެ. ހޮޅުދޫ މޭނާ ސްކޫލްގައި މިއަހަރު މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާނެއެވެ. މިކަމަކީ އަތޮޅުގެ ދެވަނައަށް އެންމެ ބޮޑު ސްކޫލުން ތަޢުލީމް ހާސިލުކުރި ދަރިވަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ބޮޑަށް ލަދުގަންނަ ކަމެކެވެ.
އަތޮޅު މަދަރުސާގެ ދަރިވަރުންގެ އަޚްލާޤީ ފެންވަރުވެސް ދުވަހަކަށްވުރެ ދުވަހެއް ދަނީ ދަށަށެވެ. ގިނަ އަދަދެއްގެ ދަރިވަރުން ތަކެއް ދުންފަތުގެ އިސްތިޢުމާލު ކުރާކަން އެއީ ރަށުގެ ހުރިހާ ރައްޔިތުންވެސް އަދި ސްކޫލުގެ ހުރިހާ މުވައްޒަފުންވެސް ދަންނަ " ބޮޑު ސިއްރެ" ކެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި ދެތިން ފަހަރަކު ކުދިން އިސްލާހު ކުރުމުގެ ޕްރޮގްރާމެއް ފެށިއެވެ. ނަމަވެސް އެކަމަށް މިހާރު މާބޮޑު ސަމާލުކަމެއް އެއްވެސް ފަރާތަކުން ދެމުން ގެންދާހެނެއް ހިޔެއް ނުވެއެވެ. އެންމެންވެސް އުޅެނީ އަހަރީދުވަސް ހަކަލަ ކޮންމެވެސް ކަމެއްގައި މާބޮޑަށް " ބިޒީ " ވެގެންނެވެ. ކުދިންގެ ތަޢުލީމާއި އަޚްލާޤީ ފެންވަރު ދަށަށް ދިއުމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުންތޯއެވެ؟ މައިން ބަފައިން ފޮތްފަންސުރާއި ދަބަހާ ގަތްދީފައި ސްކޫލަށް ފޮނުވައެވެ. މުދައްރިސުން ކުލާހުގައި ބަރާބަރަށް ފިލާވަޅު ނަގައިދެއްވައެވެ. ދެފަރާތުގެ ޒިންމާވެސް އަދާކުރެއްވިއްޖެ ނޫންތޯއެވެ. ނޫނެކެވެ. ދެފަރާތުގެ މަސްޢޫލިއްޔަތު ބަރާބަރަށް އަދާކުރެވެމުންދާނަމަ މިއަދު ކުދިންގެ އަޚްލާޤާއި ތަޢުލީމު އެހާ ދަށަކަށް ނުވެއްޓޭނެއެވެ. އެހެން ސްކޫލުތަކުގައި އޯލެވެލް އާއި އޭލެވެލްގެ ފުރުސަތު ހޯދަމަށް ސްކޫލާއި މައިން ބަފައިންނާއި ޕީޓީއޭ އާއި ރަށުގެ ކުލަބް ޖަމުޢިއްޔާތަކާއި އާންމު ރައްޔިތުން ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. މަނަދޫ ކިޔަވާ ކުދިންގެ ތަޢުލީމީ ހާލަތު ރަނގަޅުކުރަން ބޭނުންނަމަ ހުރިހާ ފަރާތަކުން އެއްބާރުލުން ވަރަށް މުހިންމެވެ. އެއްއަތް ތެޅިއަކަސް އަޑެއް ނުކިޔާނެއެވެ. އަޑުކިޔުވަން ބޭނުންނަމަ ޖެހޭނީ ދެއަތުން ތަޅާށެވެ.

No comments: