Monday, March 31, 2008

މަނަދޫ ރޯޝަނީގެ ޢަބްދުލްކަރީމް މުޙަންމަދު ނިޔާވެއްޖެ



މަނަދޫ ރޯޝަނީގެ ޢަބްދުލްކަރީމް މުޙަންމަދު (ކަރީމްބެ) ވަރަށް ގިނަ ދުވަހު ބަލިވެއުޅުއްވުމަށްފަހު ރޭ ގާތްގަނޑަކަށް 8:30 ގައި ނިޔާވެއްޖެއެވެ. ޢުމުރުން 75 އަހަރުގެ ކަރީމްބެ ނިޔާވީ މުސްކުޅި ބަލީގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ކަރީމްބެ ނިޔާވިއިރު ފިރިހެން ބޭފުޅަކާއި 3 އަންހެން ބޭކަނބަލަކު ދުނިޔޭގައި އެބަތިއްބެވިއެވެ. ޖަރީ އާއި އާކަރު ދޯނި ދުއްވުމުގައި މަނަދޫގައި މަޝްހޫރުވެފައިވާ އަލްމަރްހޫމް އަބްދުލްކަރީމް މުޙަންމަދަކީ މަސްވެރިކަން ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިހިތާމަވެރި ދަނޑިވަޅުގައި ޢަބްދުލްކަރީމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ. އަދި މަނަދޫ ލައިވްގެ ކިޔުންތެރިންގެ ފަރާތުން އަލްމަރްހޫމް ޢަބްދުލްކަރީމްގެ އާއިލާއަށާއި ރައްޓެހިންނަށް ތަޢުޒިޔާ ދަންނަވަމެވެ

މަނަދޫ ގައި އަލަށް އަޅާ ސްޓޭޑިއަމްގެ ބިން ސާފުކުރުމުގެ މަސައްކަތް ކުރެވެން ފަށައިފި



މަނަދޫގައި ސްޓޭޑިއަމެއް އެޅުމަށްޓަކައި ޔޫތް މިނިސްޓްރީން ނަންގަވާފައިވާ ބިމުގެ ތެރޭގައި ހުރި ރުއްގަސްތައް ނެގުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިއްޖެއެވެ. މި މަސައްކަތް ކުރެވެމުންދަނީ ސްޓޭޑިއަމް އަޅާ ބިމުގައި ހުރި ރުއްގަސްތަކަށް ސަރުކާރުން ބަދަލުދެއްވާ ގޮތަށް ނިންމަވާ އެކަން އެތަކެތީގެ ވެރިފަރާތްތަކަށް އަންގަވައި އެކަމާއި އެއްބަސްވުމުންނެވެ. ސްޓޭޑިއަމް އަޅާ ބިމުގައި ހުރި ރުއްގަސްތައް ނެގުން ޙަވާލުކޮށްފައިވަނީ ކުޑަފަރީ ޝިޔާމު ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރައްވާ މެދަފުށްޓާއެވެ. މެދުފުށްޓާއި މިމަސައްކަތް ކުރަން ޙަވާލުކުރެއްވީ ، ސްޓޭޑިއަމް އަޅާ ބިމުގައި ހުރި ބައެއް ރުއް ގަސް އެފަރާތުން ބޭނުންވާތީ ވެވުނު އެއްބަސް ވުމެއްގެ ދަށުން ސްޓޭޑިއަމް އަޅާ ބިމުގައި ހުރި ބައެއް ރުއްގަސް އެފަރާތައް ދެއްވާ ގޮތަށެވެ. އަދި މިމަސައްކަތް ނިމޭއިރު ސްޓޭޑިއަމް އަޅާ ބިންއެއްކޮށް ސާފުކޮށްދެން ޖެހޭނެކަމަށް މިއެއްބަސް ވުމުގައި ވެއެވެ. މިމައްސައްކަތް ކުރެވެމުން ދަނިކޮށް ތިމާވެއްޓަށް ގެއްލުންވާ ފަދަ މަސައްކަތެއް މަނަދޫގައި ކުރާކަމުގެ ރިޕޯޓެއް ތިމާވެއްޓާއި ބެހޭ މިނިސްޓްރީއަށް ލިބިލެއްވުމާއި ގުޅިގެން، އެމިނިސްޓްރީން މަނަދޫ އޮފީހަށް ސިޓީއެއް ފޮނުއްވާ މަސައްކަތް ހުއްޓާލުމަށް އެދިލައްވާފައިވާތީ، މިކަމާއި ގުޅިގެން ތިމާވެއްޓާއި ބެހޭ މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އެޅުއްވިތޯ ކަތީބު ޙަސަން އިބްރާހީމް އާއި ސުވާލު ދަންނަވާލުމުން، ކަތީބު ވިދާޅުވީ އެކަމާއި ގުޅިގެން މިނިސްޓްރީން ސިޓީއެއް ލިބިފައިވާ ކަމަށާއި، އެހެންނަމަވެސް މިނިސްޓްރީން އެވިދާޅުވާ ގޮތަށް މިމަސައްކަތަކީ ތިމާވެއްޓަށް ގެއްލުމެއް ލިބިދާނެ ކަމެއްކަމަށް ދެކިނުލައްވާ ކަމަށެވެ. އަދި ތިމާވެއްޓާއި ބެހޭ މިނިސްޓްރީއަށް މިމަސައްކަތާއި ބެހޭ ފުރިހަމަ މަޢުލޫމާތު އެރުވުމުން މަސައްކަތް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން ހުއްދައިގެ ސިޓީއެއް ފޮނުއްވާނެކަމަށް ވިދާޅުވި ކަމަށްވެސް ކަތީބު އެމްއެލްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. ކަތީބު ވިދާޅުވީ މިހާރު މިކުރެވޭ މަސައްކަތުގައި ނުފޯދޭ ރުކާއި ގަސް ނަގަމުންދާކަމަށެވެ

އަތޮޅު ޚާއްޞަ ޚަބަރު: މާފަރުގައި ހެދުމަށް ހަމަޖެހިފައިވާ ސަރހައްދީ އެއާރޕޯރޓްގެ އީ.އައި.އޭ ރިޕޯރޓް ހެދުމުގެ ސާރވޭ ފަށައިފި



ނ. އަތޮޅު މާފަރުގައި ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދީ އެއަރޕޯރޓްގެ އީ އައި އޭ ރިޕޯރޓް ހެދުމުގެ ސާރވޭ ފަށައިފިކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިއްޖެއެވެ. މާފަރުގައި ހަދާ ސަރަހައްދީ އެއަރޕޯޓްގެ މަސައްކަތް ކުރާ ފަރާތް ކަމުގައިވާ ނޫނު ހޮޓެލް ރިޒޯޓް ޑިވެލޮޕްމަންޓުން ވިދާޅުވީ އީއައި އޭ ރިޕޯރޓް މިހަދަނީ އެއަރޕޯރޓްގެ އިތުރުން އެރަށުގައި ހަދާ ހޮޓެލްގެ ކުރެހުމަށް ބަދަލެއް އައުމުން ކަމަށެވެ. އެގޮތުން ކުރިއަށްއޮތް ދެދުވަހެއްގެ ތެރޭގައި އީ އައި އޭ ރިޕޯރޓަށް ބޭނުންވާ މައުލޫމާތު އެއްކޮށް ނިމޭނެކަމަށްވެސް އެފަރާތުން މައުލޫމާތުދެއްވައެވެ. އަދި އެއަށްފަހު އެރިޕޯރޓް މުޅިންނިންމާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ ހުއްދަ ލިބުމުން މަސައްކަތް ފަށާނެ ކަމަށްވެސް ނޫނު ހޮޓެލްއިން ވިދާޅުވެއެވެ. މާފަރުގައި ސަރަޙައްދީ އެއަރޕޯރޓެއް ހެދުމުން މަނަދޫގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބުމަށް މަގުފަހުވެގެންދާއިރު ވަޒީފާގެ ފުރުޞަތުތަކެއްވެސް ތަނަވަސްވެގެންދާނެކަމަށް ބެލެވެއެވެ

ފޮޓޯއިން ޚަބަރު: ފުލުހުންގެ 75 ވަނަ އަހަރީ ދުވަހު މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދެވި ޙަރަކާތްތަކުގެ ތެރެއިން





ފޮޓޯތައް ބޮޑުކޮށް ބެއްލެވުމަށް ފޮޓޯއަށް ކްލިކް ކޮށްލައްވާ

Sunday, March 30, 2008

އެކެއް ދޭއް ހިސާބު ނިންމުމުގެ ދުވަސް. މަނަދޫއަށް ބާރުބޮޑު ދުވަހެއް



މިއަދަކީ މަނަދޫއަށް ވަރަށް ބާރުބޮޑު ދުވަހެއްކަމަށް އެމްއެލް މަނަދޫ މުރާސިލް ޚަބަރު ދެއްވައިފިއެވެ. ކޮންމެ މަހެއް ނިމުމުން ނ. އަތޮޅުގެ އެހެން ރަށްރަށުން މުސާރަ ނެގުމަށް މަނަދޫއަށް އަންނަ ދަތުރުތަކުގައި އެރަށްރަށުގެ މީހުން ޑޮކްޓަރަށް ދެއްކުމަށާއި، ބެންކާއި، އަދި ވިޔަފާރި ކުރުމަށް މަނަދޫއަށް ޒިޔާރަތް ކުރަމުންދެއެވެ. މިއީ މަހަކު އެއްފަހަރު މަނަދޫއަށް އަންނަ ކުޑަވަރެއްގެ ޢީދެއްކަމަށް ރުންމަގުގައި އެވަގުތު އޮންނެވި ދެބައި ޢުމުރުގެ އަބްދުﷲ ސިފަކުރެއްވިއެވެ. މިއަދު މަނަދޫގެ ފިހަރާތަކާއި ސައިހޮޓާތަކާއި، ރެސްޓޯރެންޓްތަކުގެ ސޭލްސް ރަނގަޅުކަމަށް އެފަރާތްތަކުން ވިދާޅުވާއިރު، މިއަދު އެކަނިވެސް މަނަދޫއަށް އެކި ބޭނުންތަކުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން ޒިޔާރަތް ކުރިކަމަށް ލަފާކުރެއްވޭ ކަމަށް މުރާސިލް ވިދާޅުވިއެވެ

ނ. އަތޮޅުވެރިޔާ ހޮޅުދޫއަށް ވަޑައިގެންފި



ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޚަލީލު ނ. ހޮޅުދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހަވީރު މަނަދޫން ފުރާވަޑައިގެންފިއެވެ. އަތޮޅުވެރިޔާގެ އަރިހުގައި އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލް ސަޢީދު އިބްރާހީމް ބައިވެލައްވައެވެ. އަތޮޅުވެރިޔާގެ މިދަތުރުފުޅަކީ ނ. އަތޮޅު ފުޓްބޯޅަ މުބާރާއި، ޒޯން ދޭއްގެ ފުޓްބޯޅަ މުބާރާތް ހޮޅުދޫގައި ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ޙަރަކާތްތެރިވި ބޭފުޅުނަށް ސެޓްފިކެޓް ދެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިފައިވެއެވެ

ފުލުހުންގެ 75 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގެވި ކުޅިވަރު ޙަރަކާތްތައް ނިމިއްޖެ





ފުލުހުންގެ 75 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގެވި ކުޅިވަރު ޙަރަކާތްތައް ނިމިއްޖެއެވެ. އެގޮތުން ވާދެމުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ވަބޭނޭ ސްޕޯޓްސް ކްލަބެވެ. ވާދެމުމުގެ އަންހެން ޗެމްޕިއަންކަން ހޯދީ ފަތިންދާ ސްޕޯޓްސްއެވެ. އޮޕްސްޓިކަލް ރޭހުގެ ޗެމްޕިއަންކަން ހޯދީވެސް ވަބޭނޭ ސްޕޯޓްސްއެވެ. ފިރިހެން ރިލޭ ރޭހުން ޗެމްޕިއަންކަން ހޯދީ ފަތިންދާ ސްޕޯޓްސްއެވެ. އަންހެނުންގެ ފުޓްބޯޅަ މެޗު ޕޮކަޑައިލްސިޓީ އާއި ވަބޭނޭ ސްޕޯޓްސް ބައްދަލުކޮށް 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ޕޮކަޑައިލް ސިޓީއެވެ. 14 އަހަރުން ދަށުގެ ފުޓްބޯޅަ މެޗް އެފް.ޓީ ބަބުރު ކާމިޔާބުކުރީ ވަބޭނޭ ސްޕޯޓްސް އާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުންނެވެ. ސަރުކާރު މުވައްޒަފުންނާއި މަނަދޫ ޒުވާނުން ކުޅުނު މެޗް 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ މަނަދޫ ޒުވާނުންނެވެ. މަނަދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމު ކުރި މި މުބާރާތްތަކަށް ވަރަށްބޮޑު ތަރުހީބެއް ލިބުނުކަމާށާއި، ކުޅިބެލުމަށާއި ސަޕޯޓްކުރުމަށް ގިނަ ބަޔަކު މަނަދޫ ފުޓްބޯޅަ ދަނޑަށް ދިޔަކަމަށް މަނަދޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވެއެވެ

ސަރުކާރުން ދެއްވި 200 ކިލޯވޮޓްގެ ޖަނަރޭޓަރ މިއަދު އިންޖީނުގެއަށް ވެއްދުމުގެ މަސައްކަތް ކޮށްފި



މަނަދޫއަށް ސަރުކާރުން ހަދިޔާކުރެއްވި 200 ކިލޯވޮޓްގެ ޖަނަރޭޓަރ އިންޖީނުގެއަށް ވެއްދުމުގެ މަސައްކަތް މިއަދު ކުރެވިއްޖެއެވެ. މަނަދޫ ބޯޓުން ގެންދިޔަ މި ޖަނަރޭޓަރ މިއަދު އިންޖީނުގެއަށް ގެންދިޔުމުގައި ބައެއް ރައްޔިތުންގެ އެހީތެރިކަން ލިބިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޖަނަރޭޓަރ އިންޖީނުގެއަށް ގެންދިޔަ ނަމަވެސް އިންޖީނުގޭގައި ޖާގަ ނެތުމުން ޖަނަރޭޓަރ ބެހެއްޓިފައިވަނީ މަގުމަތީގައެވެ. އިންޖީނުގެއިން ޖާގައެއް ލިބުނުހާ އަވަހަކަށް ޖަނަރޭޓަރ އެތަނަށް ބަދަލުކުރެވޭނެކަމަށް މަސައްކަތުގައި ޙަރަކާތްތެރިވި އިންޖީނުގޭ ބޭފުޅަކު ވިދާޅުވިއެވެ

ފޮޓޯއިން ޚަބަރު: މަނަދޫ ޕްރީސްކޫލްކުދިންގެ ފަރި ޙަރަކާތް





ފޮޓޯތައް ބޮޑުކޮށް ބެއްލެވުމަށް ފޮޓޯއަށް ކްލިކް ކޮށްލައްވާ

ދިވެހި ފުލުހުންގެ ހިދުމަތަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ހަރަކާތުގައި މަނަދޫ ޕްރީ ސްކޫލް ކުދިން ހުށަހަޅައިދިން އައިޓަމަކީވެސް ބަލާފޫހިނުވާ އައިޓަމެކެވެ

Saturday, March 29, 2008

ނ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ބައްދަލުވުމެއް މާލޭ އިންގްލިޝް ސްކޫލްގައި ބޭއްވިއްޖެ






ފޮޓޯތައް ބޮޑުކޮށް ބެއްލެވުމަށް ފޮޓޯއަށް ކްލިކް ކޮށްލައްވާ

ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރޭ ޚާއްޞަ މުނާޞަބަތާއި ގުޅުވައިގެން ޓާސްކްފޯހެއް އެކުލަވާލުމުގެ ގޮތުން އިސްދަރިވަރުންގެ ތެރެއިން ބޭފުޅުންކޮޅެއް އިސްނަންގަވައިގެން ރޭ އެމް.އީ.އެސްގައި ބޭއްވި ޚާއްޞަ ބައްދަލުވުމަކީ ތާރީޚީ ބައްދަލުމެކެވެ. މިބައްދަލުމަށް ގާތްގަނޑަކަށް މަނަދޫގެ ފަންސާހަކަށް ބޭފުޅުން ހާޒިރުވެލެއްވިއެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ އަތޮޅު މަދަރުސާއަށް 30 އަހަރު ފުރޭތީ ރާވާހިންގާނެ ޕްރޮގްރާމްތަކާއި ބެހޭގޮތުންނެވެ. މިބައްދަލުވުމުގައި އެކިކަންކަމަށް ބޭފުޅުން އައްޔަންކޮށް އެބޭފުޅުނަށް ޓާސްކް ޙަވާލުކުރުންއޮތެވެ. މީގެ އިތުރުން ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި ޚިޔާލުބަދަލު ކޮށް، އަތޮޅު މަދަރުސާގެ މުސްތަޤްބަލާއި ބެހޭގޮތުންނާއި ރަނގަޅުކުރަން ޖެހޭކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދެކެވުނެވެ. މިބައްދަލުވުމުގައި ބައިވެރިންގެ ފަރާތުން ރަނގަޅު ހުށަހެޅުންތަކެއް ލިބިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން އިސްދަރިން ވަރުންގެ ޖަމިއްޔާއެއްގެ މުހިންމުކަމާއި، އަތޮޅު މަދަރުސާއަށް 30 އަހަރުފުރޭތީ 30 އަހަރުގެ ހަނދާނީ ބިނާއެއް ހެދުމުގެ މައްޗަށާއި، އަތޮޅު މަދަރުސާއަށް އެކިއެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް އެރުވުމުގެ މައްޗަށް ވާހަކަ ދެކެވުނެވެ. އަތޮޅު މަދަރުސާގެ މިވަރުގެ ބޮޑު ޢީދެއް އަންނައިރު، އެ މަދަރުސާއަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބައެއް ބޭފުޅުންނަށް މިއިން އެއްވެސް ކަމެއްގެ މަޢުލުމާތު މަދަރުސާއިން ދެއްވާފައިނުވާކަމަށް ބައިވެރިފަރާތަކުން ޝުޢޫރު ފާޅުކުރެއްވިއެވެ. މިބައްދަލުވުމުގައި ޓާސްކްފޯސް ކޮމެޓީގެ ނާއިބް ރައީސް އަދި މަނަދޫ ކަތީބު އަލްފާޟިލް ސަޢީދު ޤާސިމް ބައިވެރިވެވަޑައިގެންނެވިއެވެ. މަދުވެގެން މަހަކު މިފަދަ އެއް ޖަލްސާ ބާއްވައިދިނުމަށް އެދި އިސްދަރިވަރުންގެ ތެރެއިން ބައެއް ކުދިން ވަނީ ރޭގެ ބައްދަލުވުމަށް ހުށަހަޅާފައެވެ

ނ. އަތޮޅުވެރިޔާ ށ. އަތޮޅަށް މިއަދު ފުރާވަޑައިގެންފި


މިލަދުންމަޑުލު އުތުރުބުރީ އަތޮޅުއޮފީސް

ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޙަލީލު މިއަދު ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރި ވެރިކަން ކުރާރަށް ށ. ފުނަދޫއަށް ވަޑައިގެންފިއެވެ. އެމްއެލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅުވެރިޔާގެ މިދަތުރުފުޅަކީ ށ. އަތޮޅުއަތޮޅުވެރިޔާ އަލްފާޟިލް އަޙުމަދު ޤާސިމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލް ސަޢީދު އިބްރާހީމް އާއި އަތޮޅުއޮފީހުގެ އިސްބައެއް މުވައްޒަފުން ބައިވެރިވެލެއްވިއެވެ. އަތޮޅުވެރިޔާ ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މަނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާކަމަށް މަނަދޫ ގައި ހުންނެވި އެމްއެލްގެ މުރާސިލް ވިދާޅުވިއެވެ

ފޮޓޯއިން ޚަބަރު: ޕޮލިސް ސްޓޭޝަނުން އިންތިޒާމުކުރި ކުޅިވަރު ޙަރަކާތްތަކުގެ ތެރެއިން









ފޮޓޯތައް ބޮޑުކޮށް ބެއްލެވުމަށް ފޮޓޯއަށް ކްލިކް ކޮށްލައްވާ! އިތުރު ފޮޓޯ އަންނަނީ

ފުލުހުންގެ އަހަރީ ދުވަހުގެ ޙަރަކާތްތައް މަނަދޫގައި ވަރަށް ފޯރިއާއެކު ކުރިއަށް އެބަދޭ



ފުލުހުންގެ 75 ވަނަ އަހަރީ ދުވަހުގެ ޙަރަކާތްތައް މަނަދޫގައި މަނަދޫ ޕޮލިސް ސްޓޭޝަނުން ވަރަށް ކުލަގަދަކޮށް ފައްޓައިފިއެވެ. އެގޮތުން ޢިމާރާތް ޒީނަތްތެރި ކުރުމުގެ ގޮތުން ދިދަ ދަމާ، ބޮކިފަތިން ޕޮލިސް ސްޓޭޝަން ވަނީ ޒީނަތްތެރި ކޮށްފައެވެ. އަހަރީ ދުވަހުގެ މުނާޞަބަތުގައި ދިދަ ނެގުން މިއަދު އެ ސްޓޭޝަންގައި އޮތެވެ. މި ރަސްމިއްޔާތުގައި ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޚަލީލު ބައިވެރިވެވަޑައިގެންނެވިއެވެ. މަނަދޫ ޕޮލިސް ސްޓޭޝަންއިން އިންތިޒާމުކުރި ކުޅިވަރު މުބާރާތްތައް މަނަދޫ ބޯޅަ ދަނޑުގައި މިއަދު ކުރިއަށް ގެންދެވުނެވެ. އެގޮތުން 14 އަހަރުން ދަށުގެ ފުޓްބޯޅަ މެޗް ވެބޭނޭ އާއި ބައްދަލުކޮށް ކާމިޔާބުކުރީ އެފްޓީ ބަބުރެވެ. އަންހެނުންގެ ފުޓްބޯޅަ މެޗް ވެބޭނޭ އާއި ބައްދަލުކޮށް 2.0 ން ކާމިޔާބުރީ ޕޮކަޑައިލް ސިޓީއެވެ. ވާދެމުން ފައިނަލަށް ވަބޭނޭ ސްޕޯޓްސް އާއި ކައްޓި ހިތްވަރު ވަނީ ދަތުރުކުރި އިރު، އަންހެން ވާދެމުމުގެ ފައިނަލަށް ވަބޭނޭ ސްޕޯޓްސް އާއި ފަތިންދާ ސްޕޯޓްސް ވެސް ވަނީ ގޮސްފައެވެ. ރިލޭ ރޭހާއި އޮޕްސްޓިކަލް ރޭހުގައި ޕްރީސްކޫލް ކުދިންގެ ނެށުމުގެ ފަރި ހަރަކާތްތަކާއި ވާދެމުމުގެ ފައިނަލްވެސް މިއަދު ހަވީރު މަނަދޫ ބޯޅަ ދަނޑުގައި އޮންނާނެއެވެ

މަގޭ ރިޕޯޓް: މައިސޫރުގައި މަނަދޫ ހަތަރު ޒުވާނަކު މަތީ ތަޢުލީމް ހާސިލުކުރަނީ


މައިސޫރުން: ޢަބްދުﷲ ސަޢީދު

އިންޑިއާގެ ބެންގަލޫރުން 145 ކިލޯ މީޓަރ ދުރުގައި އޮންނަ މައިސޫރުގައި މަނަދޫ ހަތަރު ޒުވާނަކު މަތީ ތަޢުލީމް ހާސިލުކުރަމުން އެބަދެއެވެ. އެއީ މަނަދޫ ފަރިމާގޭ ޢަބްދުﷲ ރަޝީދާއި މަނަދޫ ރިވެލި އަޙްމަދު ޝުޖާޢު އާއި މަނަދޫ މުއިވިލް މަޖްދުﷲ މުޙައްމަދު ސަލީމް އަދި މަނަދޫ އަނބުގަސްދޮށުގޭ އަޙްމަދު ޝަރީފެވެ.

ޢަބްދުﷲ ރަޝީދު ކިޔަވަނީ އޯޕަން ޔުނިވަރސިޓީ ގައާއި އެޕްޓެކް ގައެވެ. ޢަބްދުﷲ ބެޗްލާސް ޑިގްރީ ހާސިލުކުރަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. އަޙްމަދު ޝުޖާޢު ކިޔަވަނީ ޔުނިވަރސިޓީ އޮފް މައިސޫރުގެ އެސް.ޓީ ފިލޯމިނާސް ކޮލެޖްގައެވެ. އަޙްމަދު ބެޗްލާސް އޮފް ޑިގްރީ ހާސިލުކުރަނީ އާރޓްސްގެ ރޮގުންނެވެ. މަޖްދުﷲ މުޙައްމަދު ސަލީމް ވެސް ކިޔަވަނީ ޔުނިވަރސިޓީ އޮފް މައިސޫރުގެ އެސް.ޓީ ފިލޯމިނާސް ކޮލެޖްގައެވެ. މަޖްދުﷲ ބެޗްލާސް ޑިގްރީ ހާސިލުކުރަނީ ސައިންސް ގެ ރޮގުންނެވެ. އަޙްމަދު ޝަރީފް ކިޔަވަމުން ދަނީ ޔުނިވަރސިޓީ އޮފް މައިސޫރުންނެވެ. އަޙްމަދު ހަދަނީ މާސްޓަރސް އިން ބިޒިނަސް އެޑްމިނިސްޓްރޭޝަނެވެ.

އިންޑިއާގެ ބެންގަލޫރުގައިވެސް މަނަދޫ ޒުވާނަކު ކިޔަވަމުން އެބަދެއެވެ. އެއީ މަނަދޫ ގަނދަކޯޅިމާގޭ އިސްމާޢީލް ނޫޙެވެ. އޭނާ ހަދަމުންދަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން ޑިޕްލޮމާއެވެ.

މަނަދޫ ގިނަ ޒުވާނުންތަކެއް ރާއްޖެއިން ބޭރުގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމް ހާސިލުކުރަމުން ދިއުމަކީ މަނަދޫ ކޮންމެ މީހަކުވެސް ފަޚުރުވެރިވާނެ ކަމެކެވެ. އަދި އެއީ މުސްތަޤުބަލުގައި މަނަދުއަށާއި ޤައުމަށް އެކަމުގެ ފައިދާކުރާނެ ކަމެކެވެ. އަމިއްލަ ރަށާއި އާއިލާ ދޫކޮށް ބޭރު ޤައުމެއްގައި މި ކުދިން ކިޔަވަމުންދާއިރު އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ މި ކުދިންގެ މެދުގައި އޮތް އެކުވެރިކަމެވެ. ވަކިވަކިން ދިރިއުޅުނަސް މިކުދިން އުޅެމުންދަނީ އެއް އާއިލާއެއްގެ ގޮތުގައެވެ. މިކުދިންނަށް ތަޢުލީމީ ރޮނގުން އުޖާލާ މުސްތަޤުބަލަކަށް އެދެމެވެ.

މީގެ ކުރިންވެސް މައިސޫރުން މަނަދޫގެ ދެ ޒުވާނަކު މަތީ ތަޢުލީމް ހާސިލުކޮށްފައިވެއެވެ. އެއީ މަނަދޫ ވީނަސް އަޙްމަދު ނިޝާން އާއި މަނަދޫ ރިވެލި ޢަބްދުﷲ ޝުޖާޢު އެވެ. ނިޝާން ހާސިލުކުރީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮގުން ޑިޕްލޮމާއެކެވެ. ޢަބްދުﷲ ޝުޖާޢު ހާސިލުކުރީ އާރޓްސްގެ ރޮގުން ބެޗްލާރސް ޑިގްރީއެވެ.

ފުލުހުންނަށް 75 އަހަރު ފުރުމުގެ މުނާޞަބަތުގައި މަނަދޫ ޕޮލިސް ސްޓޭޝަން އިން ބާއްވާ ކުޅިވަރު މުބާރާތްތައް ފެށިއްޖެ



ފުލުހުންނަށް 75 ވަނަ އަހަރު ފުރުމާއި ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަންއިން ރާވާ ހިންގާ ޕްރޮގްރާމްތައް ފެށިގެން ކުރިއަށް އެބަދެއެވެ. މިއަދު ހެނދު ފެށުނު މި ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވެ، ބައެއްޓީމްތައް ކަޓާ، އަނެއްބައިޓީމްތައް ފަޚުރުވެރި ވަނަތައް ދަނީ ހޯދަމުންނެވެ. މި މުބާރާތުގެ ވަނަތަކާއި އިތުރު ތަފްސިލާއި ފޮޓޯ ވަރަށް އަވަހަށް ގެނެސްދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ

Friday, March 28, 2008

ނ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ބައްދަލުވުން އެމް.އީ.އެސް އިން ވަގުތުން





ފޮޓޯތައް ބޮޑުކޮށް ބެއްލެވުމަށް ފޮޓޯއަށް ކްލިކް ކޮށްލައްވާ

ނ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ބައްދަލުވުން އެމް.އީ.އެސް އިން ވަގުތުން ގެނެސް ދިނުގެ މަސައްކަތް މިހާރު ކުރިއަށްދާ ވާހަކަ ދެންނެވީމެވެ. މި ބައްދަލުވުމަށް ޙާޒިރު ވަޑައިގަންނަވާ ބޭފުޅުން މިހާރު އެމް.އީ.އެސްއަށް ވަޑައިގަންނަވަމުން އެބަދާކަމަށް އެމް.އެލް މުރާސިލް ދެންމެ ވިދާޅުވިއެވެ. ބައްދަލުވުމުގެ ޚަބަރުތައް ހިނގާ ނުހިނގާގޮތް ވިދާޅުވުމަށް ރިފްރެޝް ކުރައްވަމުން ގެންދަވާށެވެ

9:00 ބައްދަލުވުމުގައި ބައިވެރިވާ އަތޮޅު މަދަރުސާގެ އިސްދަރިވަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ބައްދަލުވުމަށް ވަޑައިގަންނަވަމުންދާތީ ބައްދަލުވުން ނުވައެއް ޖެހިއިރު އަދި ވަނީ ފެށޭގޮތް ނުވެފައެވެ

9:08 ބައްދަލުވުން ބޭއްވެނީ އެމް.އީ.އެސް ބޭރު ހޯލްގައި ކަމުން އެތަން ވަރަށްބޮޑަށް އަނދިރިވެ ފޮޓޯ ނުސާފުކަމުން މިވަގުތު ފޮޓޯތައް ނުފެނުމަކީ އެކަށިގެންވާކަމެއްކަމަށް ކިޔުންތެރިން އަރިހުގައި ދަންނަވާލަމެވެ

9:12 ބައްދަލުވުން ފެށިއްޖެ. މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ޓާސްކްފޯސް ކޮމެޓީގެ ނާއިބް ރައީސް މަނަދޫ ކަތީބް ސަޢީދު ޤާސިމް. ބައްދަލުވުމުގައި ފުދޭވަރަކަށް ގިނަ ބޭފުޅުން ބައިވެރިކަމަށް މުރާސިލް ވިދާޅުވޭ

9:13 ސަޢީދު ޤާސިމްގެ ވާހަކައިގައި ޓާސްފޯހެއް އުފެއްދުމުގެ ބޭނުންތެރި ކަމާއި ބެހޭގޮތުން މިހާރު ވާހަކަފުޅު ދައްކަވަމުންދަނީ

9:15 މިބައްދަލުވުމުގެ ފޮޓޯ ނެންގެވެމަށް އެމްއެލްގެ ފޮޓޯ ގްރާފަރަކު ޙަރަކާތްތެރިވަމުންދާތީ ސާފު ފޮޓޯތައް އެމްއެލްއިން މިރޭ ފަހުގެ ވަގުތެއްގައި ގެނެސްދެވޭނެ

9:20 ސަޢީދު ޤާސިމްގެ ވާހަކަކޮޅު ނިންމަވާލައްވައިފި. މިހާރު ކުރިއަށްދަނީ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ޚިޔާލު ފާޅުކުރެއްވުން. އެގޮތުން އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ ނާހިދާ މުޙަންމަދު އެއަށްފަހު އަހުމަދު ފައިސަލް . މިހާރު ވާހަކަފުޅު ދައްކަވަމުންދަނި އަބޫބަކުރު މުޙަންމަދު

9:30 ބައްދަލުވުމުގައި ބައިވެރި ފަރާތްތަކުން ސްކޫލްގެ ހިންގުންތެރިކަން މިހާރަށްވުރެ ރަނގަޅު ކުރުމަށާއި، ތަޢުލީމުގެ އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމުގެ މައްޗަށް ވާހަފުޅު ދައްކަވަމުންދޭ. މިހާރު ވާހަކަފުޅު ދައްކަވަނީ ރަތްވިލާގޭ އަޒުވަރު. އަޒުވަރުގެ ވާހަކަފުޅުގައި ކޮންމެބޭފުޅަކުވެސް ބޭނުންވަނީ ކްރެޑިޓް ހޯދަން ކަމަށާއި މިނޫން ގޮތަކަށް ކަންތައްތައް ކުރަން ވެއްޖެކަމަށް ވިދާޅުވ

9:35 މިހާރު ވާހަކަފުޅު ދައްކަވަނީ ނ. އަތޮޅުގެ އިއްޒަތްތެރި މެންބަރު މުހަންމަދު ތޯރިގް. އޭނާގެ ވާހަކައިގައި ކަންތައްތައް ރަނގަޅުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުމުގެ މައްޗަށް އަލިއަޅުވާލި. އަދި ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރޭ މުނާޞަބަތުގައި ދ. އަތޮޅުގެ އިއްޒަތްތެރި މެންބަރު އަހުމަދު ޝިޔާމް (ކުޑަފަރީ ޝިޔާމް) އެހީވެދެއްވާނެ ކަމަށް އޭނާ ވިދާޅުވިކަމަށްވެސް ތޯރިގް ވިދާޅުވި

9:50 ބައްދަލުވުމުގެ ބައިވެރިން އަދިވެސް ޚިޔާލު ފާޅުކުރައްވަމުން ގެންދަވަނީ. ބައެއް ފަރާތްތަކުން ސްކޫލްގައި ކޮމްޕިޔުޓަރ ލެބެއް ހެއްދެވުމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވި. އަދި މިކަމާއި ބެހޭގޮތުން ބައެއް ބައިވެރިން ވިދާޅުވަނީ މިހާރު އެއީ ވަގުތު ފާއިތުވެފައިވާ ކަމެއްކަމަށާއި އެކަން ކުރަން ނުފެންނަ ކަމަށެވެ. ބައްދަލުވުމުގައި ބައިވެރިވެލެއްވި ފަރާތްތަކުން ނަގާ އެންމެބޮޑު ޝަކުވާއަކީ ސްކޫލްގެ ހާލަތު މިހާރުން މިހާރަށްވެސް ރަނގަޅު ކުރުމަށާއި، ދަރިވަރުންނަށް ރަނގަޅު ގޮތް ބޭނުންވާކަމުގެ މައްޗަށް

9:56 ބައްދަލުވުމުގެ ފޮޓޯތައް ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކިޔުންތެރިންނާއި ހަމައަށް އަންނާނެއެވ


10:00 މިޙާރު ވާހަކަފުޅު ދައްކަވަނީ އިބްރާހީމް މަނިކު. މަނިކުގެ ވާހަކޮޅުގައި ސްކޫލްގެ ކަންތައްތައް ރަނގަޅު ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލި. އޭނާ ވިދާޅުވީ ސްކޫލްގައި މިހާރު ތިއްބެވި ޓީޗަރުންގެ ފެންވަރު ރަނގަޅު ކަމަށާއި، އޯލެވެލްގައި ސްކޫލުން ރަނގަޅު ނަތީޖާ ހޯދާފައިވަނީވެސް ސްކޫލުން ކިޔަވައިދެއްވި ޓީޗަރުންގެ ސަބަބުން ކަމަށެވެ. އަހަރެމެން ރައްޔިތުން ހޭލުންތެރިވާން ވެއްޖެކަމަށާއި، ސްކޫލަށް ޚިދުމަތް ކުރާނެ ކުދިން ތައްޔާރުކުރުމަކީ މައިންބަފައިންގެ ޒިންމާއެއްކަމަށް ވިދާޅުވި

10:15 ބައްދަލުވުމުގެ ފޯރިގަދަ ކަމުން އަޕްޑޭޓް ވުން ލަސްވެގެންދާތީ މަޢާފަށް އެދެމެވެ

10:30 ބައްދަލުވުމުގައި ބައިވެރި ފަރާތްތަކުން ވިދާޅުވަނީ ރަށުގެ ކަންތައްތައް ރަނގަޅުކުރަން އުޅުމުން އެކަމަށް ހުރަސްއެޅޭ ކަމަށާއި، ހައިސިއްޔަތެއް ނެތް ކަމަށް ބައެއް މީހުން ބުނާތީ ހިތްހަމަ ނުޖެހޭކަމަށެވެ. އަބްދުﷲ ހަސީން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރަނގަޅު ހުށަހެޅުމެއް ހުށަހެޅުއްވި ކަމަށް މުރާސިލް ވިދާޅުވި. މުރާސިލް ވިދާޅުވީ އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކުރުމަށް އޭނާ ހުޅަހެޅި ކަމަށް

10:45 ބައްދަލުވުމުގައި މިހާރު ކުރިއަށްދަނީ އަހަރީ ދުވަހާއި ބެހޭގޮތުން ފައިސާ ކަލެކްޓް ކުރަންދާނެ ގްރޫޕެއް ހޮވުމުގެ މަސައްކަތް. އެގޮތުން މިހާރު އެގުރޫފަށް ހޮވިފައިވަނީ މަނިކު، ތޯރިގު، ޖައުހަރި، ނާހިދާ، ގާސިމް އަދި ޢުމަރެވެ

11:00 ބައްދަލުވުމުގެ ބައެއް ބައިވެރިން އެދެމުންދަނީ 30 އަހަރުގެ ހަނދާނީ ބިނާއެއް ހެދުމަށާއި، ސްކޫލަށް އެކިރޮނގު ރޮނގުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް ހަނަދާނީ ފިލައެއް އެރުވުމުގެ މުހިންމު ކަމުގެ މައްޗަށެވެ

11:15 ބައްދަލުވުމުގެ ބައިވެރިންގެ ތެރެއިން ބައެއް ބޭކަލުން ނުބައި މައުލޫނަގައިގެން އުޅުއްވާ ކަމަށް އެމްއެލް މުރާސިލް ސިފަކުރެއްވި. އެގޮތުން ބައެއް ފަރާރތްތަކުން މަނަދޫއިން ވައިފައި ކެނޑިގެން އުޅޭތީ އެމައްސަލަ އިޝޫއަކަށް ނެގިކަމަށް. ނަމަވެސް މިހާރު މަނަދޫއަށް ދިމާވި ވައިފައި ގެ މައްސަލަ ދިރާގުން ވަނީ ހައްލުކޮށްދެއްވާފައ

11:20 ގައި އިސްދަރިވަރުންގެ ބައްދަލުވުން ނިމިއްޖެ. ބައްދަލުވުމާއި ބެހޭ އިތުރު ފޮޓޯ އާއި ތަފްސީލް މާދަމާ އެމްއެލްއިން ގެނެސްދޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލަމުން އެމްއެލްއިން ގެނެސްދެމުން ދިޔަ ލައިވް ކަވަރެރޭޖް މިނިންމާލަނީ ބާއްޖަވެރި ރެއަކަށް އެދެމުންނެވެ. ވައްސަލާމް ޢަލައިކުމް

ނ.އަތޮޅު ކޮމިޓީގެ ބައްދަލުވުމެއް މަނަދޫގައި ބޭއްވިއްޖެ



ނ. އަތޮޅު ކޮމިޓީގެ ބައްދަލުވުމެއް ރޭ ނ. އަތޮޅު އޮފީހުގައި ބޭއްވިއްޖެކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިއްޖެއެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރެވުނީ އަތޮޅު ފަންޑާއި ބެހޭގޮތުންނާއި، އަތޮޅުގެ ރަށްރަށުގައި ތަރައްޤީއަށް ކުރެވޭ މަސައްކަތާއި ބެހޭގޮތުންނާއި އަދި ކުރިއަށް އޮތް ތަނުގައި އަތޮޅުގެ ރަށްތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާނެ ގޮތުގެ މައްޗަށެެވެ. ރޭގެ މި ބައްދަލުވުން ދެގަޑި އިރަށް ދެމިގެންދިޔަކަމަށާއި މިއަދު ހެނދުނުވެސް އަތޮޅު ކޮމިޓީގެ ސެޝަނެއް ހެނދުނު 9:00 އިން 12:00 އަށް ކުރިއަށް ދިޔަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަތޮޅުގެ ކޮންމެ ރަށަކުން މަންދޫބުން ބައިވެރިވެވަޑައި ގަންނަވާ އަތޮޅު ކޮމިޓީގެ މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ނ. އަތޮޅު ވެރިޔާ އަލްފާޟިލް ޢަބްދުﷲ ޚަލީލެވެ

ނ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް އެމްއެލް އިން ވަގުތުން ގެނެސްދެވޭނެ

ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރޭ މުނާޞަބަތުގައި ސްކޫލް އިސްދަރިވަރުން މިރޭ އެމް.އީ.އެސްގައި ބާއްވާ ބައްދަލުވުން އެމްއެލް އިން ވަގުތުން ގެނެސްދިނުމަށްޓަކައި އެމްއެލް ޓީމް މިދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިބައްދަލުވުމުގެ ލައިވް ކަވަރޭޖް ފެށުމަށް ޤަސްދު ކުރަނީ މިރޭ 08:45 ގައެވެ
ޚާއްޞަ ދެންނެވުމެއް

ނ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންނަށާއި، އެ މަދަރުސާއަށް ހެޔޮއެދޭ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 28 މާރޗް 2008 ހުކުރު ދުވަހުގެރޭ (މިރޭ) 09:00 ގައި އެމް.އީ.އެސް ގައި އޮންނާނެއެވެ. ވީމާ ވީހާ ގިނަބަޔަކު މި ބައްދަލުވުމަށް ވަޑައިގެންނެވުމަކީ އަޅުގަނޑުމެން އެމްއެލް އެދޭ ވަރަށްބޮޑު އެދުމެކެވެ. އަދި މި ބައްދަލުވުމާއި ބެހޭގޮތުން މަނަދޫގެ ލޮބުވެތި ރައްޔިތުންނަށް އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ފަރާތުން އެސް.އެމް.އެސް ފޮނުވަމުން ގެންދަވާނެއެވެ. މިކަމަށް އިޖާބަދެއްވައި، ދަޢުވަތު ޤަބޫލުކުރެއްވުން އެދެމެވެ

Thursday, March 27, 2008

މަގޭ ރިޕޯޓް: އާބާދީ އިތުރުވާނެ ގޮތެއް ބުނެދެން ހެއްޔެވެ؟

ލިޔުނީ - ސަމް


މަގޭ ރިޕޯޓަށް ލިޔުމަށް ފޮނުވާނުލެވި ދުވަސްކޮޅެއްވީ މަގޭ ބިޒީވެގެން ކަމުގައި ކިޔުންތެރިން ގާތު ބުނެލަން ބޭނުމެވެ. އެކުން އަނގަ ގަދަ ނުކޮށް މިފަހަރުގެ މައުލޫއާގެން ކުރިއަށް ދާނަމެވެ. ދަންނައެ، މަގޭމެންގެ މަނަދޫގައި އާބާދީއަކީ މާބޮޑު އާބާދީއެއް އޮތް ރަށެއްނޫނެވެ. މިޒަމާނުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އާބާދީ ކޮންޓްރޯލް ކުރަނީއެއް ކަމެއް ނޭންގެއެވެ. މަށަށް އެނގޭ ކަމަކީ މަނަދޫގައި އާބާދީ ދަށްކަމެވެ. އާބާދީ ނެތްކަމެވެ.


އެހެންނަމަވެސް މިޒަމާނުގެ ހޯދުންތަކުން އެނގޭ ގޮތުގައި އާބާދީ ބޮޑުނުކޮށް ތިބެގެން މަގޭމެންނަށް މަންޒިލް މަޤްސޫދަށް ވާސިލުވުމުގައި ހުއްޓުމެއް އަންނަކަން މަގެއަށް ހަމަގައިމުވެސް ފާހަގަކުރެވެއެވެ. މަގޭ ރަށްޓެހި (ރަށުގެ ނަން އުނިކުރެވިފައި) މީހަކު އެއްދުވަހު ދެއްކި ވާހަކައެއްގައި އެމީހުން އާބާދީ ބޮޑުކުރާ ގޮތް ކިޔައިދިނެވެ. ރަށްޓެހި މީހާ ބުނީ ސަމް އޭ އަހަރެމެން ރަށުގެ އާބާދީ ލިސްޓުގައި މަރުވެފައިވާ މީހުންވެސް ވާނެޔޭ، ރަށު ކުއްޖަކު މީހަކާ އިނދެގެން ގެންނަ ބީރައްޓެހި ކުއްޖާ ވަގުތުން ރަށްވެއްސަކަށް ހަދާލާ އެއްކަލަ ލިސްޓް ބޮޑުކޮށްލާ ކަމުގައެވެ. އެވަގުތު ހިތާހިތުން ބުނެވުނެވެ. ނޫނޭވާ މި (ރަށުގެ ނަން އުނިކުރެވިފައި) މީހުންގެ ފިސާރި ކަމެއް އެބަހުރިތާއެވެ.


މަގޭ އެކުވެރި ރަހުމަތްތެރިޔާ އެހެން ބުނިފަހުން މަގޭ ދެލޮލަށް ނިދި ނުލިބެއެވެ. ހިތައްއަރަނީ މަގޭމެންގެ ރަށުގެ އާބާދީ ބޮޑު ކުރާނެގޮތެއްވޭތޯއެވެ. (ރަށުގެ ނަން އުނިކުރެވިފައި) މިހާ އެބުނިގޮތަށް މަގޭމެންގެ ރަށުގައި ރަށު ކުދިންނާ ކައިވެނިކޮށްގެން ކިތަކެއް ކުދިން އެބައުޅޭބާވައެވެ؟ އެކުދިން ކައިރިއަށް ހިނގައިގެންވެސް މަނަދޫ ރަށްވެހިންނަށް އެކުދިން ނަހަދާ ތިބެގެން ވާކަށްނެތެވެ. އޭރުން މިހާރު މިއޮތް 1600 މީހުންގެ އާބާދީ ހަމަގައިމުވެސް ދެހާހަށް އަރުވާލެވޭނެތާއެވެ. މިވެސް ލައްކަވަރެކެވެ. މިހެންވެއްޖެނަމަ ރަށްޓެހި މީހާ އެކިޔާ އެންމެ ބައިބޯރަށް މަގޭމެންގެ ރަށަށް ވެގެން ދިޔުމަކީ ހަމަ ވެދާނެގޮތެކެވެ. ރަށްޓެހި މީހާމެން ރަށުގެ މީހުން އެތިބީ އާބާދީ ބޮޑުކޮށްގެން އަތޮޅު އޮފީސް އުފުރާލަންވެސް ތައްޔާރަށެވެ. އެކަމަކު އެއްކަލަ މިދެއްވާ އައްޑަނަ ނުލިބި ފަހަރުގައި ހިނގައިދާނެ އިގޭއެވެ.


ނޯޓް: ލިޔުންތެރިޔާ ފޮނުއްވި ލިޔުން އެޑިޓްކޮށް، ބައެއް ނަންތައް އުނިކުރެވިފައިވާނެއެވެ.

ފުލުހުންގެ އަހަރީ ދުވަހަށް ތައްޔާރުވާ ޓީމްތަކުގެ ޕްރެކްޓިސް ފަށައިފި



މަނަދޫ ޕޮލިސް ސްޓޭޝަން އިން އިންތިޒާމުކޮށްގެން ފުލުހުންގެ އަހަރީ ދުވަހުގެ މުނާޞަބަތުގައި އާންމުންނަށް ހުޅުވާލި ފުރުޞަތުގެ ދަށުން މަނަދޫއިން ބައިވެރިވާ ޓީމްތަކުގެ ޕްރެކްޓިސް ފަށައިފިއެވެ. މީގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ބައިވެރިވި ޓީމްތަކުގެ ތެރެއިން އަންހެން ޓީމްތަކުގެ މެދުގައި ކުރެވެމުންދާ ޕްރެކްޓިސްތަކެވެ. އެގޮތުން ކޮންމެ ދުވަހަކު ހަވީރު އަންހެން ފުޓް ބޯޅަ ޓީމްގެ ފަރިތަކުރުންތައް ކުރިއަށްދާކަމަށް ޚަބަރު ލިބިފައިވެއެވެ. ފުޓްބޯޅަ މުބާރާތުގައި އަންހެން 2 ޓީމް ބައިވެރި ވެފައިވެއެވެ. އެއީ ޕޮކަޑައިލްސް އާއި ވަބޭނޭއެވެ. ވާދެމުމުގެ މުބާރާތުގައި އަންހެން 5 ޓީމް ބައިވެރިވާއިރު ރިލޭތަކުގައިވެސް އަންހެން 5 ޓީމެއް ވަނީ ބައިވެރިވެފައެވެ. ފިރިހެން ޓީމްތަކުގެ ޕްރެކްޓިސް ވެސް ވަރަށް ފޯރިއާއިއެކު ކުރިއަށްދާކަމަށް އެމްއެލްއަށް ޚަބަރު ލިބިފައިވެއެވެ

ރިޕޯޓް: މަނަދޫ ކުނިކޮށި އެންމެން ސަމާލުކަމެއް ދޭންވެއްޖެ ތަނެއް



މަނަދޫގައި ހެދިފައިވާ ކުނިކޮށި ހެދިފައިވަނީ އެންމެން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ސާފުތާހިރު ވެއްޓެއް މަނަދޫގައި ޤާއިމްކުރުމުގެ ބޭނުމަގައެވެ. މިތަން ހެޔޮގޮތުގައި ރައްޔިތުން ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުނިކޮށީގެ ޖެހޭހާތަނަކަށް ކުނިއެޅުން މިހުރީ ފިލުވާލަން ޖެހިފައިވާ ނުބައި އާދައެކެވެ. ކުނިކޮށި ބަލަހަށްޓަން ދެބޭކަލުން ޙަރަކާތްތެރި ވާއިރު ގިނަ ވަގުތު އެތަނުގައި ހޭދަކުރުމަކީ ކޮންމެހެން ބޭނުންކަމެވެ. އަވަސް އަރައިގެން ކުނިކޮޅު އުކާލަން ދާ މީހާއަށް ތަނުގައި ހެދިފައިވާ ޤަވާޢިދު އޮޅުންފިލުވައިދީ ނަސޭޙަތްތެރިވާން ޖެހޭނެއެވެ. އޭގެ ބަދަލުގައި ނުރަނގަޅު ކަމެއް މީހެއްގެ ފުށުން ފެނުމުން، ހިތަށްއެރި ގޮތަކަށް އެމީހާއަށް އެއްޗެތި ކިޔާ ނިކަމެތި ކޮށްލައިގެން ނުވާނެއެވެ. މަޑުމައިތިރި ކަމާއި އޯގާތެރި ކަމާއެކު އެކަމެއް ރަނގަޅު ކުރުމަށް ބުނުމުން އަނެކާގެ އިޙްތިރާމް ކުނިކޮށި ބަލަހަށްޓަން ތިބޭ ދެ މުވައްޒަފުންނަށް ލިބޭނީ އޭރުންނެވެ. ކުނިކޮށި ހެޔޮގޮތުގައި ބޭނުން ކުރުމަކީ މިއަދު އެންމެންވެސް ކުރައްވެއްޖެ ކަމެކެވެ. ސާފުތާހިރު ދުޅަހެޔޮ ސީއްޙަތެއްގެ އަހުލުވެރި ބަޔަކަށް މަނަދޫގެ ލޮބުވެތި ރައްޔިތުން ވަމާތޯއެވެ

މަނަދޫއިން ވައިފައި ޚިދުމަތް ކެނޑުމުން އެކަމުގެ ދަތި ކަސްޓަމަރުންނަށް ފޯރާފައިވާތީ މައްސަލަ ޙައްލުކުރެއްވުމުގެ މަސައްކަތް ކުރިއަށް ދަނީ



މުއާސަލަތީ ޚިދުމަތްދޭ ކުންފުނި ދިރާގުން މަނަދޫއަށް ދެއްވަމުން ގެންދަވާ ވައިފައި ޚިދުމަތް ކެނޑިގެން އެކަމުގެ ދަތި ވައިފައި ބޭނުންފުޅު ކުރައްވާ ފަރާތްތަކަށް ވަރަށްބޮޑަށް ކުރަމުންދާ ކަމުގައި އެމްއެލްއަށް މަޢުލޫމާތު ލިބިއްޖެއެވެ. މަނަދޫގައި ވައިފައި ބޭނުން ކުރައްވާ ކަސްޓަމަރުން އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން އަންނައިރު މި ޚިދުމަތް މެދުކެނޑުމުން ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން ދިމާވަމުންދާ ދަތިތައް އެމްއެލްއަށް ބައެއް ފަރާތްތަކުން ވިދާޅުވެދެއްވިއެވެ. ވައިފައި ޚިދުމަތް މެދުކެނޑެން ދިމާވަން ޖެހުނީ ކުރިން ދިރާގުން އެންޓަނާ ޖަހާފައި ހުރި ފޯކަލް ޕޮއިންޓްތަކުން އެންޓަނާ ނަގައި ދިރާގު ހަޓުގައި ހުންނަ މައި އެންޓެނާއަށް ސިސްޓަމް ބަދަލުކުރުމާއި ގުޅިގެން ކަމަށް އެފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ. މިމައްސަލައިގައި ދިރާގުން ވިދާޅުވަނީ މަނަދޫއަށް ދިމާވެގެން އުޅޭ ވައިފައިގެ މައްސަލަ ހައްލުކުރެއްވުމުގެ މަސައްކަތް މިއަދު ކުރިއަށް ދާކަމަށެވެ. މަނަދޫގައި ލެޕްޓޮޕް ބޭނުންކޮށްގެން ރެސްޓޯރަންޓްތަކާއި ގޭގޭގައި ނެޓަށްވަދެ، ޗެޓްކުރުން މިހާރުދަނީ އާންމުވަމުންނެވެ

Wednesday, March 26, 2008

ކުއްލި ޚަބަރު: ނ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ފަރާތުން ބައްދަލުވުމެއް ބާއްވައިފި

ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރޭ މުނާޞަބަތު ރާވާ ހިންގާނެ ގޮތާއި ބެހޭގޮތުން ސީނިއަރ ބައެއް އިސްދަރިވަރުންގެ ފަރާތުން ބައްދަލުވުމެއް މިރޭ ބޭއްވިއްޖެއެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުން ފާހަގަކުރާ ޓާސްކްފޯހުގެ ނާއިބް ރައީސް މަނަދޫ ކަތީބް ސަޢީދު ޤާސިމް އާއި މަނަދޫ ދޮންއަންނާރުގެ ޢުމަރު ޙުސައިން އާއި މަނަދޫ ރަތްވިލާގެ މުޙައްމަދު ތޯރިޤާއި، މަނަދޫ ފިނިވާގޭ އަބޫބަކުރު ޖައުހަރީ އާއި ރަންބިން އިބްރާހީމް މަނިކެވެ. ބައްދަލުވުން އޮތީ ހާބަރ ގާރޑަން (ޗަންޕާ ކަޑަ) ގައެވެ. ބައްދަލުވުން ބޭއްވުނީ މިރޭގެ 9:30 އިން 10:30 އަށްކަމަށް މަޢުލުމާތު ލިބިފައިވެއެވެ. މިބައްދަލުވުމުގައި އަތޮޅު މަދަރުސާއަށް 30 އަހަރު ފާހަގަކުރުން ކުލަގަދަ ކުރެއްވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މިވަގުތު މާލޭގައި ތިއްބެވި އަތޮޅު މަދަރުސާގެ ހުރިހާ ދަރިވަރުންގެ ބައްދަލުވުން ހުކުރު ދުވަހުގެރޭ މާލޭ އިންގްލިޝް ސްކޫލް ހޯލުގައި ބޭއްވުމަށް ކަނޑަ އެޅުނެވެ

ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރޭ މުނާސަބަތުގައި އިސްދަރިވަރުންގެ ބައްދަލުވުމެއް މާލޭގައި ބާއްވަނީ



ނ. އަތޮޅު މަދަރުސާއަށް 30 އަހަރުފުރޭ މުނާޞަބަތުގައި ހިންގާނެ ޕްރޮގްރާމްތަކާއި ބެހޭގޮތުން އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ބައްދަލުވުމެއް މާލޭގައި ބާއްވަން މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު އެމްއެލްއަށް ލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބޭއްވޭވަރު ވާނެއެވެ. މާލޭގައި މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަޤްޞަދެއްކަމަށް ވަނީ އިސްދަރިވަރުންގެ ތެރެއިން ވަރަށްގިނަ ފަރާތްތަކުން މާލޭގައި ދިރިއުޅެމުންދާތީ އާއި އެ ފަރާތްތަށް މިކަމުގައި ޝާމިލްކޮށް ހިންގާނެ ޕްރޮގްރާމްތައް އެކުލަވާލުމާއި އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހިއްސާކޮށްލެއްވުމުގެ ގޮތުން ބޭއްވޭ ބައްދަލުވުމެކެވެ. މިކަމާއިގުޅޭ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ނ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ނަން ލިސްޓެއް އަތޮޅު މަދަރުސާއިން މިހާރު މާލެ ފޮނުވާފައިވާ ކަމަށެވެ. މި ބައްދަލުވުމާއި ބެހޭ ކަންތައްތަކުގައި މާލޭގައި ޙަރަކާތްތެރިވަމުން ގެންދަވަނީ ޚާއްޞަ މަޖިލީހުގެ ނ. އަތޮޅު މެމްބަރ މަނަދޫ ރަތްވިލާގެ މުހައްމަދު ތޯރިގާއި އާއިލީ ކޯޓްގެ މެޖިސްޓްރޭޓް މަނަދޫ ފިނިވާގެ އަބޫބަކުރު ޖައުހަރީއެވެ