Friday, March 14, 2008

އިޖުތިމާޢީ ތަރައްޤީގައި ރައްޔިތުންގެ ދައުރެއްނެތި އުސްމިންތަކެއް ގިރާ ކުރުމަކީ ދަތިކަމެއް - ނ. އަތޮޅުވެރިޔާ

އިޖްތިމާޢީ ތަރައްޤީގައި ރައްޔިތުންގެ ދައުރެއްނެތި އުސްމިންތަކެއް ގިރާ ކުރުމަކީ ދަތިކަމެއް ކަމަށާއި ތަރައްޤީގެ ހުރިހާކަމެއް ސަރުކާރުން ކޮށްދެއްވަން ޖެހޭނެ ކަމަށް ޤަބޫލުކޮށްގެން އަތްއުރާލައިގެން ތިބުމުގެ ވިސްނުމަކީ ސުމެއްގެ ވިސްނުމެއް ކަމަށް ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޚަލީލް ވިދާޅުވެއެވެ. މަނަދޫ ރައްޔިތުންނާ ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރައްވާ ދެއްކި ވާހަކަފުޅުގައި ރައްޔިތުންނަށް ބޭނުން ސުވާލެއް އަތޮޅުވެރިޔާއަށް ދެންނެވުމުގެ ފުރުސަތު ހުޅުވާލިއެވެ. އެ ފުރުސަތުގައި ރައްޔިތުންނަށް ބޮޑުވެފައިވާ ކަންތައްތަކުގެ ޝަކުވާ ރައްޔިތުން ދެންނެވިއެވެ. މަނަދޫގެ ކަރަންޓްގެ މައްސަލައާއި 4000 އަކަފޫޓްގެ ބަދަލުގައި 3000 އަކަފޫޓްގެ ގޯތި މަނަދޫން ދޫކުރައްވާތީ އެކަމުގެ ޝަކުވާ ރައްޔިތުން އަތޮޅުވެރިންނަށް ދެންނެވިއެވެ. އަތޮޅުވެރިން ރައްޔިތުން ކުރި ސުވާލުތަކަށް ވަރަށް އެކަށީގެންވާ ގޮތެއްގައި ޖަވާބު ދެއްވާ ކަންތައްތައް އޮތްނެތްގޮތް އޮޅުންފިލުވައި ދެއްވިއެވެ. މި ބައްދަލުވުން ތަޢާރަފު ކުރެއްވީ މަނަދޫ ކަތީބު އަލްފާޟިލް ޙަސަން އިބްރާހިމް އެވެ. އަތޮޅުވެރިންގެ ވާހަކަފުޅަށްފަހު ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ މަނަދޫ ކަތީބު އަލްފާޟިލް ސަޢީދު ޤާސިމެވެ. ސަޢީދު ޤާސިމްގެ ވާހަކައަށްފަހު އޮތީ ރައްޔިތުންގެ ސުވާލުތަކަށް ހުޅުވާލެވިފައެވެ. މިއީ މަނަދޫގައި އަތޮޅުވެރިއަކު މިހާ އޯޕަންކޮށް މި ފުރުސަތު ހުޅުވާލެއްވި ފުރަތަމަ ފަހަރެވެ. މިބައްދަލުވުމުގައި ނ.އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލް ޢަބްދުﷲ ޢަބްދުލްވާޙިދު ބައިވެރިވެލެއްވިއެވެ

No comments: