Wednesday, March 19, 2008

މަގޭ ރިޕޯޓް: މަނަދޫއަށް ހެޔޮއެދޭ މަނަދޫގެ ދަރިއެއްގެ އިލްތިމާސް



މަނަދޫ ލައިވްއިން މަނަދޫއަށް ޓަކައި ކޮށްދެއްވަމުން ގެންދަވާ ބުރަ މަސައްކަތަކަށް މަނަދޫ ލައިވްގެ މެނޭޖްމަންޓަށް އައްސަރި ބަހާއި ސާބަސް ރައްދު ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި ޝަރަފެކެވެ. އަދި ލައިވްގެ ފަރާތުން އަޅުގަނޑުމެންގެ އިޙުސާސްތައް ބަންޑުން ޖަހާލުމަށްޓަކައި ''މަގޭ ރިޕޯޓް'' ހައްދަވައި ދެއްވާފައިވާކަމީ އަޅުގަނޑުމެންގެ ހިތްތައް އުފަލުން ފޮޅުމަށް މެދުވެރިވާ ކަމެއްވެސް މެއެވެ. އާދެ! މަނަދޫއަކީ އަޅުގަނޑުގެ އުފަން ރަށެވެ. އުޅެ ބޮޑުވީ އެފަސްގަނޑުގައެވެ. އަޅުގަނޑުގެ ކާބަފައިން ފަސްދާނު ލެވިފައިވަނީ އެތޯހިރު ފަސް ގަނޑުގައެވެ. އަޅުގަނޑު ކިތަންމެ ދުރުގައި ހުއްޓެއްކަމަކު އަޅުގަނޑު އަޅުގަނޑުގެ ރަށްމަތިން ނުހަނު ހަނދާންވެއެވެ. ދިރިއުޅޭ ހިތްވަނީ އެފަސްގަނޑުގައެވެ. އާދެ މަލަރީތި މަނަދޫގައެވެ.

އަޅުގަނޑު މަނަދޫގެ ދަރިއަކަށްވީތީ މިހުރީ އެކަމާއި ވަރަށް އުފަލުންނެވެ. ދިވެހިންނަށް ވީތީ ފަޚުރުވެރިވާ ފަދައިން މަނަދޫ ވީތީ ފަޚުރުވެރި ވަމެވެ. އަޅުގަނޑު ޙާލަތު ހުރިގޮތުން މިވަގުތު އުޅެންޖެހިފައިވަނީ ރަށުން ބޭރުގައެވެ. އެހެނަސް ރަށާއި ބެހޭގޮތުން މައުލޫމާތު އެއްކޮށް ހަދަމެވެ. ތިމާގެ މީހަކަށް ފޯނުކޮށްފިނަމަ ރަށުގެ ހާލަތާއި މަނަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުންނާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރަމެވެ. އެމީހުންގެ ވާހަކަތައް ހުންނަ ގޮތުން ކުޑަކޮށް ހިތްހަމަ ނުޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއްފަހަރު އެއީ ހަމަ މަނަދޫގައި ވެދާނެ ކަމެއްހޭ ހިތާހިތުން ސުވާލުކޮށްލެވެއެވެ. އެވެނި މީހެއްގައިގައި ކަޓަރު އަޅައިފިޔޭ މިވެނި ބަޔަކު ރަށުން ބޭރުކޮށްފިޔޭ އެވެނި ކުއްޖޭ ކޯލާވާޓަރ ބޮއިފިއޭ މިކަހަލަ ވާހަކަތަކުންނެވެ.

މިއީ އެއްގޮތަކަށްވެސް ވެގެންވާނެ ކަންތައްތަކެއް ނޫނެވެ. އަޅުގަނޑުމެން މަނަދޫގެ ރައްޔިތުންނަކީ އަބުރުވެރި ރައްޔިތަކު މިއަދާއި ހަމައަށްވެސް އުޅެމުން ދިޔަ ރަށެކެވެ. ކާބަފައިންގެ ޒަމާނުންސުރެ މިބީދައިން ހިނގަމުން ގޮސްފައިކަމީ އެއްވެސް ބޭފުޅަކު ދެބަސްވާނޭ ކަމެއްނޫނެވެ. ކަންމިހެން ހުރިއިރު ދުނިޔެއަށް އައި ބަދަލު އަޅުގަނޑުމެން ފަޚުރުވެރިވާ މަނަދޫއަށްވެސް މިވަނީ އައިސްފައިކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް އަޅުގަނޑު އިލްތިމާސް މިކުރަނީ މިފަދަ ދަށުދަރަޖައަށް މަނަދޫގެ ރައްޔިތުން ވެއްޓިގެންނުދިއުމަށެވެ. އެއްމެން އެކަތި ގަނޑަކަށްވެ އެއް އަޒުމެއްގައި ރަށާއިގެން ކުރިއަށް ދިއުމަށެވެ. އާއިލީ ގުޅުންތައް ހަރުދަނާކޮށް ހަފްތާގެ ކޮންމެވެސް އެއްދުވަހަކީ އައީލީ ގެތަކަށް ޒިޔާރަތްކޮށް އެކަމަށް ވަގުތުކޮޅެއް ހުސްކުރުމެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށް އާޚިރަތުގެ މަންފާ ހޯދުމަށް ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. މާތްﷲ ފަރުޟު ކުރެއްވި ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއްދެއްވާ ފާޙިޝް ކަންކަމުން ދުރުވެ އެކަލާނގެ ތަނަވަސް ރަޙުމަތުން ވާތްގަށް އެދޭށެވެ. އަޅުގަނޑުގެ ދުޢާއަކީ މަނަދޫގެ ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމާއެކެވެ.

ނޯޓް: މަގޭ ރިޕޯޓް ފޮނުއްވި ފަރާތުގެ އީމެއިލް އެޑްރެސް ޕަބްލިޝް ނުކުރީ އެފަރާތުގެ އެދުމެއްގެ މަތިންނެވެ

No comments: