Monday, March 10, 2008

މަގޭރިޕޯޓް: މަނަދޫ ދެކެ ލޯބިވާ ދަރިއެއްގެ ގަލަމުން

އަބްދުﷲ
thedhumagu@hotmail.com

މަނަދުއަކީ މަޒީގައި މާބޮޑެތި އިޖުތިމާއީ މައްސަލަތަކެއް ނެތް ރަށަކަށް ވީ ކަމީ މިއަދު މަނަދޫގެ ކޮންމެ ރައްޔިތަކުވެސް އެކަމަށް އުފާކޮށް ޝުކުރުވެރިވާން ޖެހޭފަދަ ބޮޑު ނިއުމަތެކެވެ. ނަމަވެސް އެގޮތުގައި އަބަދު ދެމިއޮންނާނެ ކަމަށް އަޅުގަނޑުމެން ބަލައިގެން ނުވާނެއެވެ. މިހެން މިދަންނަވަން މިޖެހުނީ ސަބަބެއް ނެތިއެއްނޫނެވެ. ތަރައްޤީގެ ކަންކަމުގައި އަޅުނޑުމެން ހޭބޯނާރާ މަސައްކަތް ކުރަމުން ދާ މި ދަނޑިވަޅުގައި ދަރިންގެ އަހްލާޤަށް މާބޮޑު އަޅާލުމެއް، އަދި ސަމާލުކަމެއް ދެވިފައިނެތުމުގެ ސަބަބުންނެވެ.
ޙާއްސްކޮށް މަނަދޫގެ ބޮޑެތިވަމުން އަންނަ ޅަދަރީންނާ ޒުވާނުގެ އަޙްލާޤަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިނިވަންކަމުގެ ނަމުގައި ރާއްޖެއަށް އައިސްފައިވާ އޮއިވަރުގެ ތެރޭގައި ދަރިން މައިބަފައިންނަށް އަމުރުކުރުމާއިން މައިންބަފައިގެ ބަސްނޭހުން މިއަދު މިވަނީ އާއްމުކަމަކަށް ވެފައެވެ. ޒުވާނުންގެ ބަހުރުވައިން ދަންނަވާނަމަ ގައްޑާކަމަކަށްވެފައެވެ. މިގޮތަށް މިކަން ވާންޖެހުނީ މައިންބަފައިން ދަރިން ތަރުބީޔަތުކުރުމުގައި ފަރުވާކުޑަކުރެވިފައި ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އާއިލާގެ އެންމެ އިސްފަރާތްކަމުގައިވާ ބައްޕަ އާއިލާއާއި ދޭތެރޭ ކުޑަކޮށް ވެސް ވިސްނާލުމެއްނެތި އުޅެމުންދާ ޒިންމާދާރުކަންކުޑަ ދިރިއުޅުމުގެ ސަބަބުންނެވެ.

ރަށުގެ އެކިހިސާބުތަކުގައި ހެދިފައިވާ ފިނިމައިޒާން ތަކަށް ބަލާލުމުން މިހަޤީޤަތް ކޮންމެ ބޭފުޅަކަށްވެސް ތަސައްވުރުކޮށްލެވޭނެއެވެ. މިފަދަ ފިނިމައިޒާން ތަކަކީ ވަރަށް މުހިއްމު މަޤުސަދެއްގައި ހެދިފައިވާ ތަންތަން ކަމުގައި ނޫނީނުވާނެއެވެ. އާއެކެވެ. އެމަޤުސަދުތަކާއި ބޭނުން އަޅުގަނޑުމެންގެ ކާބަފައިން ވަނީ އަޅުގަނޑުމެންއަށް ވަރަށް ފުރިހަމައަށް ދައްކައިދީފައެވެ. އެބޭފުޅުން އެތަންތަނުގެ ބޭނުން ހިފަމުން ގެންގޮސްފައިވާނީ ހަފްތާގެ ހުރިހާދުވަހަކު ކުރަމުން ދިޔަ ބުރަމަސައްކަތްތަކުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި ރަށުގައި މަޑުކޮށްލަން ލިބުނު ހަމައެކަނި ދުވަސް އާދޭ. ހުކުރުދުވަހުގެ މެންދުރު ފަހުގެ ވަގުތުތަކުގައި އަރާމުކޮށް ވައިޖައްސާލާ އެކަކު އަނެކަކަށް ހާލުއަހުވާލު ބަލާލާ މައިޒާންތަކެއްގެ ގޮތުގައިވެ. ނުވަތަ ދުވާލުގެ ބުރަމަސައްކަތައްފަހު ހަވީރުގެ ހިތްގައި ވަގުތުގައި އަރާމް ކޮށްލާ ހިއްފަސޭހަކޮށްލާ މަންޒިލެއްގެ ގޮތުގައެވެ.

މިއަދު މިތަންތަން ބޭނުން ކުރެވެމުންދަނީ ކޮންގޮތަކަށް ކަމާއި މެދު އަޅުގަނޑުމެން އެންމެން ވަރަށް ފުންކޮށް ވިސްނާލަންއެބަޖެހެވެ. ކިތަށް ބައްޕައިންތޯ ފަތިހު ގޮވާލާހާކާއެކު އެނދުން ފުންމާލައިގެން މައިޒާނަށް ދާގޮތަށް ރޭގަނޑު ނިދަން ނުވަތަ ގަޑިން ގަޑިއަށް ހަމަ އެކަނި ގެއަށް ކާން ދިއުމަށް ނޫނީ މައިޒާން ދޫނުކޮށްލަނީ. ރަށުގެ ދެކޮޅުގައި ހުރި ދެ މިސްކިތުގެ ގަޑުގަދަކުރާއިން ގޮވާ ބަންގީގެ އަޑުވެސް މިފަދަ ބަފައިނަން ނީވޭކަހަލައެވެ. އަދި އެފަދަބަފައިން ދެކޭގޮތުގައި މިސްކިތަކީ ގައިބާރު ދެރަވެ މުސްކުޅިވުމުން ކުރާނެކަމެއް ނެތިގެން އަރަން ހުނަ ތަނެއްކަމެވެ. މިއީ އާއިލާގެ ތަނބުކަމުގައިވާ ބައްޕައިންގެ ހާލު ހުރި ގޮތެވެ. މިފަދަ ބަފައިނަށް ކިހިނެއްތޯ ހަރުދަނާ ދިރިއުޅުމެއް އުޅެވި އަހްލާގުރަނގަޅު ޒިންމާދާރު ދަރިން ތަކެއް މުޖުތަމައަށް ނެރެވޭނީ.
މިފަދަ ބަފައިން ގިނަމުވުމުގެ ސަބަބުން މީސްކޮޅޫ މަދު މިމަނަދޫގައި މިއަދު މިދަނީ މަސްތުވާތަކެއްޗާއި، ވައްކަމާއި ފާހިޝް ކަންތަކަށް އަރައިގަންނަށް ކުޑަކޮށްވެސް ޖެހިލުމެއް ނުވާފަދަ އަޙްލާޤީފެންވަރުދަށް ޒިންމާދާރުކަން ކުޑަ ދީނަށް ލޯބި ނުކުރާ ޒުވާނުންތަކެއް ބޮޑަތިވަމުންނެވެ. ބައްޕައިން ދައްކަމުން ދާ ނަމޫނާގެ ސަބަބުންނެވެ.
މިއީ މިއަދު މަނަދޫގެ ކޮންމެ ރައްޔިތަކުވެސް މިކަމަށް ވިސްނާ ފިކުރުކުރަން ޖެހޭކަމެކެވެ.

-މަނަދޫދެކެ ލޯބިވާ މަނަދޫގެ ދަރިއެއް-

No comments: