Sunday, April 6, 2008

އަތޮޅު އޮފީސް އާ ޢިމާރާތް އެޅުމަށް ބޮޑުގޯޅި ބަންދުކުރާތީ އެކަން އޮތްގޮތެއް ބެލުމަށް، ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު އޮފީސްދޮށަށް އެއްވެއްޖެ




ނ. އަތޮޅު އޮފީހުގެ އާ ޢިމާރާތް އެޅުމަށްޓަކައި މަނަދޫ ބޮޑުގޯޅި ބައްދާކަމުގެ މަޢުލޫމާތުތަކެއް ލިބުމާއިގުޅިގެން އެކަން އޮތްގޮތެއް ބެއްލެއްވުމަށް މަނަދޫގެ ތިރީހަކަށް މީހުން މިއަދު ރަށު އޮފީސް ދޮށަށް އެއްވެއްޖެއެވެ. އެއްވުމުގެ ބައިވެރިން އެންމެ ފުރަތަމަ އެއްވެފައިވަނީ ރުއްމަގު ކައިރިއަށެވެ. ދެން އެތަނުން އެމީހުން މިސްރާބު ޖެހީ އަތޮޅު އޮފީސް އާ ޢިމާރާތް ކުރަން ހަމަޖެހިފައިވާ ބޮޑުގޯޅި ސަރައްޙައްދުން އަންހެނުން ނަމާދުގެ ކައިރިއަށެވެ. އެއަށްފަހު އެއްވި މީހުން މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން މަނަދޫ އޮފީސްދޮށަށް ގޮސް އެތަނުގައި ކުޑަވަރެއްގެ އިހުތިޖާޖެއް ކޮށް ހެދުމަށްފަހު، ކަތީބު ޙަސަން އިބްރާހީމް އާއި ބައްދަލުކޮށް ވާހަކަ ދެއްކުމުން އަތޮޅުއޮފީސް އާ ޢިމާރާތުގެ ކުރެހުން އެއްވުމުގައި ބައިވެރިވި ބޭފުޅުންނަށް ދައްކައި އަދި މިނޫންވެސް ކަންތައްތައް ސާފުކޮށްދެއްވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެއްވި މީހުން ރަށު އޮފީސް ދޫކޮށްލުމަށްފަހު ދެން ދިޔައީ އަތޮޅުވެރިޔާ އާއި ބައްދަލުކުރަން އަތޮޅު އޮފީސް ދޮށަށެވެ. އެއްވި މީހުން ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޚަލީލުއާއި ބައްދަލުކުރުމުން އަތޮޅު އޮފީހުގެ އާ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ގޮތާއި މަނަދޫ ރ.ކ ކޮމެޓީން ނިންމަވާފައިވާ ގޮތަށް މަސައްކަތްކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަތޮޅުވެރިޔާ މިކަމާއި ބެހޭ ގޮތުން ވަރަށް ތަފްޞީލްކޮށް ވާހަކަފުޅު ދެއްކެވުމުން އެއްވި މީހުން ސުލްޙައިގައި އެއްވުން ރޫޅާލިއެވެ. އެއްވި މީހުންނާއި މުޚާތަބުކޮށް އަތޮޅުވެރިޔާ ވިދާޅުވީ އަތޮޅު އޮފީސް އާ ޢިމާރާތް އެޅުމަށްޓަކައި ވަގުތީގޮތުން ބޮޑު ގޯޅި ބަންދު ކުރެއްވިނަމަވެސް، އެ މަސައްކަތް ނިމޭއިރު، ބޮޑުގޯޅީގައި 15 ފޫޓްގެ ގޯޅިއެއް އޮންނާނޭ ކަމަށާއި، އެގޯޅި ހެދުމަށް ޓަކައި ކުރައްވަން ޖެހޭ މަސައްކަތް ކުރައްވާނޭ ކަމަށެވެ. އޮފީސް ދޮށާއި މިނޫންވެސް ރަށުގެ ބައެއް ތަންތަނަށް ބަޔަކު އެއްވާން ޖެހުނީ ޙަޤީޤަތާއި ޚިލާފް ވާހަތަކެއް ރަށުތެރޭގައި ބަޔަކު ދެއްކުމާއި ގުޅިގެން އެކަން ވެގެން އުޅޭގޮތެއް ބެލުމަށް ކަމަށް އެއްވި މީހުންގެ ތެރެއިން ނަން ހާމަނުކުރުމަށް އެދޭ ޒުވާނަކު ކިޔައިދިނެވެ.

އެމްއެލް މާލޭ މުރާސިލުން ވިދާޅުވާ ގޮތުގައި ރައްޔިތުންގެ ބަޔަކު އޮފީސް ދޮށަށް އެއްވުމާއިގުޅިގެން މިވަގުތު މާލޭގައި ތިއްބެވި މަނަދޫގެ ބައެއް ފަރާތްތަކުން ނ. އަތޮޅުގެ ޚާއްޞަމަޖިލީހުގެ މެންބަރު އަލްފާޟިލް މުހައްމަދު ތޯރިގާއި ފޯނުން ގުޅައި، ބޮޑު ގޯޅީގެ މައްސަލަ ޚާއްޞަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމަށް ވަނީ މަސައްކަތްކޮށްފައެވެ. މިކަމާއި ގުޅިގެން ، މުހައްމަދު ތޯރިގް، މިމައްސަލަ ސާފު ކުރެއްވުމުގެ ގޮތުން އަތޮޅުވެރިޔާގެ އިތުރުން މަނަދޫ ކަތީބުންނާއި ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވިކަން އެމްއެލްއަށް ވަނީ ކަށަވަރުވެފައެވެ

ކުއްލި ޚަބަރު: ބޮޑުގޯޅީގެ މައްސަލައިގައި ރަށު އޮފީސް ދޮށަށް ބަޔަކު އެއްވެއްޖެ




ނ. އަތޮޅު އޮފީސް އާ ޢިމާރާތް އަޅާގޮތާއިމެދު ހިތްހަމަ ނުޖެހިގެން މިއަދު ރަށުއޮފީސް ދޮށަށް ބަޔަކު އެއްވެއްޖެއެވެ. މިކަމާއި ގުޅޭ ފޮޓޯއާއި އިތުރު މަޢުލޫމާތު އެމްއެލް އިން ގެނެސްދެވޭތޯ މަސައްކަތް ކުރަމުންދާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ. އިތުރު ތަފްސީލް އަންނަނީ

Saturday, April 5, 2008

މާފަރު ބޯޓް އާދިއްތަ ދުވަހުގެރޭ މާލެއިން ފުރާނެ



މަނަދޫ އަށް ދަތުރުކުރާ މާފަރު ބޯޓް އާދިއްތަ ދުވަހުގެރޭ މާދަމާރޭ 9:00 މާލެއިން ފުރާނެކަމަށް މާފަރު ބޯޓްގެ ވެރިޔާ މާފަރު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ. އެނާ ވިދާޅުވީ މަނަދޫ ބޯޓްދަތުރުތައް މެދުކެނޑުމާއެކު މަނަދޫއަށް ގެންދާ މުދާ އިތުރުވެފައިވާ ކަމަށެވެ. މާފަރުބޯޓްގެ ދަތުރު ހަމަޖެހިފައިވާ ގޮތް އޮޅުން ފިލުވާލުމުން ޢަލީ ވިދާޅުވީ އަތޮޅުގެ އެންމެ ފުރަތަމަ ޑެސްޓިނޭޝަނަކީ ވެރިކަންކުރާ ރަށް މަނަދޫ ކަމަށެވެ. މަނަދޫ ބޯޓް ކުއްޔަށް ދިނުމާއި ގުޅިގެން މިހާރު މަނަދޫއަށް ދަތުރުކުރަމުންދާނީ މާފަރު ބޯޓްގެ އިތުރުން ލަންދޫ ބޯޓެވެ. ލަންދޫ ބޯޓް މިއަދު މަނަދޫއިން ފުރައިގެން މިރޭގެ ވަގުތެއްގައި މާލެ ބަނދަރުކުރާނެކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިފައިވެއެވެ

މަގޭ ރިޕޯޓް: ރަނުގެ ފުރުޞަތެއް

ލިޔުނީ: އަލިފު - ސީނު

ކުރިމަތި ވަމުން މިހިރަ އަންނަނީ މަނަދޫގެ ދަރިންނަށް ރަނުގެ ފުރުޞަތެކެވެ. ރަށުގައި ވަޒީފައެއް ނުލިބިފައި ތިބި ގިނަ ޒުވާނުންތަކަކަށް ވަޒީފާ ހޯދިދާނެ ރަނގަޅު ފުރުޞަތެކެވެ. މަސްވެރިން، އެމީހުންނަށް މިހާރު ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުކޮށްލެވިދާނެ އުފާވެރި މޫސުމެކެވެ. ކޮންމެ މީހަކަށްވެސް އަމިއްލަ ރަށުގައި ތިބެގެން ދިރިއުޅުން ތަނަވަސް ކޮށްލެވިދާނެ ރަނުގެ ފުރުޞަތެކެވެ

އެތައް ދުވަސްތަކެއްގެ ދިގު އިނތިޒާރަކަށްފަހު، އަހަރެމެންގެ އަތޮޅަށްވެސް ފަތުރުވެރިކަން ތަޢާރަފް ވަނީއެވެ. މިހާރު ރިޒޯޓްތަކުގެ ވަސް އަހަރެމެންގެ ނޭފަތްތަކަށް ދުވާ ކަހަލައެވެ. އެ ރިޒޯޓްތައް މިހާރު ވަނީ ހުޅުވުމުގެ މަގުމަތީގައެވެ. މާތްﷲ އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ މި ރިޒޯޓްތައް ހުޅުވިގެންދާނެއެވެ. އަހަރެމެންގެ އަތޮޅަށް އިޤްތިޞާދީ މިފައިދާ ބޮޑު އިންގިލާބެއް އަންނަ އިރު އަހަރެމެން ތިބެންވާނީ ނިކަން ހުށިޔާރު ވެގެންނެވެ. އަހަރެމެން އަތޮޅުގެ ރިޒޯޓްތަކަށް އަހަރެމެން ނޫން ބަޔަކު އަތްގަދަ
ކުރިޔަދީގެން ނުވާނެއެވެ. އަހަރެމެން އަތޮޅަކީވެސް އާބާދީގެ ގޮތުން ދެރަ އަތޮޅެއް ނޫނެވެ

މަސްވެރިކަން ކުރާ ފަރާތްތަކަށް ވެސް މިކަމުން ވަރަށްބޮޑު މަންފާއެއް ކުރާނެކަން ޔަޤީނެވެ. އޮޑިވެރިން އެމީހުންގެ ދޯނި ފަހަރު ރިޒޯޓްތަކަށް ކުއްޔަށް ދީގެން، ހީނުކުރާވަރު ބޮޑު އާމްދަނީއެއް ހޯދިދާނެއެވެ. ރަށުގައި ތިބި ގެވެހި އަންހެންވެރިންނަށް، ފަން ވިނދެގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެއެވެ. އެންމެންނަށްވެސް އެނގޭނެ ފަދައިން މިހާރު ފަނުގެ އަގުވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް އުފުލެމުންނެވެ. ރަށުގައި އަތްތެރިކަމުގެ މަސައްކަތް ގިނަބަޔަކަށް ދަސްކޮށްދެން ވެއްޖެނަމަ، މިކަމުންވެސް ބޮޑު އިންގިލާބެއް ގެނުވާނެކަން ކަށަވަރެވެ

ނިކަން ހޭލާތިބެ އަޑުއަހާށެވެ. ރިޒޯޓްތަކުން ވެސް ބަލައިގަންނާނީ ވަކި ޝަރުތުތަކެއް ހަމަވާނަމައެވެ. އަހަރެމެންނަކީ، އެހެންމީހުންނަށް އިޚުތިރާމް ކުރާ ބަޔަކަށް ވާން އެބަޖެހެއެވެ. މި ސިފައަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހަމަ ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުރުން ލާޒިމް ސިފަ އެކެވެ. ރިޒޯޓްތަކުން ބޭނުންވަނީ ކެރޭ، ޤާބިލް މީހުންނެވެ. ހީވާގި މުރާލި ޒުވާނުންނެވެ. މިހިރަ ކަންތައްތައް ފުރިހަމަ ނުވާނަމަ، މިދާއިރާގައި މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ

މިއީ ރަނުގެ ފުރުޞަތެކެވެ. އަހަރެމެންގެ އަތޮޅެވެ. އަތް ދަމާލީމާ އަތް ފޯރާ ހިސާބުގައި ހުޅުވިގެންދާ ރިޒޯޓްތެކެކެވެ. ކުރިއަށް މިއޮތީ އަހަރެމެންގެ އާދައިގެ ދިރިއުޅުން ނަގާ ކޮޅަށް ޖަހާލަން ރަނގަޅު ދަނޑިވަޅެކެވެ. އަމިއްލަ ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށް ލިބޭ ފުރުޞަތެކެވެ. ކުރިން އަހަރެމެން ޝަކުވާ ކުރީ މިކަހަލަ ފުރުޞަތުތައް އަތޮޅުގައި ނެތީމައެވެ. މިއަދު މިއޮތީ އެފުރުޞަތުތައް އަތް ފޯރާ ހިސާބުގައެވެ. ހެޔޮގޮތުގައި ބޭނުންކުރަން އެނގިއްޖެނަމަ، އަހަރެމެން ފަހަތައް ޖައްސާލެވޭނެ ދެވަނަ ބަޔަކު ނޯންނާނެއެވެ. ނަމަވެސް މިކަމާއި ނުވިސްނާ ފަރުވާކުޑަ ކޮށްލެވިއްޖެނަމަ، ހިތާމައިގައި ކޮޅެއްވެސް ނެތެވެ. ފަތުރުވެރިކަން އަތޮޅަށް އަޔޭ ކިޔާފައި އަހަރެމެންނަށް ''މުކޮސް'' ވެސް ނުލިބޭނެއެވެ

ނ. އަތޮޅު އޮފީސް އާ ޢިމާރާތް އެޅުމަށް ބޭނުންވާ ސާމާނު މަނަދޫއަށް ގެންގޮސްފި



ނ. އަތޮޅު އޮފީސް އާ ޢިމާރާތް އެޅުމަށް ބޭނުންވާ ސާމާނު މަނަދޫއަށް ގެންގޮސް އެތަކެތި ބޭލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެމްއެލްއަށް މަޢުލުމާތު ލިބިއްޖެއެވެ. އެގޮތުން ސިމެންތި ، ހިލަވެލި، ހިލަ ގެންދަނީ މަނަދޫއަށް ބާލަމުންނެވެ. ދެބުރިއަށް ޢިމާރާތް ކުރެވޭ ނ. އަތޮޅު އޮފީސް އާ ޢިމާރާތް ބިނާކުރުމަށްޓަކައި މަނަދޫ ބޮޑު ގޯޅިން ބައެއް ނަގާތީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމާއި ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެމްއެލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑު ގޯޅިން ބައެއް ނެގުމަށް ނިންމަވާފައިވަނީ މަނަދޫ ރ.ކ ކޮމެޓީގެ މަޝްވަރާގެ މަތިންނެވެ. ނ. އަތޮޅު އޮފީހުގެ އާ ޢިމާރާތް ބިނާކުރުމުގެ ކޮންޓްރެކްޓް ޙަވާލުކުރައްވާފައިވަނީ ޕްރޮޕް ޕްރައިވެޓް ލިމިޓެޑާއެވެ

މަނަދޫ ބޯޓް މާލެ ދިއުމަށްޓަކައި ފުރައިފި




މަނަދޫ ބޯޓް ރޭ 11:00 ގައި މާލެ ދިއުމަށްޓަކައި ފުރައިފިއެވެ. މަނަދޫ ބޯޓް ފުރައިގެން މާލެ މިދަނީ ބޯޓް ކުއްޔަށް ދޫކޮށްލުމުގެ ގޮތުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަނަދޫ ބޯޓް ކުއްޔަށް ދިން ކަމުގައިވިޔަސް ބޯޓްގެ ވެރިފަރާތުން ކޮންމެވެސް އެއް ބޭފުޅަކު އަބަދުވެސް ބޯޓްގައި ޙަރަކާތްތެރިވާނެއެވެ. އެގޮތުން މިފަހަރު ބޯޓާއެކު ދިއުމަށް ހަމަޖެހިފައިވަނީ ބޯޓްގެ ވެރިފަރާތް ކަމުގައިވާ އަމްޖަދް ޢަލީއެވެ. މަނަދޫ ބޯޓް ކުއްޔަށް ހިފި ފަރާތުން، ބޯޓް މާލެ ބަނދަރުކުރާ ދުވަހު ބޯޓާއި ޙަވާލުވާ ގޮތަށް ކުރިން އޮތް ނަމަވެސް ނިންމަންޖެހޭ ކުޑަ ކަމެއް އޮތުމުން މިތާރީޚު ފަސްކޮށްފައިވާ ކަމަށް މަނަދޫ ބޯޓުން މަޢުލޫމާތު ދެއްވައެވެ. ބޯޓް މާލޭ ބަނަދަރަށް ވަނުމުން ނާލުގެކަންތައް ނުނިންމަވާ ތިއްބެވި ބޭފުޅުން އެކަން ނިންމެވުމަކީ މަނަދޫ ބޯޓްގެ ވަރަށްބޮޑު އެދުމެކެވެ. ބޯޓް މާލެއަށް ކުރާ މިދަތުރުގައި ފަޅުވެރިންގެ ތެރެއިންގެ ޙަސަން މޫސާ ނޫން އެހެން ހުރިހާ ފަޅުވެރިން މިދަތުރުގައި ބައިވެރިވެފައިވެއެވެ. މަހަކު 85000 ރުފިޔާއަށް އެއްއަހަރު ދުވަހުގެ މުއްދަތަކަށް މަނަދޫ ބޯޓް ކުއްޔަށް ނެންގެވީ ގއ. ވިލިނގިލީ މުސްތަފާ ކިޔާ ބޭފުޅެކެވެ


ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ނ. އަތޮޅު މެންބަރު މުޙަންމަދު ޠާރިޤު މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް އިޚްތިޔާރު ކުރައްވައިފި



ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ނ. އަތޮޅު މެންބަރު މަނަދޫ ރަތްވިލާގޭ އަލްފާޟިލް މުޙައްމަދު ޠާރިޤު ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ނިންމަވާ އެކަން ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. އަންނަ މޭމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަންފަށާ ރާއްޖޭގެ ފުރަތަމަ ސިވިލް ސާވިސްގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލިހާއި ރައްޔިތުންގެ ޚާއްޞަ މަޖިލިހުގައި ތިއްބެވި މެންބަރުންގެ ތެރެއިން ސިވިލް ސާވިސްގައި ހިމެނޭ ފެންވަރުގެ ސަރުކާރުގެ ވަޒީފާގައި ތިއްބެވި މެންބަރުން މަޖިލިހުގެ މެންބަރުކަން ނޫނީ ސިވިލް ސާވިސް މި ދެގޮތުންކުރެ ގޮތެއް އިޚްތިޔާރު ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުންވަނީ މެންބަރުންނަށް އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ނ. އަތޮޅު މެންބަރު ޢަލީ މުޙައްމަދު ( ހޮޅުދޫ ޢަލިބެ ) އާއި ޚާއްޞަ މަޖިލިހުގެ މެންބަރު އިބްރާހިމް ސިރާޖް އާ ދެބޭފުޅުންނަކީވެސް މިގޮތަށް ކޮންމެވެސް އެއްގޮތެއް އިޚްތިޔާރު ކުރައްވަން ޖެހިވަޑައިގަންނަވާނެ ދެބޭފުޅުންނެވެ. މި ދެބޭފުޅުން އިޚްތިޔާރު ކުރައްވަން ހުށަހެޅުއްވީ ކޮން ގޮތެއްކަމެއް މަނަދޫ ލައިވް އަކަށް އަދި ސާފެއްނުވެއެވެ. ސިވިލް ސާވިސްގައި ހިމެނެނީ އެގްޒެކެޓިވް ޑިރެކްޓަރުން ފެށިގެން ދަށުގެ މަޤާމުތަކުގައި ތިއްބެވި ސަރުކާރުގެ މުއައްޒަފުންނެވެ. މުޙައްމަދު ޠާރިޤަކީ އިންފޮމޭޝަން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.