
ލިޔުނީ: އަލިހާ
ނ. އަތޮޅު މަދަރުސާއަކީ 29 އަހަރު ފުރިފައިވާ މަދަރުސާއެކެވެ. މި މަދަރުސާގެ ހަޔާތުގައި ވޭތުވެދިޔަ ތަނުގައި ގައިމުވެސް ގިނަ ދަރިންތަކެއް ކިޔަވައިގެން މަނަދޫއަށާއި ނ. އަތޮޅަށް ނިކުމެއްޖެއެވެ. އޭގެ ތެރޭގައި އުފަން ފަސްގަނޑަށް ޚިދުމަތްކުރާ ދަރިންނާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ޚިދުމަތްތެރި ދަރިން ފާހަގަ ކުރެވެއެވެ. އަދި އަމިއްލަ މަސައްކަތް ކުރާ މަސައްކަތްތެރި ޒުވާނުންނާއި އިތުރަށް ކިޔެވުމަށް ހިތްވަރާއެކު މަސައްކަތްކުރާ ޒުވާނުން ހިމެނެއެވެ. މި އެންމެންގެ ތެރޭގައި އެކިއެކި ބެޗްތަކުން ނ. އަތޮޅު މަދަރުސާ ގްރެޖްއޭޓުވި ދަރިވަރުން ހިމެނެއެވެ
ނ. އަތޮޅު މަދަރުސާގެ ރަންދުވަސްވަރު ކަމަށް އަޅުގަނޑަށް ފެންނަނީ މިހާރުގެ ޕްރީ ސްކޫލު ކުރީގެ އާމަދަރުސާއޭ ކިޔުނު ރައްޔިތުން ތެޅިގަލުންނާއި އުވައިން އިމާރާތްކުރި މަދަރުސާގައި ގްރެޖްއޭޓްވި ދަރިވަރުންނާއި އެ މަދަރުސާއިން ކިޔެވުން ފެށިގެން ޖަޕާނު ސްކޫލްގައި ( މިހާރުގެ މަދަރުސާ އިމާރާތުގައި ) ގްރެޖްއޭޓްވި ދަރިވަރުންނެވެ. މިއީ އެހެން ފަރާތްތަކާ އަޅުގަނޑުގެ ޚިޔާލު ތަފާތުވެދާނެ ނިންމުމެކެވެ
ގާސިމް އަލީ އާއި މަރިޔަމް ސަޢީދާ އާއި ނާހިދާ މުޙަންމަދާއި ޢަބްދުއްސައްތާރު މުޙަންމަދުމެން މިއީ އަޅުގަނޑު މިދެންނެވި ފުރަތަމަ ބެޗްގެ ގްރެޖްއޭޓްވި ބައެއް ދަރިވަރުންނެވެ. މިބައިމީހުން ސްކޫލުގައި ޑްރާމާ ކުޅެލިއިރު ބެލެނިވެރިން ކުޅިބެލުމަށް ހުންނަ ފޯރިއާއި ރޮމުން ރޮމުން އެ މަންޒަރުތައް ބެލިތަން އަޅުގަނޑު ދުށީމެވެ. ތަންނުލިބިގެން ހޯލްތެރެ ފުރިބާރުވެގެން ބޭރުގަޔާއި މަދަރުސާގެ މަތިވަޑާންގަނޑު މަތީގައިވެސް ކުޅިބަލަން މީހުން އަރާތިބިތަން އަޅުގަނޑު ދެކުނީމެވެ. އޭރު ކިޔަވާ ނިންމި ކުދިން ވަރަށް ދަތި ހާލުގައި މާލޭގައި އުޅެގެން އިތުރަށް ކިޔަވައިގެން ޤައުމަށާއި ރަށަށް ޚިދުމަތްކުރާތީ އުފާވެރިކަމުގެ ކަނުރަ ހިލެއެވެ. ޓީވީން ޤައުމީ މައްސަލަތަކުގައި އެބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވާހަކަދައްކަވާތަން ފެނުނީމާ ހާދަ އުފާވެއެވެ. އެހެން ވާހަކައެއްވެސް ދަންނަވާލާނަމެވެ. މި ދަރިވަރުން އުޅުނު ދުވަސްވަރު ނ. އަތޮޅު މަދަރުސާއިން ހަފްތާ ނޫހެއް ސަރުކާރުގައި ރަޖިސްޓްރީ ކޮށްގެން ނެރުނެވެ. ހަފުތާ ޚަބަރުގެ ނަމުގައި ނެރުނު އެނޫހަކީ ސްކޫލެއްގައި ގަވާޢިދުން ސަރުކާރުގައި ރަޖިސްޓްރީ ކޮށްގެން ނެރެމުންދިޔަ ފުރަތަމަ ނޫހެވެ. އެނޫސް ހިންގެވުމަށް އެޑިޔުކޭޝަން މިނިސްޓްރީ ޗާޕްމެޟިނެއްވެސް ދެއްވިއެވެ. އެއީ ރާއްޖެތެރޭގެ ސްކޫލަކަށް ސަރުކަރުން ދެއްވި ފުރަތަމަ ޗާޕްމެޝިނެވެ.
އެ ބެޗަށް ފަހު ދެން ނިމިގެން ދިޔަ އެންމެ ފާހަގަކޮށްލެވޭ ބެޗަކީ ޖުވައިރިއަތު ހާރޫނާއި މާޖިދާ ޢަބްދުއްރަހީމާއި އާއިދާ ޢަބްދުއްރަހީމާއި ޢަބްދުﷲ ސަޢީދާއި ޢަލީ ޒާހިރާއި ޢަބްދުލްހަމީދު ހުސައިންމެންގެ ބެޗެވެ. އެއީ ނ. އަތޮޅު މަދަރުސާގައި ފުރަތަމަ ބޭރު ޓީޗަރެއް އަދި ހެޑްމާސްޓަރެއް ދެކުނު ދަރިވަރުންނެވެ. މި ދަރިވަރުން ނ. އަތޮޅު މަދަރުސާއާއި އަލްވަދާޢުކީ ގްރޭޑް 7 ކުންނެވެ. އެދުވަސްވަރު ސްޕޯޓްސްމީޓްތަކާއި ފުޓްބޯޅަ މެޗްތަކާއި ބޮޑުބެރާއި ބަނޑިޔާއާއި ވާހަކަ ދެއްކުމާއި ބަހުސްމުބާރާތްތަކަށް ލިބިފައިވާ ތަރުހީބު ބަޔާންކުރާން ދައްޗެވެ. އަދިވެސް މަނަދޫގެ ގިނަ ރައްޔިތުންތަކެއް އެދިއެދި އެތިބީ އެ ދުވަސްވަރު ކުޅުނު ބޮޑުތަކުރުފާނުގެ ޑްރާމާ ބަލާލާށެވެ. ޓީވީން ކަމާކަންފަށަށް ދަތުރު ހަދައިގެން މަނަދޫއަށްގޮސް އެޑްރާމާ ނެގިއެވެ. ނަސީބު ދެރަކަމުން ޓޭޕްގައި ލޮނުޖެހިގެން ހަލާކުވީ އެވެ. ނ. އަތޮޅު މަދަރުސާގައި ބޯއީސްކައުޓް ފެށުނީ މިކުދިންގެ ދުވަސްވަރުގައެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ ސްކައުޓް ޖަމްބޮރީގައި ނ. އަތޮޅު މަދަރުސާ ތަމްސީލުކުރިއެވެ
އަޅުގަނޑު މިވާހަކަތައް މިލިޔުނީ ނ. އަތޮޅު މަދަރުސާއިން ކިޔަވާ ނިންމި އެހެން ބެޗްތަކުގެ ދަރިވަރުންނަށް އެއްވެސް ގޮތެއްގައި އިހާނެތި ( ކުޑައިމިސް ) ބަހެއް ބުނުމުގެ ގޮތަކުންނޫނެވެ. ނ. އަތޮޅު މަދަރުސާއިން އޭގެ ފަހުންވެސް ޚިދުމަތްތެރި ދަރިން އުފެދެމުންދެއެވެ. އަޅުގަނޑުގެ މި ވާހަކަކޮޅަކީ ނ. އަތޮޅު މަދަރުސާއަކީ ކާމިޔާބު ސްކޫލެއްކަމާއި އެސްކޫލުގެ މާޒީއަކީ ފޮނި މާޒީއެއްކަމުގައި މިހާރުގެ ދަރިވަރުންނަށް ހަނދާން ކޮށްލދިނުމެވެ. އަދި އޭރުގައި ކިޔަވި ދަރިވަރުންގެ ހޭލުންތެރިކަން ރަނގަޅުކަމާއި އެމީހުންގެ ދަރިންނަށް ކިޔަވައިދިނުމަށް މިހާރުވެސް ކުރާ މަސައްކަތްތަކާއި އޭރުހުރި ހަނިފުރުސަތުގެ ބޭނުންކޮށްގެން އަމިއްލަ ހިތްމަތާއި މިންނަތުން ތަޢުލީމީ ގޮތުން އެ ދަރިވަރުން ހޯދި ކާމިޔާބީތަކަށް މަރުޙަބާ ދަންނަވާލުމެވެ. މިހާރުގެ ދަރިވަރުން ތިޔަ މަދަރުސާދެކެ ލޯބިވާށޭ ބުނެލުމެވެ. ތިޔަ މަދަރުސާއިން ޑްރަގުބޯ ކުދިންނާއި ކޯލާވާޓަރު ބޯކުދިން އުފެދިގެން ދާކަށް އަޅުގަނޑުގެ ހިތެއްނޭދެއެވެ. މިހާރަށްވުރެ ލިބޭ ޚިދުމަތްތަކާއި ޓީޗަރުން މާމަދުއިރުވެސް އަގުހުރި ދަރިން ތިޔަ ސްކޫލުން އުފައްދައިފިއެވެ. ދީނަށް ލޯބިކުރާ ދަރިންތަކެއް ނެރެފިއެވެ. އެދުވަސް އަލުން ގެންނަމާހެއްޔެވެ. މުޅި ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ ސްކޫލަކަށް ނ. އަތޮޅު މަދަރުސާ ހެދުމަށް ހިތްވަރާއެކު އަތުކުރި އޮޅާލަމާ ހެއްޔެވެ. މަތީ ސާނަވީއަށް ފުރުސަތު ހޯދަން އުޅޭށެވެ. ޖީސީއީ އޯލެވެލްއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ސްކޫލުތަކުގެ ފަންތިއަށް އަރަން މަސައްކަތް ފަށަމާހެއްޔެވެ. މުޅި ރާއްޖޭގައި ފާހަގަ ކޮށްލެވޭ ސްކޫލަކަށް ހުރިހާ ގޮތަކުންވެސް ހެދުމަށް އެންމެން އެކުވެރިވެގެން އެއްބައިވެގެން އަތުކުރި އޮޅާލަމާ ހިނގާށެވެ. ޓީޗަރުންނާއި ބެލެނިވެރިންނާއި ރަށުގެ ރައްޔިތުންނާއި ކިޔަވާ ދަރިވަރުން އެކަތިގަނޑަކަށް ވެއްޖެނަމަ މިއީ ހާސިލު ނުކުރެވޭ ކަމެއްނޫނެވެ. ނ. އަތޮޅު މަދަރުސާއަކީ ކުރިން މުޅި ރާއްޖޭގައި އެންމެ ފަހަގަކޮށްލެވޭ ސްކޫލުތަކުގެ ތެރޭގައި ގުނާލެވޭ ސްކޫލެކެވެ