Tuesday, April 8, 2008

ކިޔުންތެރިންގެ ސަމާލުކަމަށް


މަނަދޫ ލައިވް ވެބްސައިޓް އިފްތިތާޙް ކުރުމާއެކު މި ބްލޮގް މިހިސާބުން ކުރިއަށް ގެންދިއުން ހުއްޓާލި ވާހަކަ ދަންނަވަމެވެ.
------------------------------------------------------------

މަނަދޫލައިވް.ކޮމް އިފްތިތާޙް ކުރުމާއެކު މަނަދޫލައިވް.ބްލޮގްސްޕޮޓް.ކޮމް މިހިސާބުން ކުރިއަށް ގެންދިއުން ހުއްޓާލި ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަނަދޫ ލައިވްގެ ފެށުމަކީ މި ބްލޮގު ކަމަށްވެފައި ކިޔުންތެރިން މި ބްލޮގަށް ދެއްވި ތަރުހީބަށް ޝުކުރު ދަންނަވަމެވެ. ﷲ ގެ ވާގިފުޅާއެކު ރާއްޖެ އިސްލާމްވި ދުވަހު މަނަދޫ ލައިވް ވަނީ މަނަދޫގެ ފުރަތަމަ އޮފިޝަލް ވެބްސައިޓްގެ ގޮތުގައި ދުނިޔެއަށް ނޭވާލާފައެވެ. އެކަމަށްޓަކައި އުފާކޮށް ﷲ އަށް ޙަމްދުކޮށް ޝުރުދަންނަވަމެވެ. – އެޑިޓަރ
http://www.manadhoolive.com/

Monday, April 7, 2008

ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ހަމަޖެއްސެވި 19 ރަށުގެ ތެރޭގައި މަނަދޫ އާއި ކެނދިކުޅުދޫ ހިމެނިއްޖެ



އަތޮޅުތެރޭގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެދަށުން 2.5 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން މިއަހަރު 19 ރަށެއްގައި ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި މަނަދޫ އާއި ކެނދިކުޅުދޫ ހިމެނިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓްގައި ހިމެނިގެން މިއަހަރު ކަރަންޓުގެ ޚިދުމަތް ތަރައްޤީކުރާ 19 ރަށް ބަހާލެވިފައިވަނީ 3 ބަޔަކަށެވެ. މަނަދޫ އާއި ކެނދިކުޅުދޫ މިދެރަށް ހިމެނެނީ މިމަޝްރޫޢުގެ ފުރަތަމަ ބައިގައިއެވެ

ރާއްޖޭގެ އުތުރުގެ ދެ އަތޮޅެއްގެ ޕޮލިސް ސްޓޭޝަން ހިންގުން މަނަދޫ ދެޒުވާނަކާއި ޙަވާލުކުރެވިއްޖެ



ރާއްޖޭގެ އުތުރު 2 އަތޮޅެއްގައި ހުރި މޯލްޑިވްސް ޕޮލިސް ސާރވިސްގެ 2 ޕޮލިސް ސްޓޭޝަނެއް ވަޤުތީ ގޮތުން ހިންގެވުމާއި މަނަދޫގެ ޒުވާން ދެ ބޭފުޅަކާއި ޙަވާލުކުރެވިއްޖެ ކަމުގައި އެމްއެލްއަށް މަޢުލޫމާތު ލިބިއްޖެއެވެ. އެގޮތުން ރ. އަތޮޅު ޕޮލިސް ސްޓޭޝަން ހިންގެވުމާއި ޙަވާލުހުންނެވީ މަނަދޫ ލަވްސައިޑް ލާންސްކޯޕްރަލް މުޙައްމަދު ޝިފާޢު އެވެ. އަދިހަމަ އެހެންމެ ނ. އަތޮޅު ޕޮލިސް ސްޓޭޝަން ވަގުތީ ގޮތުން ހިންގެވުމާއި ޙަވާލުވެ ހުންނެވީ މަނަދޫ ފިތުރޯނުގެ ކޯޕްރަލް އަޙްމަދު އާތިފް އެވެ. ސަރުކާރުގެ ނުހަނު މަތީ މުއައްސާއެއްގެ އިދާރާއެއް ހިންގާ ބެލެހެއްޓުން މިއީ ހަލަބޮލި މިޒަމާނުގައި މަނަދޫގެ ދެ ޒުވާނުންނަށް ލިބިގެންދިޔަ މަތިވެރި ޝަރަފަކާއި ފަޚުރެއްކަމަށް އެމްއެލް ދެކެމެވެ. އަދި މިކަމަށްޓަކައި އޭގެ ދެ ޒުވާނުންނަށް މަރުޙަބާ ދަންނަވާ އިޚްލާސްތެރިކަމާއެކު ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމަކީ އެމްއެލް އެދޭ ވަރަށްބޮޑު އެދުމެއްވެސް މެއެވެ. މިކަމުން ދޭހަވެގެންދަނީ މަނަދޫގެ ލޮބުވެތި ދަރިން މިއަދު މިޤައުމަށް ޚިދުމަތްކުރުމުގައި ކުރީސަފުގައި ވަރަށް ސާބިތުކަމާއިއެކު ތިބިކަމެވެ

ނ. އަތޮޅު މަދަރުސާގައި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަނީ



ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބަތުގައި ނ. އަތޮޅު މަދަރުސާއިން ދީނީ ނަސޭޙަތް ދެއްވުމުގެ ޕްރޮގްރާމެއް ހިންގަވާގޮތަށް ނިންމަވައިފިއެވެ. އެގޮތުން މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 7 އޭޕްރީލް 2008 ދުވަހުގެރޭ (މިރޭ) 9:00 ގައި ގްރޭޑް 8 ން މަތީގެ ކްލާސްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންގެ އިތުރުން އަޑުއެއްސެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ. އަދި 8 އޭޕްރީލް 2008 ދުވަހުގެ ހެދުނު 9:00 ގައި ދީނީ ނަސޭޙަތް ދެއްވާނީ ގްރޭޑް 7 ން ދަށުގެ ކްލާސްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކަމަށް އަތޮޅު މަދަރުސާއިން މަޢުލޫމާތު ދެއްވައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބަތުގައި ބޭއްވޭ ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމްގައި މަނަދޫގެ ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތުމަކީ އަތޮޅުމަދަރުސާގެ ވަރަށްބޮޑު އެދުމެކެވެ



އަތޮޅު ޚަބަރު: މުހައްމަދު ނަޝީދު (އަންނި) ނ. އަތޮޅުގައި ކެމްޕެއިން ކުރައްވައިފި




އެމްޑީޕީގެ ޕްރައިމަރީޒްގައި ވާދަކުރައްވާ މުޙައްމަދު ނަޝީދު (އަންނި) ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ކެމްޕެއިން ކުރައްވައިފިއެވެ. މިދަތުރުފުޅުގައި މާފަރު، ލަންދޫ، ވެލިދޫ، މިލަދޫ އަދި ކުޑަފަރީއަށް ޒިޔާރަތް ކުރެއްވިކަމަށް ޚަބަރު ލިބިފައިވެއެވެ. މުޙައްމަދު ނަޝީދުގެ މިދަތުރުފުޅުގައި އެރަށްރަށުގައި ތިއްބެވި އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވައި ޚިޔާލުބަދަލުކޮށް ލައްވާފައިވެއެވެ. ނ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ނ. އަތޮޅުގައި މިހާރު އެމްޑީޕީއަށް ތާއީދުކުރާ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށާއި އަދި އިސްލާހަށް ލޯބިކުރާ ގިނަ ރައްޔިތުންތަކެއް ނ. އަތޮޅުގައި މިހާރު އެބަ ތިއްބެވި ކަމަށެވެ

Sunday, April 6, 2008

އަތޮޅު އޮފީހުގައި ބޭނުންކުރާ ލޯންޗް ތިލަފުއްޓަށް އެހެލައިފި




އަތޮޅުއޮފީހުގައި ބޭނުންކުރާ ލޯންޗް ތިލަފުއްޓަށް އެހެލައިފިއެވެ. ''ރަންދުނި''ގެ ނަމުން ނަން ދެވިފައިވާ މި ލޯންޗް ތިލަފުއްޓަށް އެހެލީ މަރާމާތައް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން ލޯންޗްގައި މިހާރު ބޭނުންކުރަމުން އަންނަ ޕެޓްރޯލް ޓޭންކުން ލީކުވާތީ ޓޭންކް ބަދަލުކުރުމާއި، އަންޑަރ ކޯޓެއް ލުމަށް ވަނީ ނިންމާފައެވެ. މި ލޯންޗް ތިލަފުށީގައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްވާނެކަމަށް ޚަބަރުތައް ބުނެއެވެ

ނ. އަތޮޅު އޮފީހުގެ ފަރާތުން ނީލަމެއް ބާއްވައިފި

ނ. އަތޮޅުއޮފީހުގައި ބޭނުންކޮށްފައި ހުރި ބައެއް މުދާ ނީލަންކިޔުން އިއްޔެ ބާއްވައިފިއެވެ. މި ނީލަމުގައި ބައިވެރިކޮށްފައިވާ މުދަލުގެ ތެރޭގައި އިލެކްޓްރޯނިކްސް ބައެއް ސާމާނާއި ފަންކާ އާއި ދަވާދާއި މިހެންގޮސް ވަރަށްގިނަ ސާމާނު އެކުލެވިގެންވެއެވެ. ބޭނުން ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިގެން މިބޭއްވި ނީލަމުގައި މަނަދޫގައި ގިނަ ފަރާތްތަކުން ބައިވެރިވެ އެދެވޭ ތަރުހީބެއް ނީލަމަށް ލިބުނުކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިފައިވެއެވެ. ނީލަން ކިޔުން އޮތީ ފަސްމީރު ޢިމާރާތުގައެވެ

އަތޮޅު އޮފީސް އާ ޢިމާރާތް އެޅުމަށް ބޮޑުގޯޅި ބަންދުކުރާތީ އެކަން އޮތްގޮތެއް ބެލުމަށް، ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު އޮފީސްދޮށަށް އެއްވެއްޖެ




ނ. އަތޮޅު އޮފީހުގެ އާ ޢިމާރާތް އެޅުމަށްޓަކައި މަނަދޫ ބޮޑުގޯޅި ބައްދާކަމުގެ މަޢުލޫމާތުތަކެއް ލިބުމާއިގުޅިގެން އެކަން އޮތްގޮތެއް ބެއްލެއްވުމަށް މަނަދޫގެ ތިރީހަކަށް މީހުން މިއަދު ރަށު އޮފީސް ދޮށަށް އެއްވެއްޖެއެވެ. އެއްވުމުގެ ބައިވެރިން އެންމެ ފުރަތަމަ އެއްވެފައިވަނީ ރުއްމަގު ކައިރިއަށެވެ. ދެން އެތަނުން އެމީހުން މިސްރާބު ޖެހީ އަތޮޅު އޮފީސް އާ ޢިމާރާތް ކުރަން ހަމަޖެހިފައިވާ ބޮޑުގޯޅި ސަރައްޙައްދުން އަންހެނުން ނަމާދުގެ ކައިރިއަށެވެ. އެއަށްފަހު އެއްވި މީހުން މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން މަނަދޫ އޮފީސްދޮށަށް ގޮސް އެތަނުގައި ކުޑަވަރެއްގެ އިހުތިޖާޖެއް ކޮށް ހެދުމަށްފަހު، ކަތީބު ޙަސަން އިބްރާހީމް އާއި ބައްދަލުކޮށް ވާހަކަ ދެއްކުމުން އަތޮޅުއޮފީސް އާ ޢިމާރާތުގެ ކުރެހުން އެއްވުމުގައި ބައިވެރިވި ބޭފުޅުންނަށް ދައްކައި އަދި މިނޫންވެސް ކަންތައްތައް ސާފުކޮށްދެއްވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެއްވި މީހުން ރަށު އޮފީސް ދޫކޮށްލުމަށްފަހު ދެން ދިޔައީ އަތޮޅުވެރިޔާ އާއި ބައްދަލުކުރަން އަތޮޅު އޮފީސް ދޮށަށެވެ. އެއްވި މީހުން ނ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޚަލީލުއާއި ބައްދަލުކުރުމުން އަތޮޅު އޮފީހުގެ އާ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ގޮތާއި މަނަދޫ ރ.ކ ކޮމެޓީން ނިންމަވާފައިވާ ގޮތަށް މަސައްކަތްކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަތޮޅުވެރިޔާ މިކަމާއި ބެހޭ ގޮތުން ވަރަށް ތަފްޞީލްކޮށް ވާހަކަފުޅު ދެއްކެވުމުން އެއްވި މީހުން ސުލްޙައިގައި އެއްވުން ރޫޅާލިއެވެ. އެއްވި މީހުންނާއި މުޚާތަބުކޮށް އަތޮޅުވެރިޔާ ވިދާޅުވީ އަތޮޅު އޮފީސް އާ ޢިމާރާތް އެޅުމަށްޓަކައި ވަގުތީގޮތުން ބޮޑު ގޯޅި ބަންދު ކުރެއްވިނަމަވެސް، އެ މަސައްކަތް ނިމޭއިރު، ބޮޑުގޯޅީގައި 15 ފޫޓްގެ ގޯޅިއެއް އޮންނާނޭ ކަމަށާއި، އެގޯޅި ހެދުމަށް ޓަކައި ކުރައްވަން ޖެހޭ މަސައްކަތް ކުރައްވާނޭ ކަމަށެވެ. އޮފީސް ދޮށާއި މިނޫންވެސް ރަށުގެ ބައެއް ތަންތަނަށް ބަޔަކު އެއްވާން ޖެހުނީ ޙަޤީޤަތާއި ޚިލާފް ވާހަތަކެއް ރަށުތެރޭގައި ބަޔަކު ދެއްކުމާއި ގުޅިގެން އެކަން ވެގެން އުޅޭގޮތެއް ބެލުމަށް ކަމަށް އެއްވި މީހުންގެ ތެރެއިން ނަން ހާމަނުކުރުމަށް އެދޭ ޒުވާނަކު ކިޔައިދިނެވެ.

އެމްއެލް މާލޭ މުރާސިލުން ވިދާޅުވާ ގޮތުގައި ރައްޔިތުންގެ ބަޔަކު އޮފީސް ދޮށަށް އެއްވުމާއިގުޅިގެން މިވަގުތު މާލޭގައި ތިއްބެވި މަނަދޫގެ ބައެއް ފަރާތްތަކުން ނ. އަތޮޅުގެ ޚާއްޞަމަޖިލީހުގެ މެންބަރު އަލްފާޟިލް މުހައްމަދު ތޯރިގާއި ފޯނުން ގުޅައި، ބޮޑު ގޯޅީގެ މައްސަލަ ޚާއްޞަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމަށް ވަނީ މަސައްކަތްކޮށްފައެވެ. މިކަމާއި ގުޅިގެން ، މުހައްމަދު ތޯރިގް، މިމައްސަލަ ސާފު ކުރެއްވުމުގެ ގޮތުން އަތޮޅުވެރިޔާގެ އިތުރުން މަނަދޫ ކަތީބުންނާއި ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވިކަން އެމްއެލްއަށް ވަނީ ކަށަވަރުވެފައެވެ

ކުއްލި ޚަބަރު: ބޮޑުގޯޅީގެ މައްސަލައިގައި ރަށު އޮފީސް ދޮށަށް ބަޔަކު އެއްވެއްޖެ




ނ. އަތޮޅު އޮފީސް އާ ޢިމާރާތް އަޅާގޮތާއިމެދު ހިތްހަމަ ނުޖެހިގެން މިއަދު ރަށުއޮފީސް ދޮށަށް ބަޔަކު އެއްވެއްޖެއެވެ. މިކަމާއި ގުޅޭ ފޮޓޯއާއި އިތުރު މަޢުލޫމާތު އެމްއެލް އިން ގެނެސްދެވޭތޯ މަސައްކަތް ކުރަމުންދާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ. އިތުރު ތަފްސީލް އަންނަނީ

Saturday, April 5, 2008

މާފަރު ބޯޓް އާދިއްތަ ދުވަހުގެރޭ މާލެއިން ފުރާނެ



މަނަދޫ އަށް ދަތުރުކުރާ މާފަރު ބޯޓް އާދިއްތަ ދުވަހުގެރޭ މާދަމާރޭ 9:00 މާލެއިން ފުރާނެކަމަށް މާފަރު ބޯޓްގެ ވެރިޔާ މާފަރު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ. އެނާ ވިދާޅުވީ މަނަދޫ ބޯޓްދަތުރުތައް މެދުކެނޑުމާއެކު މަނަދޫއަށް ގެންދާ މުދާ އިތުރުވެފައިވާ ކަމަށެވެ. މާފަރުބޯޓްގެ ދަތުރު ހަމަޖެހިފައިވާ ގޮތް އޮޅުން ފިލުވާލުމުން ޢަލީ ވިދާޅުވީ އަތޮޅުގެ އެންމެ ފުރަތަމަ ޑެސްޓިނޭޝަނަކީ ވެރިކަންކުރާ ރަށް މަނަދޫ ކަމަށެވެ. މަނަދޫ ބޯޓް ކުއްޔަށް ދިނުމާއި ގުޅިގެން މިހާރު މަނަދޫއަށް ދަތުރުކުރަމުންދާނީ މާފަރު ބޯޓްގެ އިތުރުން ލަންދޫ ބޯޓެވެ. ލަންދޫ ބޯޓް މިއަދު މަނަދޫއިން ފުރައިގެން މިރޭގެ ވަގުތެއްގައި މާލެ ބަނދަރުކުރާނެކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިފައިވެއެވެ

މަގޭ ރިޕޯޓް: ރަނުގެ ފުރުޞަތެއް

ލިޔުނީ: އަލިފު - ސީނު

ކުރިމަތި ވަމުން މިހިރަ އަންނަނީ މަނަދޫގެ ދަރިންނަށް ރަނުގެ ފުރުޞަތެކެވެ. ރަށުގައި ވަޒީފައެއް ނުލިބިފައި ތިބި ގިނަ ޒުވާނުންތަކަކަށް ވަޒީފާ ހޯދިދާނެ ރަނގަޅު ފުރުޞަތެކެވެ. މަސްވެރިން، އެމީހުންނަށް މިހާރު ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުކޮށްލެވިދާނެ އުފާވެރި މޫސުމެކެވެ. ކޮންމެ މީހަކަށްވެސް އަމިއްލަ ރަށުގައި ތިބެގެން ދިރިއުޅުން ތަނަވަސް ކޮށްލެވިދާނެ ރަނުގެ ފުރުޞަތެކެވެ

އެތައް ދުވަސްތަކެއްގެ ދިގު އިނތިޒާރަކަށްފަހު، އަހަރެމެންގެ އަތޮޅަށްވެސް ފަތުރުވެރިކަން ތަޢާރަފް ވަނީއެވެ. މިހާރު ރިޒޯޓްތަކުގެ ވަސް އަހަރެމެންގެ ނޭފަތްތަކަށް ދުވާ ކަހަލައެވެ. އެ ރިޒޯޓްތައް މިހާރު ވަނީ ހުޅުވުމުގެ މަގުމަތީގައެވެ. މާތްﷲ އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ މި ރިޒޯޓްތައް ހުޅުވިގެންދާނެއެވެ. އަހަރެމެންގެ އަތޮޅަށް އިޤްތިޞާދީ މިފައިދާ ބޮޑު އިންގިލާބެއް އަންނަ އިރު އަހަރެމެން ތިބެންވާނީ ނިކަން ހުށިޔާރު ވެގެންނެވެ. އަހަރެމެން އަތޮޅުގެ ރިޒޯޓްތަކަށް އަހަރެމެން ނޫން ބަޔަކު އަތްގަދަ
ކުރިޔަދީގެން ނުވާނެއެވެ. އަހަރެމެން އަތޮޅަކީވެސް އާބާދީގެ ގޮތުން ދެރަ އަތޮޅެއް ނޫނެވެ

މަސްވެރިކަން ކުރާ ފަރާތްތަކަށް ވެސް މިކަމުން ވަރަށްބޮޑު މަންފާއެއް ކުރާނެކަން ޔަޤީނެވެ. އޮޑިވެރިން އެމީހުންގެ ދޯނި ފަހަރު ރިޒޯޓްތަކަށް ކުއްޔަށް ދީގެން، ހީނުކުރާވަރު ބޮޑު އާމްދަނީއެއް ހޯދިދާނެއެވެ. ރަށުގައި ތިބި ގެވެހި އަންހެންވެރިންނަށް، ފަން ވިނދެގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެއެވެ. އެންމެންނަށްވެސް އެނގޭނެ ފަދައިން މިހާރު ފަނުގެ އަގުވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް އުފުލެމުންނެވެ. ރަށުގައި އަތްތެރިކަމުގެ މަސައްކަތް ގިނަބަޔަކަށް ދަސްކޮށްދެން ވެއްޖެނަމަ، މިކަމުންވެސް ބޮޑު އިންގިލާބެއް ގެނުވާނެކަން ކަށަވަރެވެ

ނިކަން ހޭލާތިބެ އަޑުއަހާށެވެ. ރިޒޯޓްތަކުން ވެސް ބަލައިގަންނާނީ ވަކި ޝަރުތުތަކެއް ހަމަވާނަމައެވެ. އަހަރެމެންނަކީ، އެހެންމީހުންނަށް އިޚުތިރާމް ކުރާ ބަޔަކަށް ވާން އެބަޖެހެއެވެ. މި ސިފައަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހަމަ ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުރުން ލާޒިމް ސިފަ އެކެވެ. ރިޒޯޓްތަކުން ބޭނުންވަނީ ކެރޭ، ޤާބިލް މީހުންނެވެ. ހީވާގި މުރާލި ޒުވާނުންނެވެ. މިހިރަ ކަންތައްތައް ފުރިހަމަ ނުވާނަމަ، މިދާއިރާގައި މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ

މިއީ ރަނުގެ ފުރުޞަތެކެވެ. އަހަރެމެންގެ އަތޮޅެވެ. އަތް ދަމާލީމާ އަތް ފޯރާ ހިސާބުގައި ހުޅުވިގެންދާ ރިޒޯޓްތެކެކެވެ. ކުރިއަށް މިއޮތީ އަހަރެމެންގެ އާދައިގެ ދިރިއުޅުން ނަގާ ކޮޅަށް ޖަހާލަން ރަނގަޅު ދަނޑިވަޅެކެވެ. އަމިއްލަ ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށް ލިބޭ ފުރުޞަތެކެވެ. ކުރިން އަހަރެމެން ޝަކުވާ ކުރީ މިކަހަލަ ފުރުޞަތުތައް އަތޮޅުގައި ނެތީމައެވެ. މިއަދު މިއޮތީ އެފުރުޞަތުތައް އަތް ފޯރާ ހިސާބުގައެވެ. ހެޔޮގޮތުގައި ބޭނުންކުރަން އެނގިއްޖެނަމަ، އަހަރެމެން ފަހަތައް ޖައްސާލެވޭނެ ދެވަނަ ބަޔަކު ނޯންނާނެއެވެ. ނަމަވެސް މިކަމާއި ނުވިސްނާ ފަރުވާކުޑަ ކޮށްލެވިއްޖެނަމަ، ހިތާމައިގައި ކޮޅެއްވެސް ނެތެވެ. ފަތުރުވެރިކަން އަތޮޅަށް އަޔޭ ކިޔާފައި އަހަރެމެންނަށް ''މުކޮސް'' ވެސް ނުލިބޭނެއެވެ

ނ. އަތޮޅު އޮފީސް އާ ޢިމާރާތް އެޅުމަށް ބޭނުންވާ ސާމާނު މަނަދޫއަށް ގެންގޮސްފި



ނ. އަތޮޅު އޮފީސް އާ ޢިމާރާތް އެޅުމަށް ބޭނުންވާ ސާމާނު މަނަދޫއަށް ގެންގޮސް އެތަކެތި ބޭލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެމްއެލްއަށް މަޢުލުމާތު ލިބިއްޖެއެވެ. އެގޮތުން ސިމެންތި ، ހިލަވެލި، ހިލަ ގެންދަނީ މަނަދޫއަށް ބާލަމުންނެވެ. ދެބުރިއަށް ޢިމާރާތް ކުރެވޭ ނ. އަތޮޅު އޮފީސް އާ ޢިމާރާތް ބިނާކުރުމަށްޓަކައި މަނަދޫ ބޮޑު ގޯޅިން ބައެއް ނަގާތީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމާއި ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެމްއެލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑު ގޯޅިން ބައެއް ނެގުމަށް ނިންމަވާފައިވަނީ މަނަދޫ ރ.ކ ކޮމެޓީގެ މަޝްވަރާގެ މަތިންނެވެ. ނ. އަތޮޅު އޮފީހުގެ އާ ޢިމާރާތް ބިނާކުރުމުގެ ކޮންޓްރެކްޓް ޙަވާލުކުރައްވާފައިވަނީ ޕްރޮޕް ޕްރައިވެޓް ލިމިޓެޑާއެވެ

މަނަދޫ ބޯޓް މާލެ ދިއުމަށްޓަކައި ފުރައިފި




މަނަދޫ ބޯޓް ރޭ 11:00 ގައި މާލެ ދިއުމަށްޓަކައި ފުރައިފިއެވެ. މަނަދޫ ބޯޓް ފުރައިގެން މާލެ މިދަނީ ބޯޓް ކުއްޔަށް ދޫކޮށްލުމުގެ ގޮތުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަނަދޫ ބޯޓް ކުއްޔަށް ދިން ކަމުގައިވިޔަސް ބޯޓްގެ ވެރިފަރާތުން ކޮންމެވެސް އެއް ބޭފުޅަކު އަބަދުވެސް ބޯޓްގައި ޙަރަކާތްތެރިވާނެއެވެ. އެގޮތުން މިފަހަރު ބޯޓާއެކު ދިއުމަށް ހަމަޖެހިފައިވަނީ ބޯޓްގެ ވެރިފަރާތް ކަމުގައިވާ އަމްޖަދް ޢަލީއެވެ. މަނަދޫ ބޯޓް ކުއްޔަށް ހިފި ފަރާތުން، ބޯޓް މާލެ ބަނދަރުކުރާ ދުވަހު ބޯޓާއި ޙަވާލުވާ ގޮތަށް ކުރިން އޮތް ނަމަވެސް ނިންމަންޖެހޭ ކުޑަ ކަމެއް އޮތުމުން މިތާރީޚު ފަސްކޮށްފައިވާ ކަމަށް މަނަދޫ ބޯޓުން މަޢުލޫމާތު ދެއްވައެވެ. ބޯޓް މާލޭ ބަނަދަރަށް ވަނުމުން ނާލުގެކަންތައް ނުނިންމަވާ ތިއްބެވި ބޭފުޅުން އެކަން ނިންމެވުމަކީ މަނަދޫ ބޯޓްގެ ވަރަށްބޮޑު އެދުމެކެވެ. ބޯޓް މާލެއަށް ކުރާ މިދަތުރުގައި ފަޅުވެރިންގެ ތެރެއިންގެ ޙަސަން މޫސާ ނޫން އެހެން ހުރިހާ ފަޅުވެރިން މިދަތުރުގައި ބައިވެރިވެފައިވެއެވެ. މަހަކު 85000 ރުފިޔާއަށް އެއްއަހަރު ދުވަހުގެ މުއްދަތަކަށް މަނަދޫ ބޯޓް ކުއްޔަށް ނެންގެވީ ގއ. ވިލިނގިލީ މުސްތަފާ ކިޔާ ބޭފުޅެކެވެ


ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ނ. އަތޮޅު މެންބަރު މުޙަންމަދު ޠާރިޤު މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް އިޚްތިޔާރު ކުރައްވައިފި



ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ނ. އަތޮޅު މެންބަރު މަނަދޫ ރަތްވިލާގޭ އަލްފާޟިލް މުޙައްމަދު ޠާރިޤު ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ނިންމަވާ އެކަން ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. އަންނަ މޭމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަންފަށާ ރާއްޖޭގެ ފުރަތަމަ ސިވިލް ސާވިސްގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލިހާއި ރައްޔިތުންގެ ޚާއްޞަ މަޖިލިހުގައި ތިއްބެވި މެންބަރުންގެ ތެރެއިން ސިވިލް ސާވިސްގައި ހިމެނޭ ފެންވަރުގެ ސަރުކާރުގެ ވަޒީފާގައި ތިއްބެވި މެންބަރުން މަޖިލިހުގެ މެންބަރުކަން ނޫނީ ސިވިލް ސާވިސް މި ދެގޮތުންކުރެ ގޮތެއް އިޚްތިޔާރު ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުންވަނީ މެންބަރުންނަށް އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ނ. އަތޮޅު މެންބަރު ޢަލީ މުޙައްމަދު ( ހޮޅުދޫ ޢަލިބެ ) އާއި ޚާއްޞަ މަޖިލިހުގެ މެންބަރު އިބްރާހިމް ސިރާޖް އާ ދެބޭފުޅުންނަކީވެސް މިގޮތަށް ކޮންމެވެސް އެއްގޮތެއް އިޚްތިޔާރު ކުރައްވަން ޖެހިވަޑައިގަންނަވާނެ ދެބޭފުޅުންނެވެ. މި ދެބޭފުޅުން އިޚްތިޔާރު ކުރައްވަން ހުށަހެޅުއްވީ ކޮން ގޮތެއްކަމެއް މަނަދޫ ލައިވް އަކަށް އަދި ސާފެއްނުވެއެވެ. ސިވިލް ސާވިސްގައި ހިމެނެނީ އެގްޒެކެޓިވް ޑިރެކްޓަރުން ފެށިގެން ދަށުގެ މަޤާމުތަކުގައި ތިއްބެވި ސަރުކާރުގެ މުއައްޒަފުންނެވެ. މުޙައްމަދު ޠާރިޤަކީ އިންފޮމޭޝަން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.

Friday, April 4, 2008

މަގޭ ރިޕޯޓް: ދެވަނަ ވިސްނުމަކަށް

ލިޔުނީ: އަލިފު - ސީނު



މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެކި އިންސާނުންނަށް ވިސްނުމާއި ފިކުރު ކުރުމުގެ ބާރު ދެއްވާފައިވަނީ އެކިވަރަށެވެ. އެއްބައި މީހުންނަކީ ޢުމުރުން ކިތަންމެ މައްޗަށް ދިޔަޔަސް ވިސްނުމުގެ ބާރު ދެރަ މީހުންނެވެ. އަހަރެންގެ ވިސްނުމަކީ ޢުމުރުގެ ގޮތުންނާއި ތަޖުރިބާގެ ގޮތުން އަދި ޅަވިސްނުމެއްކަން ޚުދު އަހަރެންވެސް އެއްބަސް ވަމެވެ. އެހެންވެ މިވާހަކަ، އަހަރެން އެންމެ ފަހުން ހަށަހެޅި ރިޕޯޓަށް ކޮމެންޓް ދެއްވި ފަރާތަށް ދަންނަވާލަމެވެ. އަހަރެން އެންމެފަހުގެ ރިޕޯޓްގައި ކިޔަވާ ކުދިންގެ އަޚުލާޤް ގޯސް ވަނީ ވަކިބައެއްގެ އިހުމާލުންނޭ އެއްވެސް ހާލެއްގައި ބުނެފައެއް ނޯންނާނެއެވެ. އެހެންކަމުން މިކަން އެޚިޔާލު ފާޅުކުރެއްވި ފަރާތަށް އޮޅިފައިވާ ކަމަށްޓަކައި ހިތާމަކުރާ ހާލުގައި ދަންނަވާލަމެވެ.


ދަރިން ނަސޯރާއިންނަށާއި، ޔަހޫދީންނަށާއި، މަޖޫސީންނަށާއި، މުނާފިގުންނަށާއި އަދި ނުވިތާކަށް ޑްރަގް ނަގާ މީހުންނަށް ހަދަނީވެސް އެކުއްޖާގެ މައިންބަފައިންނޭ ބުނެ ވާހަކަ ދައްކަމުން ދާއިރު އެއްކަލަ ކުއްޖާ މޮޅަށް ކިޔަވައިގެން ޤައުމުގެ ރައީސަށް، ނޫނީ މިނިސްޓަރަކަށް ނޫނީ އަތޮޅުވެރިއަކަށް ނޫނީ ޑިރެކްޓަރަކަށް ވެއްޖެނަމަ، އެއްކަލަ ރީތި ނަން ރައްދުވަނީ ކޮން ފަރާތަކަށް ބާވައެވެ؟ ކިޔަވައިގެން ރަނގަޅު ފާހެއް ލިބިއްޖެއްޔާ އެންމެވެސް ބުނާނީ ''އެސޮރު ކިޔެވީ މިވެނި ތަނަކުންނޭ އެވެނި ސްކޫލަކުންނޭ'' މިހެންނެވެ. އެކަމަކު ގޯސްކަމެއް ކޮށްފިއްޔާ އެންމެވެސް ބުނާނީ މިވެނި މީހެއްގެ ދަރި ޑްރަގް ނަގައިފިޔޭ، ވައްކަން ކޮށްފިޔޭ މިހެންނެވެ. ގޯސްކަމެއް ކޮށްފިއްޔާ އެކަމެއްގެ ވާހަކަ ދައްކާއިރު މަންމަ ނޫނީ ބައްޕަގެ ނަން ކުއްޖާގެ ނަމާއި ގުޅުވާލާނެއެވެ. ކުއްޖާއަށް ދެވޭ ތަރުބިއްޔަތަކީ ހަމައެކަނި ގޭ ހަތަރު ފާރު ތެރެއިން ލިބޭ ތަރުބިއްޔަތަށް ވެގެން އަދި ކަމަކު ނުދާނެއެވެ. މައިންބަފައިންނަކީ ކުއްޖާގެ ހަށިގަނޑު ބޮޑުކުރާ ބައެކެވެ. ކުއްޖާ ކުއްޖަކަށް ހަދަނީ އޭނާގެ އެދުރުންނެވެ. މިއީ މުސްކުޅިން ބުނާތީ އިވޭ ވާހަކަ އެކެވެ. ކުރީގެ ރިޕޯޓްގައި ކުދިންގެ އަޚުލާޤް ގޯސްވުމުގެ ހައްލަކަށް ބޭފުޅަކު އެދިފައިވާތީ ދަންނަވާލަމެވެ. މިކަމަށް އޮތް އެންމެބޮޑު ހައްލަކީ ބެލެނިވެރިންނާއި ސްކޫލްގެ މެނޭޖްމެންޓާއި ރަށުގެ ހުރިހާ ފަރާތެއްގެ އެއްބާރު ލުމެވެ. މީގެ ކުރިން މަދަރުސާއަށް ބެލެނިވެރިންގެ ފަރާތުން ލިބެމުންދިޔަ އެއްބާރު ލުމާއި، އެހީތެރިކަން މިހާރު މަދަރުސާއަކަށް ނުލިބެޔޭ އަހަރެން މިބުނަނީ ފިސާރި ކެރި ހުރެއެވެ. ކުރީގައި ސްކޫލްގެ މުބާރާތްތަކާއި ސްޕޯޓްސް މީޓް ފަދަ، ޙަރަކާތްތަށް ހިނގަމުންދާއިރު މުޅިތަން އޮންނަނީ ބެލެނިވެރިންގެ ތަރުޙީބުގެ އަޑުން ގުގުމާލާފައެވެ. މިފަދަ ކޮންމެ ކަމަކަށް އޭރު ބެލެނިވެރިން އުފަލާއެކު މަރުޙަބާ ކިޔައެވެ. އެއްފަހަރަކު ގްރޭޑް 7 ގެ ކުދިން ކްލާހުގައި ސަކަރާތް ޖަހާތީ، ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގެ ބަދަލުގައި ބެލެނިވެރިން އައިސް ކްލާސް ކައިރި ތިބި ތަން އަހަރެންވެސް ދެކުނީމެވެ.


މިއީ ހަމަ މިއަދުވެސް ކުރެވިދާނެ ކަމެއް ނޫންތޯއެވެ. ގައިމު މިއީކީ ފޫކޮޅުން ހަން ނެގުމެއް ނޫނެވެ. ކުދިން މިހާރަށްވުރެ އޭރު ތައްކަތައޭ އަހަރެން ބުނީ މިކަހަލަ އުސޫލްތަކެއް އޭރު އޮތީމައެވެ. އަދަބޭ ބުނީމާ ކޮންމެ މީހަކަށް ހީވަނީ އަދަބު ދިނުމަކީ އަނިޔާކުރުން ކަމުގައެވެ. ބޭނުންވަނީ އަނިޔާކޮށް ބުރިން ހަންނެގުމެއް ނޫނެވެ. ބޭނުންވަނީ ވިޔާނުދާކޮށް އުޅޭ ކުދިންނަށް، އެކުދިންނަށް މިއުޅެވެނީ ރަނގަޅަށް ނޫންކަން އަމިއްލައަށް ވިސްނި އެކަންކަމުން ދުރުވާނެ ފަދަ ޙިކުމަތްތެރި އަދަބު ކުދިންނަށް ދިނުމެވެ. ތަޢުލީމީ ގޮތުންނާއި އަޚުލާޤީ ގޮތުން ކުރީ ސަފުގައި އޮތް ސްކޫލްތަކުން ބޭނުން ކުރަމުންދާ ޙިކުމަތްތެރި ގޮތްތައް އަހަރެމެންގެ ތެރެއަށް ގެންނަން އެބަޖެހެއެވެ. މިއަދު މިއޮތީ އަހަރެމެންގެ މި ވިސްނުން ދޫކޮށް ދެވަނަ ވިސްނުމަކަށް ދާންޖެހިފައެވެ.

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރެވޭނީ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ބިންގާއެޅޭ ކައިވެނިތަކުން [ފުރަތަމަ ބައި

ލިޔުނީ: ޢަބްދުﷲ

thedhumagu@hotmail.com




ޝައްކެއްނެތް! މުޖުތަމައު ބިނާވެފައިވަނީ ޢާއިލާތަކެއްގެ މައްޗަށް ކަންމިހެން އޮތްއިރު މުޖުތަމައުތަށް އިސްލާހުކުރާ ވާހަކަ ދައްކާއިރު ކިހިނެއްތޯ ވަކިވަކި އާއިލާތަށް އިސްލާހުނުވެ މުޖުތަމައު އިސްލާހުވާނީ ، އާއިލާއެއް މިއުފެދެނީ ދެމަފިރިންގެ ސަބަބުން ކަމަށްވާއިރު ދެމަފިރިންނަކީ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ދެމީހުންނަށް ނުވެ ކިހިނެއްތޯ އެދެމަފިރިންގެ ސަބަބުން ދުނިޔެއަށް އަންނަ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރާނީ.


ވުމާއެކު އަޅުގަނޑުމެންކޮންމެ މީހަކުވެސް ހަޔާތުގެ ބައިވެރިއަކު އިހްތިޔާރުކުރާއިރު ބަލަންވީ އެމީހަކީ އިސްލާމްދީނަށް ލޯބިކުރާ ސާލިހް ތަގުވާވެރި މިހަކު އިހްތިޔާރުކުރުމަށް. އަންހެންކުޖަކުނަމަ ސޯލިހް ފިރިއެއް ، ފިރިހެންކުޖެއްނަމަ ސޯލިހް އަނބެއްހޯދުމަށް . އިސްލާމް ދީން އަންގަވަނީ ހިތްހަމަޖައްސާލާ ލޯބި ކޮށްލަން ދޮންއަނބަކު ހޯދާކަށްނޫ . ރަނގަޅުދަރިން ތަރުބިއްޔަތުކުރުމަށްޓަކައި ހެޔޮލަފާ ސާލިހް އަނބަކުހޯދުމަށް އަދި އެފަދަ ފިރިއަކު ހޯދުމަށް. ދަރިން ދުނިޔެއްއަށް އަމުގެ މާކުރިން އެދަރިންނަށްޓަކައި ފުރިހަމަ ބިންގަލެއް އެޅުމަށް އިސްލާމްދީންވަނީ އަންގަވާފަ.


ނަމަވެސް އަޅުގަނޑުމެންނަށް އަމަލުކުރެވެނީ ﷲ އާއި އެކަލާނގެ ރަސޫލު الله صلى الله عليه وسلم އަނގަވާފައިވާ ރިވެތި އުސޫލުތަކާއި ގޮތްތަށް ދޫކޮށް މުޑުދާރު ހިންދީ އެމީހުންގެ ޑްރާމާތަކާއި ފިލުމުތަކުގައި ދަށްކާ ގޮތްތަކަށެވެ.


އަޅުގަނޑުމެންގެ ތެރެއިން ކިތަށްމީހުންނަށްތޯ ކަމެއް ކުރުމުގެ ކުރިން އިސްލާމްދީނުގައި އެކަން އޮނަނީ ކިހިނެއްތޯ ބަލާ އެގޮތަކަށް އަމަލުކުރުމަށް މަސައްކަތް ކުރަމުންދާނީ . އެކަމަކު ސައްތައިން ސައްތަ އިސްލާމުންކަމަށް އަޅުގަނޑުމެން އެބަ ދައުވާކުރަމު. އެކަމަކު އަމަލުކުރަމުން މިގެންދެވެނީ ސައްތައިންސައްތަ މުޑުދާރު ކާފަރުންގެ އުސޫލުތަކާއި ގޮތްތަށް.


ކައްޗަށްއެޅިބިންގާ ކެއްޗާހަމަވިޔަސް ހުންނާނީ ކައްޗަށޭ ބުނާ ބީދައިން ކަށްޗަށް އެޅިފައިވާ މިފަދަ ބިންގާތަކުގެ ނަތީޖާ މިއަދު މިދާނީ އަޅުގަނޑުމެންގެ ރާއްޖެއިން އަދި ޙާއްސަކޮށް އަޅުގަނޑުމެންގެ މި ކުޑަކުޑަ މަނަދޫއިން ފެންނަމުންނެވެ. މިކަމުގެ ސާބިތުހެކި ބޮޑަތިވަމުން އަންނަ މަނަދޫގެ ޒުވާން ޖީލަށް ބަލާލުމުން ކޮންމެ މިހަކަށްވެސް ހާމަވެގެންދާނެއެވެ.

Thursday, April 3, 2008

- މަނަދޫ ލައިވް ވެބްސައިޓް ވުޖޫދަށް އަންނަނީ www.manadhoolive.com



މިހާރު ވެބް ބްލޮގެއްގެ ގޮތުގައި ހިންގަމުން މިއަންނަ މަނަދޫ ލައިވް، ވެބްސައިޓެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވުޖޫދަށް ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. މަނަދޫގެ ޚަބަރުތައް ތާޒާކަމާއިއެކު ވަގުތުން ވަގުތަށް ފޮޓޯއާއިއެކު ގެނެސްދޭން ފެށުމުން މި ބްލޮގުގެ މަޤުބޫލުކަން ބޮޑުވެ، ރާއްޖޭގެ ދުވަހު ނޫސްތަކުގެ ސަމާލުކަންވެސް މަނަދޫ ލައިވްއަށްވަނީ ލިބިފައެވެ. ވަކިން ޚާއްޞަ ގޮތެއްގައި މަނަދޫ ރައްޔިތުންގެ ތާޢީދު މި ބްލޮގަށްވަނީ ވަރަށް މަތީ ދަރަޖައަކަށް ލިބިގެން ގޮސްފައެވެ.

އަޅުގަނޑުމެން މި ބްލޮގު ހިންގަން ފެށިއިރުވެސް ދަންނަވާފައިވާނެ ފަދައިން މި ބްލޮގަށް ލިބޭ ތަރުހީބަކަށް ބެލުމަށްފަހު މަނަދޫ ލައިވްގެ ނަމުގައި ވެބްސައިޓެއް ހިންގުމަށް ޚިޔާލު ކުރެވިފައިވެއެވެ. ފާއިތުވެދިޔަ ތަނުގައި އީމޭލްގެ ޒަރީޢާއިންނާއި ބްލޮގަށް ކިޔުންތެރިން ފޮނުވި ޚިޔާލުތަކުގައިވެސް އެންމެ ގިނަ ބަޔަކު އެދެމުން ދިޔައީ ވީހާވެސް އަވަހަކަށް ވެބްސައިޓެއް ތަޢާރަފު ކުރުމަށެވެ.

މަނަދޫ ޒުވާން ކުދިންކޮޅެއް ހިމެނޭ މަނަދޫ ލައިވް ޓީމުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނީ ވަކި ފަރާތަކަށް ނުޖެހި، މަނަދޫއާބެހޭ މަނަދޫއާ ގުޅޭ ޚަބަރުތައް ތާޒާކަމާއެކު ގެނެސްދިނުމަށެވެ. އެއްވެސް މީހަކު ބަދުނާމުކޮށް މީހެއްގެ އަބުރަށް ހުތުރުވާގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކައެއް މަނަދޫ ލައިވްއިން ގެނެސްދީފައެއް ނުވާނެއެވެ. އަޅުގަނޑުމެން ދެކޭ ގޮތުގައި ރައްޔިތުންގެ މެދުގައި މަނަދޫ ލައިވް މަޤްބޫލުވެގެންދިޔަ މައިގަނޑު ސަބަބަކީ އެއީއެވެ. އެހެންކަމުން ކުރިމަގުގައިވެސް މަނަދޫ ލައިވްގެ އަމާޒަކަށްވާނީ އެގޮތް ދަމަހައްޓައި، މަނަދޫ ރައްޔިތުންގެ ރުހުމާއި ތާޢީދު އަދި މަނަދޫ ދަރިންގެ ވިންދާ އެއްގޮތަށް މި ވެބްސައިޓްވެސް ކުރިއަށް ގެންދިއުމެވެ. މަނަދޫ ލައިވްގެ ސަބަބުން ނިދާފައިވާ މަނަދޫ ހޭލައިފިއެވެ. މަނަދޫއާބެހޭ ޚަބަރުތައް މުޅި ދުނިޔެއަށް ފެތުރެން ފަށައިފިއެވެ. މަނަދޫއާބެހޭ ކަންތައްތައް ހޯދާ، ބަލާ ފާރަވެރިއެއްގެ ގޮތުގައި މަނަދޫ ލައިވް ތަޢާރަފުވުމުން ނަމެއްގައި ކަމެއް ކޮށްލުމުގެ ބަދަލުގައި ރޫޙާއި ޖޯޝްގައި ކަންތައްތައް ކުރާތަން ފެންނަން ފަށައިފިއެވެ. ކެނޑިފައިވާ އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙު ގުޅިގެންގޮސް މަނަދޫގެ ކަންތައްތަކުގައި ތެދުވާނެ ދަރިންތަކެއް ވެއްޖެއެވެ. ރަށުގެ ކަންތައްތަކާބެހޭ ގޮތުން މަނަދޫ ލައިވް މެދުވެރިކޮށް ރައްޔިތުން ފާޅުކުރަމުންދާ ޝުޢޫރުތަކާ އެއްގޮތަށް ފިޔަވަޅުތައް ކުރިއަށް އެޅޭތަން ފެންނަން ފަށައިފިއެވެ. މި ފުރުސަތުގައި އެމްއެލްގެ މަގޭ ރިޕޯޓްގެ ނަމުގައި ރިޕޯޓްތައް ފޮނުވައިދެއްވަމުން ގެންދަވާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. އަދި ވަގުތުން ވަގުތަށް ކަންތައްތައް ގެނެސްދިނުމުގައި މަނަދޫ ލައިވްގެ ފޮޓޯގްރާފަރުންނާއި ރިޕޯޓަރުންނާއި ހެޔޮއެދޭ މަނަދޫ ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

" މަނަދޫ ލައިވް ޑޮޓް ކޮމް" ވުޖޫދަށް ގެނައުމަށް އަޅުގަނޑުމެން ފެށި މަސައްކަތުން އެގުނު އެއްކަމަކީ ރަށްދެކެ ލޯބިވާ، ރަށަށްޓަކައި ފަޚުރުވެރިވާ ޒުވާނުން މަނަދޫ ފަސްގަނޑުން އުފައްދާފައިވާ ކަމެވެ. އެހެންކަމުން މަނަދޫ ލައިވް ޓީމްގައި ހިމެނޭ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެކެވެ

www.manadhoolive.com


ކުއްލި ޚަބަރު: ބޮޑު ގޯޅި ބައްދާލަން ނިންމުމާއި ގުޅިގެން އަތޮޅު އޮފީސް ދޮށަށް އެއްވުމަށް ތައްޔާރުވާން ފަށައިފި


ތިރީސް ފޫޓް ފުޅާމިނުގެ މަނަދޫގެ މަޝްހޫރު ބޮޑު ގޯޅި ބައްދާލުމަށްފަހު އަތޮޅު އޮފީހުގެ ދެބުރި ޢިމާރާތް އަޅަން ނިންމުމާއިގުޅިގެން މިކަމާއި ރައްޔިތުން ހިތްހަމަ ނުޖެހުމުގެ ޝުޢޫރުތައް ފާޅުކުރަމުންދާ ކަމަށް އެމްއެލް މަނަދޫ މުރާސިލް މައުލޫމާތު ދެއްވައިފިއެވެ. މުރާސިލް ވިދާޅުވިގޮތުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުންދަނީ އަތޮޅު އޮފީހުގެ އާއިމާރާތް އަޅަން ބޮޑު ގޯޅި ބައްދާލުމަކީ އެކަމުގެ ދަތިކަން ރައްޔިތުންނަށް ފޯރާނެކަމެއް ކަމަށެވެ. ބޮޑު ގޯޅި ބައްދާލުމުން އެންމެ ކުޑަމިނުން ދުއްވާ އެއްޗެހި ރަށުތެރެއަށް އެރުމުގައިވެސް މައްސަލަ ކުރިމަތިވާނޭކަމަށް ރައްޔިތުން ބުނަމުންދެއެވެ. އެމް.އެލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅު އޮފީހުގެ ދެބުރި ޢިމާރާތް އެޅުމަށްޓަކައި ބޮޑު ގޯޅި ބައްދާލުމަށްފަހު، ޢިމާރާތުގެ އިރުން ހަނިގޯޅި ގަނޑެއް ހަދާގޮތަށް ވަނީ ހަމަޖެހިފައެވެ. މޭލެއްހާ ދިގު މަނަދޫ ރަށުތެރެއަށް އަރަން އޮންނަ ދެގޯޅިން ކުރެ އެއްގޯޅި ހަނިކުރުމަކީ މަނަދޫގެ ތަރައްޤީއަށާއި ރައްޔިތުންނަށް ކުރިމަތިވާނެ ވަރަށްބޮޑު ދައްޗަކަށް ވާނެއެވެ. މިކަމަކީ މީގެ ކުރިންވެސް މިއަދާއި ހަމަޔަށް މަނަދޫގެ މަގެއް ބެއްދުމުން، ރައްޔިތުންނަށް ނުހަނު ބޮޑު ދަތިކަމެއް ކުރިމަތި ވެފައިވާ ކަމެކެވެ. މީހުން ދިރިއުޅޭ ޖާގައަށްވުރެ ހުސްބިން ބޮޑު މަނަދޫގައި އަތޮޅު އޮފީހުގެ އާޢިމާރާތް އަޅާނެ ބިމެއް ނެތިގެން އުޅުމަކީ މިއީ މިއަދު ރައްޔިތުން ސުވާލު ކުރަމުންދާ ކަމެއްކަމަށް މުރާސިލް ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑު ގޯޅި ބައްދަން ނިންމުމާއިގުޅިގެން ސުލްޙަވެރި ގޮތުގައި އެކަންތައްތައް ރައްޔިތުން އެދޭގޮތަށް ނިންމުމަށް އެދި އަތޮޅުއޮފީސް ކައިރިއަށް މާދަމާ ރައްޔިތުންގެ ގިނަބަޔަކު އެއްވުމަށް ދަނީ ތައްޔާރު ވަމުންނެވެ. މަނަދޫއަކީ މުސްތަޤްބަލުގައި ބޮޑު އާބާދީއަކަށް ދިރިއުޅެވޭ ވަރުގެ ބިންބޮޑު ރަށެކެވެ. ރާއްޖޭގެ އެހެން ރަށްރަށަށް އަންނަ ތަރައްޤީއެކޭ އެއްގޮތަށް މަނަދޫއަށްވެސް ވަނީ ތައްރައްޤީ އަންނަން ފަށާފައި މިވާ ދަނޑިވަޅުގައި މަނަދޫ ބަނދަރަށް ލެފުމަށްފަހު، ރަށުތެރެއަށް އަރަން އޮންނަ ދެ ގޯޅިން އެއް ގޯޅި ބައްދާލުމަކީ މިކަމާއި އިތުރަށް ވިސްނެވުން މުހިންމު ކަމެކެވެ. ޔޫއެންޑީޕީން ކުރި ދިރާސާއަކުން ދައްކާގޮތުގައި މަނަދޫގައި އެއްވެސް ދަތިކަމެއް ނެތި 1 ފްލޯ ގެ ގެެތަކުގައި 12000 މީހުންނަށް ހުރިހާ ވަސީލަތަކާއެކު ދިރިއުޅެވޭނެއެވެ. މިޚަބަރާއި ގުޅިގެން ރަސްމީ ފަރާތްތަކުގެ ކޮމެންޓެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ

ނަރުދަމާ ނިޒާމު މަސައްކަތް ކުރާ ފަރާތްތަކަކަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ މައްސަލައެއް ފެންމަތި ވެއްޖެ



މަނަދޫގައި ނަރުދަމާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މީގެ ގާތްގަނޑަކަށް 3 އަހަރު ކުރިން ވަނީ ފެށިފައެވެ. މަނަދޫގައި ނަރުދަމާ ނިޒާމް ޤާއިމުކޮށްދެއްވަން ނިންމީ ޔުނިސެފްގެ ފަރާތުންނެވެ. ޔުނިސެފުން މި މަސައްކަތް ކޮންޓެކްޓް އުސޫލުން ޙަވާލުކޮށްފައިވަނީ ޔުނެޕްސް ކިޔާ ބޭރުގެ ޖަމާޢަތަކާއެވެ. ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާލެއް ލަސްކަން މަނަދޫގެ ރައްޔިތުންވަނީ ފާހަގަކޮށްފައެވެ. ބޮޑު ބަޖެޓެއް ޔުނިސެފުން ކަނޑައަޅައިގެން ޔުނެޕްސް އާއި ޙަވާލުކޮށްގެން ފެށި މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭންގެއެވެ. ނަމަވެސް މަސައްކަތް ނިންމަން ޖެހޭ ތާރީޚު ފަހަނަ އަޅާ ދިޔައިރުވެސް މަސައްކަތް ވަނީ ނުނިމިއެވެ.

އަދި މިހާރު ފެންމަތިވެގެން އުޅޭ މައްސަލައިގެ ސަބަބުން މި މަސައްކަތް އިތުރަށް ދިގުދެމިގެން ދިޔުން އެކަށީގެންވެއެވެ. މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ މިމަސައްކަތުގެ ކަންތައް ބެލެހެއްޓުމަށް މަނަދޫ ރައްޔިތުން ހޮވާފައިވާ އެގްޒެކްޓިވް ކޮމެޓީގެ އެކައުންޓެއް ނެތުމުން އެކޮމެޓީ މެދުވެރިކޮށް ކޮންޓެކްޓަށް ދޫކުރާ މަސައްކަތްތަކުގެ ފައިސާ، މަސައްކަތްތައް ކުރާ ފަރާތްތަކަށް ނުލިބުމުގެ މައްސަލައެވެ. އެގްޒެކްޓިވް ކޮމެޓީގެ އެކައުންޓެއް ހުޅުވުމަށް އެކޮމެޓީ އާއި ބެހޭ ހުރިހާ މަޢުލޫމާތެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ. މިހާރު ދިމާވެގެން އުޅޭ އެންމެބޮޑު މައްސަލައަކީ ގޭގޭގައި ބަހަށްޓާ ޖަންގްޝަންތައް އެޅުމަށާއި އެޖަންގްޝަންތައް ގޭގެއަށް ގެންގޮސް ގޭގެ ވެރިފަރާތުން ދައްކާ ތަނެއްގައި ބެހެއްޓުމުގެ މަސައްކަތް މަނަދޫގެ 3 ގްރޫޕަކާއި ޙަވާލުކޮށްގެން ކުރުވުމަށްފަހު ، އެގުރޫޕްތަކަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ މައްސަލައެވެ. މިކަމާއި ގްރޫޕްތަކުން ހިތްހަމަ ނުޖެހިގެން މަނަދޫގައި ހުންނަ ޔުނެޕްސްގެ އޮފީހަށް ދިއުމުން އެތަނުން ވިދާޅުވަނީ ޔުނެޕްސްއިން ފައިސާ ޖަމާކުރަން ޖެހެނީ އެގްޒެކްޓިވް ކޮމެޓީގެ އެކައުންޓަށް ކަމަށާއި، އެކޮމެޓީގެ އެކައުންޓެއް މިއަދާ ޖެހުނު އިރުވެސް ހުޅުވާފައި ނުވާކަމަށެވެ. ފައިސާ ނުލިބިގެން ޖަންގްޝަންތައް ވަޅުލުމަށް މަސައްކަތް ކުރަމުންދިޔަ މިލަދޫ ގުރޫޕެއް ގެ މަސައްކަތް ރޭގައި ވަނީ ބަޔަކު ނުކުމެ ހުއްޓުވާފައެވެ. ނަމަވެސް މިއަދު ބައެއް ޖަންގްޝަންތައް ވަޅުލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެލް އަށް މަޢުލޫމާތު ލިބިފައިވެއެވެ. މިހާރު އުފެދިފައިވާ ސުވާލަކީ ، ފައިސާ ނުލިބިގެން އުޅެނީ ކޮންބައެއްގެ އިހުމާލުންބާވައެވެ؟ މަނަދޫ އާއިއެކު މިނިޒާމް ޤާއިމްކޮށްދެން ޔުނިސެފުން ކަނޑައެޅި އަނެއް ތިން ރަށް ކަމަށްވާ ފ. ނިލަންދޫ އާއި ދ. މީދޫ އާއި ރ. އުނގޫފާރުގެ މަސައްކަތްވަނީ މިހާރު ނިމުމަކަށް ގޮސްފައެވެ. މަނަދޫގެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ޔޯލަކޮށްލާފައިވެސް ދަންނަވަން ނޭންގެއެވެ.

މިހެންވުމަށް މެދުވެރީ ކޮންބައެއްގެ ސަބަބުންތޯ ބަލަން މިއަދު ގިނަބަޔަކު ބޭނުމެވެ. ބޭރުގެ ޖަމާޢަތަކުން މިފަދަ ކަމެއް ކޮށްދެއްވަން ނިންމެވުމުން ރައްޔިތުންގެ މިފަދަ ކަންކަން ޝުކުރުވެރި ކަމާއިއެކު ބަލައި ނުގަންނަ ކަމުގައިވާނަމަ، ކުރިއަށް އޮތް ތާނގައި މިފަދަ ފުރުޞަތުތައް ގެއްލިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. މަނަދޫއަށް ލިބިފައިމިވާ ރަނުގެ ފުރުޞަތުގެ ބޭނުން ރައްޔިތުން ހިފަމާތޯއެވެ

މަގޭ ރިޕޯޓް: ނުމެ ކާނަމޭ ނުމެ ދާނަމޭ

ލިޔުނީ : އަލިފު - ސީނު



އަނެއްކާވެސް އެމް.އެލްގެ ކިޔުންތެރިންނަށް އަހުރެންގެ އައު ރިޕޯޓަކަށް މަރުޙަބާއެވެ. ނަމަވެސް މިފަހަރު ރިޕޯޓައިގެން ކުރިއަށް ދިޔުމުގެ ކުރިން އެމ.އެލްގެ ބައެއް ކިޔުންތެރިންނަށް އޮޅިފައިވާ އެއްޗެއް ސާފުކޮށްލަދޭނަމެވެ. އަހުރެންގެ ލިޔުންތަކުގައި ބޭނުންކޮށްފައިވާ އަލިފު ސީނު މި ދެ އަކުރުން ރަމްޒުކޮށްދެނީ ޢަބްދުﷲ ސަޢީދެއް ނޫނެވެ. އަދި އަހަންނަކީ ޢަބްދުﷲ ސަޢީދު ނޫންކަންވެސް މިފުރުޞަތުގައި ބުނެލަމެވެ.

ފާއިތުވި ގިނަ ރިޕޯޓްތަކަށް ކަޅި ހިންގާލާއިރު، އަހަންނަށް ފާހަގަކުރެވުނު އެއްކަމަކީ ގިނަ ލިޔުންތައް ކިޔަވާ ކުދިންނަށް އަމާޒުވެފައި ހުރުމެވެ. ޚުދު އަހަރެންގެ ބައެއް ލިޔުންތައްވެސް އަމާޒުވެފައި ހުރީ ހަމަ އެދާއިރާއަށެވެ. މިފަހަރުވެސް މި ގުޅުވާލަނީ މި މަޢުލޫއާއެވެ. ކިޔާވާ ކުދިންގެ އަޚްލާޤް ރަގަނޅު މިނެއްގައި ނުހިފެއްޓިގެން އުޅެނީ އެކުދިން ކުރާ ކުށްތަކަށް އެދެވޭ އަދަބު ނުދެވޭތީއޭ ގިނަބަޔަކު ބުނާ ބުނުމަށް އަހަރެން ތާއީދު ކުރަމެވެ. އަހަރުމެން ސްކޫލްގައި އުޅުނުއިރު، ސްކޫލް ކުދިން މަސްބާނަން ދިޔުން އޮންނަނީ މަނާކޮށްފައެވެ. ކުދިން ވާޓަރު މަތީގައި މަސްބާނަން ތިއްބާ އެއްކަންފަތުގައި ހިފައިގެން އަތުގައި އޮތް ދޮއްޓާއި އެއްމަސް ކޮތަޅާއި އެކީ ސްކޫލަށް ގެންދިޔަތަން އަހަރެމެން ދުށީމެވެ. އަނެއްދުވަހު ގަންނާކުރައްވާ ބިރުން ދޮށިއުކާލަން ވާޓަރު މައްޗަށް ދާނެ ކުއްޖަކު ނުވެއެވެ. ސްކޫލުން މަނާކޮށްފައި އޮތް ގަޑިއެއް ގައި ކުދިންތަކެއް ބޯޅަކުޅެން އުޅެނިކޮށް ފެނިގެން، އެތިބި ކިލާ ކަންމަތީގައި ކިލާ ބަބުރުތަކެއްހެން ތިއްބާ މަދަރުސާއަށް ގެންގޮސް އަހަރުމެން ކުރިމަތީގައި އެސެންބްލީ ހޯލްގައި ބޭއްތިއްބި ތަންވެސް ދެކުނީމެވެ. އޭރު މަނާގަޑީގައި އެއްވެސް ކުއްޖަކަށް ބޯޅައެއްގައި ފައިން ޖަހާލާންވެސް ނުކެރޭނެއެވެ.

އިޖުތިމާޢީ މަރުކަޒުގައި މާލޭ ޓީވީ ދެއްކިއިރު، އެންމެ ފޯރި ނަގައި އަހަރެމެން ބަލާއުޅުނީ ''މާފުކުރާށޭ'' ޑްރާމާއެވެ. އެއްރޭ ޑްރާމާ ބަލަން ގްރޫޕް ހަދާފައި ތިއްބާ ޓީޗަރުންގެ ފައުޖެއް އައިސް ލަދުގަންނަވާލައިފައި އަހަރުމެން ގެއަށް ފޮނުވާލީ ޑްރާމާގެ އެންމެ އަސަރު ގަދަ ހިސާބަށް ދިޔަތަނާއެވެ. އޭގެ ފަހުން މާލޭ ޓީވީ ބަލަން ރޭގަނޑު އެހިސާބަށް ވައިއެޅިލަންވެސް ނުކެރެއެވެ. ކާށި ދިނީމައި ޓީވީ ބަލަން ސިނަމާއަށް ވެއްދި ދުވަސްވަރުގެ ހިތި ތަޖުރިބާވެސް އަހަރުމެން ކުރީމެވެ. މަންމަމެން ވަލުން ގެނެސްފައި ހުންނަ ކާށިކޮޅު ވަގަށް ނަގައިގެން ނޫނީ ދުވާލުދާ ހަތަރު ދަމު ވަލުގައި ހިނގައިގެން އެއްކުރާ ކާށިކޮޅު ދީފައި ޓީވީ ބަލަން ވަދެ ތިއްބައި ކިތަން ރެޔަކު ޓީޗަރުން އައިސް ފަހާލިއެވެ. ފަހުން ފަހުން ސިނަމާއަށް ދިޔުންވެސް ބޮޑު ވޭނަކަށެވެ.

އަހަރުމެން ފަސްވަނަ ކްލާހުގައި އުޅުނުއިރު، އެއްރޭ މިސްކިތުގައި ސަކަރާތްޖަހަން އުޅެނިކޮށް ޓީޗަރަކަށް ފެނިގެން އަނެއް ދުވަހު ސްކޫލަށް ދިޔަތަނާ ރިޕޯޓް ނަގައި ބަޔާނެއްގައި ސޮއިކުރުވާ ހެދިއެވެ. އެދުވަހު ސްކޫލް މިދިގިލި ގަހުން ވެއްޓިފައި އިން ދޮން މަދެއް ކްލާހުގައި އިނދެގެން ކާލި ކަމަށްޓަކައި ދޮން މަދު ކާލައިގެން ކަރުބުޑުގައިލީ ފޮނިރަހައިގެ ދެގުނަ ހިތި ރަހަ ކަރުބުޑުގައި ލައްވާލިއެވެ. މިވާހަކަތައް މިހެން ދައްކާއިރުވެސް، މިއީ އިލޮށިފައްޗާއި އެއްތެޔޮ ބުރިޔާއި ދަގަނޑު ފަތިގަނޑުގެ ޒަމާން ނޫންކަން އެނގެއެވެ. މިހާރު ކުއްޖަކު ވާޓަރު މަތީގައި މަސްބާނަން ހުއްޓައި ފެނުނަސް އެކުއްޖާ ފޮނުވާލުމުގެ ބަދަލުގައި ކޮނޑުގައި ޖަހާލައިފައި ދޭނީ ހިތްވަރާއި ސާބަހެވެ. ބުނަން މިއުޅޭ ވާހަކައަކީ އަނދަ ގޮނޑި ޖަހައިގެން ފޫކޮޅުން ހަންނަގައިގެން އަވީގައި ޑެސްކް ބޮލަށް އަރުވާފައި ބައިތިއްބައިގެން އުޅުނުއިރު، ކުދިން މާތައްކަތު ވާހަކައެވެ. މިހާރު ކުއްޖާއަށް ދެވޭ ދޭއް ނޫނީ ތިން ދުވަހުގެ ސަސްންޕެންޝަން ވެފައި އޮންނަނީ ކުއްޖާއަށް ލިބޭ ''އޮފް'' ޑޭއަކަށެވެ. ކްލާސްތަކަށް ބަރާބަރަށް ޙާޒިރުވެ އެކަމަކު އެއްޗެއް ނުކިޔަވާ ތާނގައި އެހެން ކުއްޖަކު ކިޔެވިޔަވެސް ނުދެނީއެވެ. '' ނުމެ ދާނަމެވެ. ނުމެ ކާނަމެވެ'' އެހެންނުންތޯއެވެ

Tuesday, April 1, 2008

އަތޮޅު ޚާއްޞަ ޚަބަރު: ނ. އަތޮޅުގައި ހަ ތަރީގެ ރިޒޯޓެއް ތަރައްޤީ ކުރުމަށް އެމްޓީޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި



ނ. އަތޮޅުގައި ރިޒޯޓެއް ތަރައްޤީކުރުމަށް ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ރިޓްޒް ކާލްޓޮންއާއެކު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްޑީސީޑީން ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން ރިޒޯޓެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީޑީގެ ރަށެއްކަމުގައިވާ ނ. އަތޮޅުގެ އެކުޅިވަރެވެ. 2010 ވަނަ އަހަރަށް ނިންމަން ހަމަޖެހިފައިވާ މިރިޒޯޓަކީ ހަތަރީގެ ރިޒޯޓެކެވެ. މިއީ އެމްޓީޑީސީގެ 20 ޕަސަންޓް ހިއްސާ އަދި ރިޓްޒް ކާލްޓޮންގެ 80 ޕަސަންޓް ހިއްސާގެ ރިޒޯޓެކެވެ. ރިޓްޒް ކާލްޓޮންއިން ސަތޭކަ ފަނަރަ މިލިޔަން ޑޮލަރު އިންވެސްޓް ކޮށްގެން ތަރައްޤީކުރާ މިރިޒޯޓްގައި ސަތޭކަ އައްޑިހަ އެނދު ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސް ވުމުގައި އެޓީސީޑީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސޯލިހެވެ. އަދި ރިޓްޒް ކާލްޓޮންގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޕްރެޒިޑެންޓް އޮފް ހޮޓެލް ޑިވެލޮޕްމެންޓް އޮފް އޭޝިޔާ ޕެސިފިކް ޝޯން ހިލްއެވެ. ހަތަރީގެ މިރިޒޯޓުގެ ސަބަބުން ނ. އަތޮޅު ތައްރައްޤީގެ އާއުސްމިންތަކަށް ވާސިލުވުމަށް މަގުފަހި ވެގެންދާނެ ކަމަށް ބެލެވެއެވެ

ރިޕޯޓް: އީސާ މޫސާގެ ހީވާގި މަސައްކަތަށް ތަޢުރީފު ޙައްޤު





މަނަދޫގައި ހިގަމުންދާ މަޝްރޫޢުތައް ގިނަކަމުން ކޮންޓްރެކްޓް މަސައްކަތްކުރާ މަނަދޫގެ ގުރޫޕްތައް ވަނީ ވަރަށް ބޮޑަށް ބިޒީ ވެފައެވެ. އާއްމު ރައްޔިތުންގެ އެތައްބަޔަކު ކޮންޓްރެކްޓް މަސައްކަތްކުރާ ގްރޫޕްތަކަށް މަސައްކަތް ކޮށްދިނުމަށް ދަނީ އާދޭސް ކުރަމުންނެވެ. ނަމަވެސް ގުރޫޕްތަކުން ކުރަމުންދާ މަސައްކަތްތައް ގިނަކަމުން ވަނީ ސަލާމަތް ނުވެވިފައެވެ. އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރު ޢިމާރާތްކޮށްދޭނެ ފަރާތެއް ނެތުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ކުރިން މަސައްކަތްކުރާ ގުރޫޕެއްގެ ލިޑަރ އަދި މިހާރު ސަރުކާރުގެ ވަޒީފާ ވަރަށް ބުރަކޮށް މަނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވަމުން އަންނަ މަނަދޫ ރީތިގަސްދޮށުގޭ ޢީސާ މޫސާ ވަނީ ވަރަށް ޚާއްޞަ މަސައްކަތެއް ފައްޓަވާފައެވެ. އެގޮތުން ރަށުންބޭރު ގްރޫޕްތައް ޢީސާ މޫސާ ގެ ލިޑަރ ކަމުގައި މަނަދޫއަށް ގެންނަވައި މަނަދޫގައި ނުކުރެވިހުރި ކޮންޓްރެކްޓް މަސައްކަތްތައް ދަނީ ކުރައްވަމުންނެވެ. އެގޮތުން ބައެއް ގޭގެ ހެދުމާއި ނަރުދަމާ ނިޒާމުގެ ޖަންގްޝަން ބެހެއްޓުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުންވެސް ސީދާ ޢީސާ މޫސާގެ ބެއްލެވުމުގެ ދަށުން ނަރުދަމާގެ ޑްރެއިން ބެޑް ހެދުމާއި، ޖަންގްޝަން އެޅުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. އީސާ މޫސާ އަކީ ސަރުކާރުގައި ބުރަކޮށް މަސައްކަތް ކުރައްވަން ޖެހުނުކަމުގައި ވިޔަސް ފޫހިފުޅުކަމެއް ނެތި ، އެމަސައްކަތުގައި ވަރަށް އަވަދިނެތި އުޅުއްވާ ކޮންޓްރެކްޓް މަސައްކަތް ކުރުމުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. މީގެ އިތުރުން މަނަދޫގެ ފުޓްބޯޅައަށް ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވަމުން އަންނަ އަދި މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ

މަނަދޫ ޕޮލިސް ސްޓޭޝަނުން މިރޭ ޑިނަރ ނައިޓެއް ބާއްވަނީ




ފުލުހުންގެ 75 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި މަނަދޫ ޕޮލިސް ސްޓޭޝަނުން ބާއްވާ ޚާއްޞަ ޑިނަރ ނައިޓެއް މިރޭ މަނަދޫ ޕޮލިސް ސްޓޭޝަނުގައި ބޭއްވުމުގެ ތައްޔާރީތައް ކުރިއަށް އެބަދެއެވެ. އެގޮތުން ޑިނަރ ނައިޓަށް ސްޓޭޝަންގެ ގޯތިތެރެ ތައްޔާރު ކުރުމުގެ މަސައްކަތް ފުލުހުންނާއި މަސައްކަތު މީހުން ގުޅިގެން ވަރަށް ފޯރީގައި ކުރިއަށް ގެންދާކަމަށް އެމް.އެލްއަށް މަޢުލޫމާތު ލިބިފައިވެއެވެ

މަގޭ ރިޕޯޓް: އަހަރުމެންގެ ނަސީބު ހަމަ ގަދައި ދޯ

ލިޔުނީ: އަލިފު - ސީނު



އަހަރުމެންގެ އަތޮޅަކީ ރާއްޖެގައި އެންމެ ކޯޅުން ގިނަ އަތޮޅޭ ބުންޏަކަސް ހައިރާންވާން މީހަކު ނޫޅޭނެއެވެ. މީ އަހަރުމެންގެ ކާބަފައިންގެ ޒަމާނުއްސުރެވެސް މިކަން ހިނގަމުން އަންނަ ގޮތެވެ. އަތޮޅުވެރިކަމާއި، ތަރައްޤީގެ އެހެނިހެންވެސް ކަންތަކުގެ ދަހިވެތި ކަމުގައި ފައި ވިއްދާފައި ތިބި ރަށްތައް އަދިވެސް އެތިބީ އެސަޤާފަތުގައި ހިފަހަށްޓައިގެންނެވެ. އެރަށުގައި ހުންނަ ކަހަލަ އަތޮޅު އޮފީހަކާއި، ބޮޑު ހޮސްޕިޓަލަކާއި، ރީތި މިސްކިތަކާއި މިރަށުގައިވެސް ހުންނަން ޖެހޭނެއެވެ. މިރަށުގެ އާބާދީ އެރަށަށް ވުރެ މާޑެވެ. އެހެންވީމާ އަތޮޅުވެރިކަން ކުރަން ކުފޫހަމަވަނީ މިރަށެވެ. މީ އެބައިމީހުން ދުނިޔެ އަބަދަށް ކުރަމުން އަންނަ ބަލިކަށި ދަޢުވާއެކެވެ. އަދިވެސް އެބައިމީހުން އެތިބީ މިދަޢުވާ ކާމިޔާބުވާނެ ދުވަހަކަށް ބަލަބަލައެވެ. ބުޅާ މަސްގަނޑަށް ބަލާހެން އެވެރިން އެތިބެނީ ފުރުޞަތެއް ލިބޭތޯ ހަމަ ކިރިޔަ ކިރިޔާއެވެ

ކޮންމެއަކަސް މިވެރިންގެ ރުންކުރު ދެކޮޅުވެރިކަމުގެ ޙަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން އަހަރުމެންގެ ލޮބުވެތި މަނަދޫ ފަސްގަނޑުން މާސިންގާ ކަނޑު ހުރަސްކޮށް އަތޮޅުވެރިކަން ހޮޅުދޫއަށް ދަތުރު ކޮށްފައިވާކަން ތާރީޚު ހެކިދެއެވެ. ނަމަވެސް ދާދި އަވަހަށް އެވެރިކަން މަނަދޫ ފަސްގަނޑަށް ވަނީ އިޔާދަ ވެފައެވެ. ޒުވާނުންގެ އުއްމީދު ކަމުގައިވާ ޒޯން 2 ގެ ސްޓޭޑިއަމް ކެނދިކުޅުދޫއަށް ގެންދިޔައީ އެމީހުންގެ ނުހަނު ބުރަ މަސައްކަތުންނެވެ. މިކަން ވެގެން ދިޔައީ އަހަރުމެން ޒުވާނުންގެ ފޮނި އުއްމީދުތައް ފުނޑު ފުނޑު ވީ ކަމަކަށެވެ. ނަމަވެސް މާތްﷲ ގެ ވާގިފުޅުން އެއްކަލަ ސްޓޭޑިއަމް އަޅާގޮތަށް ހަމަޖެހިފައި އޮތީ މަނަދޫ ފަސްގަނޑުގައެވެ. ޓީވީއެމް ބިއުރޯތައް އުފެދުމާއި ގުޅިގެން އެކަމުގެ ދަހިވެތިކަމުގައި ބައެއް ރަށްރަށުން ބޮޑެތި ވަފުދު ތަކައިގެން ކަމާއިބެހޭ ފަރާތްތަކާއި ބައްދަލުކުރަމުން ގެންދިޔައެވެ. އެކަމަކު އެއްކަލަ ޓީވީ ބިއުރޯވެސް ފަހުވަގުތު އެހުރީ އަހަރުމެން ރަށުގައެވެ

ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްވެސް މަނަދޫ ފަސްގަނޑުގައި އެހުރީ ދެތިން ރަށަކުން އެ ބްރާންޗް ގެންދަން ފޫގަޅާލާފައި މަސައްކަތް ކުރަނިކޮންނެވެ. ފެން ޕްލާންޓާއި ނަރުދަމާ ނިޒާމުގެ ކަންތައްތައް އަހަރުމެން ރަށަށް ހަމަޖެހިގެން ދިޔުންވީ، އެއްކަލަ ޖައްސާލައިފައި ތިބި އާބާދީ ބޮޑު ރަށްތަކުގެ މީހުން މިކަންކަން އަތުލުމަށް ކުރަމުން ގެންދިޔަ މަސައްކަތްތަކާއި ކުރަމުންދިޔަ އުއްމީދުތައް ވަޔަށް ބުރައިގެން ދިޔަ ކަމަކަށެވެ

ކޮންމެއަކަސް މިހިރަ މިހިރަ ކަންކަމަކީ ނުފޫޒު ގަދަ ބަޔަކު އޭގެ ދަހިވެތި ކަމުގައި ރޭގަނޑާއި ދުވާލު، ވާރެޔާއި އަވީގައި، ފިންޏާއި ހޫނުގައި ދަމާ ރޮއްޖަކަށް ފޫގަޅައިގެން މަސައްކަތް ކުރަމުން ދަނިކޮށް، އަހަރުމެންގެ ނަސީބު ގަދަކަމުން އެޔޯމެންނަށް ނުލިބި މިޔޯމެންނަށް ލިބިފައިހުރި ކުރިއެރުމާއި ތަރައްޤީއެވެ. ޙަޤީޤަތުގައި އަހަރުމެން ރަށްރަށުން އެބައިމިހުން ކުރި ވަރަށް މަސައްކަތް ކުރިބާއެވެ؟ މީ އަދި މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ބޮޑުއަށީގައި އޮތިމާ ވާވަރެވެ. އަތްފައިގެ ނާރުތައް ޕުއްޕާލާފައި މިފަދަ ކަންކަމާއި އުޅެލައިފިއްޔާ އަދި ކިހާވަރެއް ވާނެބާއެވެ؟ މީހާރު މިކަމުގެ ކޮޅުމަތި ފެންނަހެން އެބަހީވެއެވެ