Friday, February 29, 2008

މަނަދޫ އޮފީހުން ރައްޔިތުންނާ ބައްދަލުކޮށްފި


މަނަދޫ އޮފީހުގެ ފަރާތުން މިރޭ ( 29 ފެބްރުއަރީ 2008 ) މަނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ. މިރޭ 9:00 ގައި މަނަދޫ ޕްރީސްކޫލުގައި ބޭއްވި މި ބައްދަލުވުމުގައި މަނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރާ ރަށަކަށް މަނަދޫ ހޮވިފައިވުމުން އެކަމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ދެއްވިއެވެ. މި ބައްދަލުވުމުގައި މަނަދޫ އެންމެ ފަހުން ގޯތި ދޫކުރިއިރު 4000 އަކަފޫޓްގެ ބަދަލުގައި 3000 އަކަފޫޓްގެ ގޯތި ދޫކޮށްފައިވާތީ އެކަމުގެ ޝަކުވާ ޕެންޒީމާގޭ އިސްމާޢީލް ޢުމަރު ކަތީބަށް ހުށަހެޅިއެވެ. ކަތީބު ވިދާޅުވީ އެގޮތަށް ހަމަޖައްސަވާފައިވަނީ ސަރުކާރުން އެގޮތަށް އަންގަވައިގެން ކަމަށެވެ. އެމް.އެލް އަށް އެގިފައިވާ ގޮތުގައި މިފަހަރު ގޯތި ލިބުނު މީހުން މި ޝަކުވާއާއެކު އަތޮޅުވެރިޔާއާވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުވުމުގައި މަނަދޫ ކަތީބު ސަޢީދު ގާސިމް އާއި މަނަދޫ ކުޑަކަތީބު އައްބާސް ނޫހު ބައިވެރިވެވަޑައިގެންނެވިއެވެ

މަނަދޫގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ފަށްޓައިފި

މަނަދޫގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ފަށްޓައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން މިރޭ ( 29 ފެބްރުއަރީ 2008 ) މަޣުރިބް ނަމާދުގެ ފަހުން މަސްޖިދިލް އަމާން ( އިރުމަތީ އަވަށު ފިރިހެނުންގެ މިސްކިތް ) ގައި ދީނީ ނަސޭހަތް ދިނުން އޮތެވެ. ދީނީ މަޢުލޫއަށް ވާހަކަ ދެއްކެވީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމްއެވެ. މިޕްރޮގްރާމަކީ މަނަދޫ އޮފީހުން ހުއްދަ ދެއްވައިގެން ކޮންމެ ހަފްތާއަކު އެއް ފަހަރު ކޮންމެވެސް އެއް މިސްކިތެއްގައި ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މިއީ މި ޕްރޮގްރާމުގެ ދަށުން ބޭއްވުނު ދެވަނަ ނަސޭހަތް ދިނުމެވެ. މިރޭ އެކަށީގެންވާ ގިނަ އަދަދަކަށް މީހުން ހާޒިރުވިއެވެ. ނަސޭހަތް އަޑު އެހުމަށް ހާޒިރުވެ ތިބި ބައެއް މީހުން މިސްކިތުގެ ބޭރުގައިވެސް ތިއްބެވެ

ގައުމީ ދުވަހުގެ ޓާސްކްފޯސް ކޮމެޓީގެ ޗެއާރޕާސަނަކަށް ކުޑަކަތީބު ޢައްބާސް ނޫޙް ހޮވިއްޖެ

އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް މަނަދޫގައި ހިންގޭ ހަރަކާތްތައް ވިލަރެސްކުރާ ޓާސްކްފޯސް ކޮމެޓީގެ ޗެއާރޕާސަނަކަށް މަނަދޫ ކުޑަކަތީބު އަލްފާޟިލް ޢައްބާސް ނޫޙް ހޮވިއްޖެއެވެ. ޓާސްކްފޯސް ކޮމެޓީގެ ބައްދަލުވުމުގައި ޤައުމީ ދުވަހާ ގުޅިގެން ކުރަން ރާވާފައިވާ ކަންތައްތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. މި ޓާސްކްފޯސް ކޮމެޓީއާބެހޭ އިތުރު މަޢުލޫމާތު ވަރަށް އަވަހަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

މަނަދޫ ހުޅަނގުކޮޅު ކުޑަކުދިންގެ ޕާކް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

މަނަދޫ ހުޅަނގު އަވަށުގައި ކުޑަކުދިން ކުޅެން ހަދާފައިވާ ޕާކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިގެން މިއަދު ކުރިއަށް އެބަދެއެވެ. ހުޅަނގު އަވަށު ޒުވާނުންތަކެއް އިސްނަގައިގެން ކުރަމުންމިދާ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވަނީ އިރަމާގޭ ޢަބްދުއްރަޝީދާއި ދޮންވެލި ޔޫސުފް އިބްރާހީމެވެ. ޕާކް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ޕާކުގައިހުރި ބުރުތައް އަލުންރޭނުމާއި ސިމެންތި ޖެހުމާއި ތަށިމުށި ޖެހުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޕާކް މަރާމާތު ކުރުމުގެ މަސައްކަތަށް އެދެވޭ ތަރުހީބެއް ހުޅަނގުމަތީ އަވަށުން ލިބެމުންދާކަމަށް ޢަބްދުއްރަޝީދު ބުނުއްވައެވެ. މަނަދޫގެ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތަކަށް މިބްލޮގުން މަރުޙަބާ ކިޔާ ސާބަސް ދެމެވެ

ނ. އަތޮޅު މަދަރުސާއަށް މާދަމާ 29 އަހަރު ފުރޭނެ


މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާއަށް މާދަމާ ( 1 މާޗް 2008 ) ގައި 29 އަހަރު ފުރޭނެއެވެ. އަތޮޅު މަދަރުސާގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވޭ ޚާއްޞަ ރަސްމިއްޔާތުތަކާގުޅޭ ޚަބަރާއި ފޮޓޯ އަޕްޑޭޓް ކުރަމުންދާނެ ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ދުވަހުގެ ޚާއްޞަ ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ. މި ކުޅިވަރުތައް އޮންނާނީ ނ. އަތޮޅު އޮފީހުގެ އުތުރު ފަރާތުގައި އޮންނަ ހުސްބިމުގައެވެ

Thursday, February 28, 2008

ވެބްސައިޓެއް ހެދުމަށް މަނަދޫ ކަތީބު ހުށަހަޅުއްވައިފި

ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުން ފާހަގަ ކުރުމަށް ހިންގާ ޕްރޮގްރާމްތައް ވެބްސައިޓެއް މެދުވެރިކޮށް އެންމެ ތާޒާ ކަމާއެކު ހުރިހާ އެންމެންނަށް ގެނެސްދިއުމަށް ޚާއްޞަ ވެބްސައިޓެއް ހެދުމުގެ ޚިޔާލު އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ކަންތައްތައް ކުރާ ޓާސްކްފޯސް ކޮމެޓީއަށް މަނަދޫ ކަތީބު އަލްފާޟިލް ސަޢީދު ޤާސިމް ހުށަހަޅުއްވައިފި ކަމަށް މި ބްލޮގަށް މަޢުލޫމާތު ލިބިއްޖެއެވެ. މިއީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރަނގަޅު ކަމެކެވެ. މި ބްލޮގުގެ ޕޯލުން ދައްކާ ގޮތުގައި ނ. އަތޮޅު މަދަރުސާއަށް ތިރީސް އަހަރު ފުރެން އުޅޭތީ ޚާއްޞަ ޕްރޮގްރާމެއް ހިންގަން އުޅޭ ކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ

ފެމެލީ ސެންޓަރުން ދީނީ ދަރުސެއް މަނަދޫގައި ބާއްވައިފި

މަނަދޫގައި ހުންނަ ނ. އަތޮޅު ސޯޝަލް ޕްރޮޓެކްޝަން ސާރވިސް ސެންޓަރުން ދީނީ ދަރުސެއް 28 ފެބްރުއަރީ 2008 ވީ ބުރާސްފަތި ދުވަހުގެރޭ ބާއްވައިފިއެވެ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ދަރުސްގައި އިސްލާމީ ނަޒަރަކުން ދަރިން ތަރުބިއްޔަތު ކުރުމާއި މައިންބަފައިންގެ ޒިންމާތަކާ ބެހޭގޮތުން ނާއި ވަރީގެ ނުބައި ކަމާބެހޭގޮތުން ވާހަކަ ދެއްކެވިއެވެ. މި ދަރުސް ދެއްވީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމެވެ. މީނާއަކީ މަދީނާއިން ގްރެޖްއޭޓް ވެފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލިހުން ދެއްވާފައިވާ ބޭކަލެކެވެ. މީނާއަކީ ނ. އަތޮޅު މަދަރުސާގެ އިސްލާމް މުދައްރިސެކެވެ. 300 މީހުންނަށް ދައުވަތު ދެއްވައިގެން ބޭއްވި މި ދަރުސް އަޑުއެހުމަށް ދިޔައީ ގާތްގަޑަކަށް 100 . . މީހުންނެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ

މަނަދޫ ގަސްކަރަ ފާތުމަތު އަލީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފި

މަނަދޫ ގަސްކަރަ ފާތުމަތު އަލީ ( އައްޔަބޭގެ ފާތުމަ ) މާލޭ އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ. މި ބްލޮގަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެޑްމިޓް ކުރީ ވަރަށް ބޮޑަށް ބަލިވެގެންނެވެ. ޑޮކްޓަރުން ޝައްކު ކުރައްވަނީ ކިޑުނީގެ ބައްޔެއް ކަމަށެވެ. އަދި ޓެސްޓްތަކުގެ ފުރިހަމަ ނަތީޖާ ނުލިބޭތީ ބަލި ޔަގީން ނުވާކަމަށް އާއިލާގެ މެންބަރަކު މަޢުލޫމާތު ދެއްވިއެވެ. އޭނާއަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކުރަމެވެ

Wednesday, February 27, 2008

ލަންދޫ ޒުވާނުންގެ ޖަމުއިއްޔާ ސެމީ ފައިނަލަށް ގެންގޮސްދިނީ މަނަދޫ ޒުވާނުން

ދިވެހިލީގު ނ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ލަންދޫ ޒުވާނުންގެ ޖަމުޢިއްޔާ ހިގައްޖެއެވެ. ހޮޅުދޫ އިސްދަރިވަރުންގެ ޖަމުއިއްޔާ އާ ބައްދަލުކުރި މެޗް ގައި އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން 4 ޕޮއިންޓް އަދި ފައިދާ 2 ގޯލާއިއެކު ލަންދޫ ޒުވާނުންގެ ޖަމުއިއްޔާ ސެމީ ފައިނަލަށް ދިޔައީ އެޓީމުގައި ކުޅޭ މަނަދޫގެ 5 ކުޅުންތެރިން ވަރަށް ބޮޑު ހިއްސާއެއް އޮވެގެންނެވެ. މި 5 ކުޅުންތެރިންނަކީ އަބުދުލް ހަލީމް ، އިބުރާހިމް ނައުފަލް، އަބުދުﷲ އިޔާސް، އަހުމަދު ނަސީމް އަދި އާދަމް ފަހީމް ހިމެނެއެވެ. މި މުބާރާތް ކުޅެވެނީ ހޮޅުދޫ ފުޓްބޯޅަ ދަނޑުގައެވެ. ނ. އަތޮޅުގައި ފުޓްބޯޅަ ސްޓޭޑިއަމް ހެދިފައިވަނީ ކެނދިކުޅުދޫގައި ކަމަށްވިޔަސް އަދި އެރަށަކު އަތޮޅު މުބާރާތް ބާއްވާފައެއް ނުވެއެވެ

މަނަދޫ ރޯޝަނީގެ އައިޝަތު ޙުސައިން (ކުޑަ އައިސަ ދައިތަ) ނިޔާވެއްޖެ

މަނަދޫ ރޯޝަނީގޭ އައިޝަތު ޙުސައިން (ކުޑަ އައިސަ ދައިތަ) ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ނިޔާވިއިރު ކުޑަ އައިސަ ދައިތަގެ ޢުމުރަކީ 70 އަހަރެވެ. އެމް.އެލް އަށް ޚަބަރު ލިބިފައިވާ ގޮތުގައި ކުޑަ އައިސަ ދައިތަ ނިޔާވީ ވަރަށްގިނަ ދުވަހު ބަލިވެ އުޅުމަށްފަހުއެވެ. މަރުހޫމާ މިއަދު 7:30 ގައި މަނަދޫ ޤަބުރުސްތާނުގައި ވަނީ ފަސްދާނު ލެވިފައެވެ. މަރުޙޫމާ އައިޝަތު ޙުސައިންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ

Mobile Camp to treat and diagnose diseases in N. Atoll Hospital


A mobile camp to treat and diagnose psychology, E.N.T and hematology diseases has been held on the 15th to 18th of February 2008. It was held in the N. atoll hospital. This camp was held by the Ministry of Health in collaboration with the Department of Medical Services, IGMH, Regional Hospital of N. Atoll. The medical team consists of 3 doctors from the IGMH. people from the N. Manadhoo Hospital and 1000 people had registered in this mobile camp. In succession, more of these camps are to be pursued in the other regions as well.


ޓާސްކްފޯސް ކޮމެޓީއަށް ބަދަލު ގެންނަވައިފި

ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސް ކޮމެޓީގެ ބައެއް މަގާމުތަކަށް އާ ބޭފުޅުން ހަމަޖައްސަވައިފިއެވެ. އަލަށް ކޮމެޓީއަށް ހަމަޖެއްސެވި ބޭފުޅުންނަކީ ކޮމެޓީގެ ވައިސް ޗެއާޕާރސަނަކަށް މަނަދޫ ކަތީބު އަލްފާޟިލް ސަޢީދު ޤާސިމު، ސެކްރެޓަރީއަކަށް ނ. އަތޮޅު މަދަރުސާގެ ސުޕަވައިޒަރ ޢަބްދުއްސައްތާރު މުޙައްމަދެވެ. ކުރިން ވައިސް ޗެއާޕަރސަންއަކަށް ހުންނެވި އަލްފާޟިލް މުޙައްމަދު މާހިދު އާއި ސެކްރެޓަރީ އަކަށް ހުންނެވި އަލްފާޟިލް ސަޢީދު އިބްރާހިމް ( އަތޮޅުވެރިޔާގެ އެހީތެރިޔާ ) މަސައްކަތް ހުންނެވިގޮތުން އިސްތިޢުފާ ދެއްވީއެވެ. މިކޮމެޓީގެ ޚަޒާންދާރުކަންވެސް ވަގުތީ ގޮތުން އަލްފާޟިލް ޤާސިމް ދާޢޫދު ( މާޅެންދޫ ކާސިންފުޅު ) އާވަނީ ޙަވާލުކުރައްވާފައެވެ. އެއީ ޚަޒާދާރު ކަމުގައި ހުންނެވި އަލްފާޟިލް ޚާލިދު މުޙައްމަދު ( ފިލިގަސްދޮށުގެ ) ކޮމެޓީއަށް ވަޑައިގަތުމަށް އުޒުރުވެރިވެ ލައްވާތީއެވެ. މިކޮމެޓީގެ ޗެއަރޕާސަނަކީ ނ. އަތޮޅުވެރިޔާގެ އެހީތެރިޔާ މަނަދޫ ޖައުޒާ އަލްފާޟިލް ޢަބްދުﷲ ޢަބްދުލްވާޙިދެވެ

Tuesday, February 26, 2008

މިއަހަރު އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރާ ރަށަކަށް މަނަދޫ ހޮވިއްޖެ








އަތޮޅު ފެންވަރުގައި މިއަހަރު ޤައުމީ ދުވަސް ފާހަގަ ކުރާ ރަށަކަށް މަނަދޫ ހޮވިއްޖެއެވެ. ނ.އަތޮޅު ކުރިއަރުވާ ކޮމެޓީން މި ފުރުސަތު މަނަދޫއަށް ދިނީ އަތޮޅު ކޮމެޓީން 20 ހާސް ރުފިޔާ އެކަމަށް ޚަރަދުކުރަން ނިންމާފައެވެ. މިފައިސާގެ އިތުރުން މިދުވަހަށް މަނަދޫއަށް އަންނަ ޢިއްޒަތްތެރިންގެ ކެޔުމާއި ތިބުމުގެ ޚަރަދު ކުރާނީ އަތޮޅު ކޮމެޓީން ކަމަށް ޚަބަރު ލިބިފައިވެއެވެ. މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަ ކުރަން މަނަދޫ ހޮވުނީ އެކަމަށް އެދި މަނަދޫ ރަށްކުރިއަރުވާ ކޮމެޓީން ހުށަހެޅި ޕްރޮޕޯޒަލަކަށް ފަހުގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ނ. އަތޮޅުގެ އެހެން ރަށަކުން ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަ ކުރާކަށް ހުށަހަޅާފައެއް ނުވެއެވެ. މަނދޫގެ ވެރިންނާއި ރަށްކުރިއަރުވާ ކޮމެޓީން ޤައުމީ ދުވަސް މަނަދޫގައި އަތޮޅު ފެންވަރުގައި ފާހަގަކުރަން ނިންމި ނިންމުމަށް މަރުޙަބާ އެވެ.

އަޅުގަނޑު މިހިރީ އަދިވެސް ވެލެންސިޔާގައި - ދޮނާ


ރާއްޖޭގެ ޤައުމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާގައި މަނަދޫ ރައްޔިތުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މަނަދޫ ސޯސަންގޭ އަހުމަދު މުޙަންމަދު ( ދޮނާ ) އެވެ. ރާއްޖޭގެ މަޝްހޫރު ކުލަބެއް ކަމަށްވާ ކުލަބު ވެލެންސިޔާ އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި ދޮނާ އެޓީމުގެ މެނޭޖަރުކަމުން ދާދިފަހުންވަނީ ބަދަލުކޮށްފައެވެ. ވެލެންސިޔާގެ މެނޭޖްމަންޓް ގަނެފައިވާ ޔޮޓު ޓުއާސްގެ ވެރިޔާ ޢަބްދުﷲ ޖާބިރު ދޮނާ ވެލެންސިޔާގެ މެނޭޖަރުކަމުން ވަކިކުރެއްވީ ވެލެންސިޔާގައި ފައިސާނެތް ވާހަކަ ހަވީރު ނޫހަށް ދޮނާ ވިދާޅުވުމުންނެވެ. މި މައްސަލައިގައި އެމްއެލް އަށް މަޢުލޫމާތު ދެއްވަމުން ދޮނާ ވިދާޅުވީ އަދިވެސް މިއުޅެނީ ވެލެންސިޔާއާއެކުގައި ކަމަށާއި އަދިވެސް ޖާބިރު ވެލެންސިޔާއަށް ޚަރަދު ނުކުރައްވާ ކަމަށެވެ. " ޚަރަދު ކުރައްވާނެ ކަމަށް ހީވާތީ މަޑު މިކުރަނީ. މިއީ އަޅުގަނޑުމެންގެ ކުލަބެއް. ޖާބިރު ހައްދަވާ ގޮތެއް ބަލާފައި އޭޕްރީލްގައި އަޅުގަނޑުމެން އޭނާއާ ދެކޮޅަށް ތެދުވާނަށް. ވައުދުވެފައިވާ ގޮތަށް ޚަރަދު ނުކުރައްވާނަމަ އޭނާ ވެލެންސިޔާ ޖެހިވަޑައިގަންނަވާނީ ދޫކޮށްލައްވަން. " ދޮނާ ވިދާޅުވިއެވެ

ޒުވާނުންގެ " ޔޫތު ޝިފަށް" އެންމެ ބޮޑު ތަރުހީބެއް ލިބުނީ މަނަދޫން ކަމަށް ހާމަކޮށްފި


ދުވާނުންގެ ދުވަހާ ގުޅުވައިގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ކުރިއަށް ގެންދަވާ ޔޫތު ޝިޕްގެ ދަތުރަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ މަނަދޫން ކަމަށް ޔޫތު ޝިޕުން ދަތުރުކުރާ ދަތުރުވެރިން ހާމަކޮށްފިއެވެ. މަނަދޫން ޔޫތު ޝިޕަށް ކިޔާފައިވަނީ ވަރަށް ހޫނު މަރުޙަބާއެކެވެ. އަތޮޅު އޮފީހާއި ރަށު އޮފީހާއި ކުލަބު ޖަމްއިއްޔާތަކާއި މަނަދޫ ޒުވާނުން ގުޅިގެން ހިންގި މަރުޙަބާ ކިޔުމުގެ ޕްރޮގްރާމަށް ފަށްފަށުން ތަޢުރީފް ކުރަމެވެ. ރަށަށް ރީތިނަން ލިބޭނީ އެންމެ އެކަތިގަނޑަކަށްވެގެންނެވެ

Monday, February 25, 2008

އެއްގަމުގޭ ސަންފަދައިތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައި

ނ. މަނަދޫ އެއްގަމުގޭ ސަންފަދައިތަ މާލޭ އައިޖީއެމް ހޮސްޕިޓަލްގައި އެދުމަތި ކުރިފައިވާ ކަމަށް މި ބްލޮގަށް ޚަބަރު ލިބިއްޖެއެވެ. ސަންފަ ދައިތަ އެދުމަތި ކުރެވުނީ މުސްކުޅި ބަލީގައި ކަމަށްވެއެވެ. އޭނާ އޮންނަނީ އައިޖީއެމްއެޗްގެ ފަސްޓްފްލޯގެ 18 ނަމްބަރު އެނދުގައެވެ. އޭނާއަށް މާތްރަސްކަލާނގެ ހެޔޮގޮތް މެދުވެރިކުރައްވާށިއެވެ.

މަނަދޫގައި ވޭކަޕް ކެމްޕޭން

މަނަދޫއަކީ ރާއްޖޭގެ އެހެން ރަށްރަށުގެ ނިސްބަތުން މަސްތުވާ ތަކެތީގެ ވަބާ ކުޑަ ރަށެކެވެ. އެކަމަކުވެސް ވަރަށް މަދު ޒުވާން ކުދިންކޮޅެއް މިބަވާގައި ޖެހިފައިވެއެވެ. ހޭލުންތެރިކަމުގެ ގޮތުން މަނަދޫ ރައްޔިތުން އިތުރަށް ހޭލުންތެރިކުރެވިއްޖެނަމަ މިރަށަކީ ޑްރަގް ފްރީ ރަށަކަށް ހެދިދާނެއެވެ. އެކަމަށް އިސްނަގާ އުޅޭނެ ބަޔަކަށް މަނަދޫ އެބަ ގޮވައެވެ. ކުލަބު ޖަމުއްޔާ ތަކާއި ޒުވާނުންނާއި ސަރުކާރުގެ އޮފީސްތަކާއި މަނަދޫގެ ވެރިންނާއި ސްކޫލާއި އަތޮޅު ހޮސްޕިޓަލް ގުޅިގެން ކާމިޔާބު ކެމްޕޭނެއް ހިންގިދާނެއެވެ. އަޅުގަނޑުމެންގެ ދަރިން މަސްތުވާ ތަކެތިން ސަލާމަތް ކުރުމަށް މިއީ ރަނގަޅު ޚިޔާލެއްބާ؟

މަނަދޫ އަނބުގަސްދޮށުގޭ ޢަބްދުﷲ ނަޝީދަށް ނ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ދެއްވައިފި

މަނަދޫ އަނބުގަސްދޮށުގޭ އަލްއުސްތާޛު ޢަބްދުﷲ ނަޝީދަށް ނ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ދެއްވައިފިއެވެ. 24 ފެބްރުއަރީ 2008 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ޕްރެސްރިލީޒެއްގައި ވާގޮތުން މީނާއާއެކު ދެން އަތޮޅެއްގެ އިސް މެޖިސްޓްރޭޓްކަން ދެއްވި އަނެއް ބޭފުޅަކީ ކ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ދެއްވި ސ. މަރަދޫ ރޯޒް ގާރޑްން މުޙައްމަދު ސަމީރެވެ. މިއީ އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ދެއްވި ފުރަތަމަ ދެބޭފުޅުންކަމަށް ޚަބަރު ލިބިފައިވެއެވެ.

މަނަދޫ ލައިވް ( އެމް.އެލް ) އަށް މަރުޙަބާ

ތިޔަ ބޭފުޅުން ތިޔަ ބައްލަވަނީ މަނަދޫ ލައިވް ލައިވް އެވެ. މި ވެބް ބްލޮގަކީ މަނަދޫއާ ގުޅޭ ސައްޙަ ޚަބަރާއި ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް މަނަދޫ ޒުވާނުންކޮޅެއް ނެރެމުންދާ ވެބް ބުލޮގެކެވެ. މިއީ ސިޔާސީ ބުލޮގެއް ނޫނެވެ. އަޅުގަނޑުމެން މަސައްކަތްކުރާނީ ރަށާ ގުޅޭ އެންމެ ފަހުގެ ޚަބަރުތައް ގެނެސްދިނުމަށެވެ. މި ވެބް ބުލޮގަށް ލިބޭ ތަރުހީބަށް ބަލާ އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ވެބްސައިޓެއް ވުޖޫދަށް ގެނެވޭނެއެވެ.